މިނިވަން ނޫހުގެ ކުރީގެ ނޫސްވެރިޔާ އަހްމަދު ރިޟްވާން އަބްދުالله ގެއްލުވާލި މައްސަލައާއި ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލައިގެ ތުހުމަތަށް މީގެ ކުރިން ބަންދުކުރި އަހްމަދު މުއާޒު (ގަޓު މުއާ)އާއި މަޝްހޫރު ފިލްމީ ތަރި ޔޫސުފް ޝަފީއު (ޔޫއްޕެ) ވެރިކަންކުރާ ޕީއެންސީއާ ގުޅިއްޖެއެވެ.
ގަޓު މުއާ އާއި ޔޫއްޕެ ޕީއެންސީއާ ގުޅުނީ އީފާސް މެދުވެރިކޮށެވެ. އަދި މުއާއާއި ޔޫއްޕެ ޕީއެންސީއަށް ވަނުމުގެ އިގްރާރުގައި ސޮއިކޮށް އެ އިގްރާރު ވަނީ އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله އާ މިރޭ ހަވާލުކޮށްފައެވެ.
މުއާ އާއި ޔޫއްޕެ ހިމެނޭހެން ހަ މީހަކު ވަނީ މިރޭ ޕީއެންސީއާ ގުޅިފައެވެ.

ފިލްމީ ތަރި ޔޫއްޕެ ޕީއެންސީއަށް ސޮއިކޮށް ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމަށް އިގުރާރު ފޯމު ހަވާލުކުރުން --
ޔޫއްޕެ މީގެ ކުރިން ވަނީ އިދިކޮޅު އެމްޑީޕީގެ އިތުރުން، މަޝްހޫރު ވިޔަފާރިވެރިޔާ ޤާސިމް އިބްރާހީމްގެ ޖުމްހޫރީ ޕާޓީއަށް ވެސް ސޮއިކޮށް، އެ ޕާޓީތަކުގައި ވެސް ހަރަކާތްތެރިވެފައެވެ.
ފާހަގަކުރެވޭ ގޮތުގައި ކުރީގެ ނޫސްވެރިޔާ ރިޟްވާން ރަހީނުކޮށް ގެއްލުވާލުމާއި ބްލޮގަރު ޔާމީން މަރާލި މައްސަލައިގައި ތުހުމަތުކޮށް މުއާޒްގެ މައްޗަށް ދައުލަތުން އުފުލީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއެވެ.
އެހެންނަމަވެސް މި މައްސަލައިގައި އުފުލި ދައުވާ މަދަނީ މިންގަނޑުން ބަލާއިރު ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމައި އެ މައްސަލަ ބޭރުކޮށްލީ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާ ކުރިއަށް ގެންދެވޭ މިންވަރަށް ހެކި ނެތްކަމަށް ބުނެއެވެ.

"ގަޓު މުއާ" ޕީއެންސީއަށް ސޮއިކޮށް ޗެއާޕާސަން އަބްދުއްރަހީމަށް އިގުރާރު ފޯމު ހަވާލުކުރުން --
އެ ދައުވާތަކާ ގުޅިގެން މުއާޒު ހުރީ ގިނަ ދުވަސްތަކެއްވަންދެން ހައްޔަރުކޮށް ބަންދުކޮށްފައެވެ. އެހެންވެ އޭނާގެ ފަރާތުން ބަދަލު ހޯދުން އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީއެވެ.
އެހެންނަމަވެސް މި މައްސަލައިގެ ދައުވާލިބޭ ފަރާތްތަކުން ވަނީ މައްސަލަ ބެލުމާމެދު ކޯޓުގެ އިޙުތިސާސާމެދު ސުވާލު އުފައްދައި އިއުތިރާޒެއް ހުށަހަޅާފައެވެ. އެ މައްސަލަ ކުރިއަށް ނުގެންދެވޭނެކަން ސިވިލް ކޯޓުން ނިންމުމުން، މުއާޒްގެ ފަރާތުން ވަނީ އެ ކޯޓުގެ ނިންމުން އިސްތިއުނާފުކުރަން ހައިކޯޓަށް ހުށަހަޅައިފައެވެ. އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ، ދައުލަތުން އިޖުރާއީ އިއުތިރާޒެއް ނެގި ނަމަވެސް، ހައިކޯޓުން ނިންމީ ދައުލަތުގެ ހުށަހެޅުން ބަލައިނުގަތުމަށެވެ.