ޓެކްސް އެޕީލް ޓްރެބިއުނަލަށް ރައީސް ފޮނުއްވި ނަންތަކުގެ ތެރޭގައި ސުޕްރީމް ކޯޓުން ވަކިކުރި މަހާޒް

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު -- ފޮޓޯ/ ރައީސް އޮފީސް

ޓެކްސް އެޕީލް ޓްރެބިއުނަލަށް ދެ މެންބަރުން އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު, މަޖިލީހަށް ފޮނުއްވި ނަންތަކުގެ ތެރޭގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރި މަހާޒު އަލީ ޒާހިރު ހިމެނިވަޑައިގެންފިއެވެ.

ބޮޑު ޗުއްޓީއަކަށް ފަހު މާދަމާ މަޖިލިސް ފަށާއިރު އެޖެންޑާގައި ހުުރި ކަންތައްތަކުގެ ތެރޭގައި ޓެކްސް އެޕީލް ޓްރެބިއުނަލަށް ރައީސް ފޮނުއްވި ނަންތަކާ މެދު ގޮތެއް ނިންމުމަށް ކޮމިޓީއަށް ފޮނުވުން ހިމެނެއެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި އެ ޓްރެބިއުނަލަށް ކުރިމަތިލެއްވި ހަތް ބޭފުޅެއްގެ ނަން ރައީސް ވަނީ މަޖިލީހަށް ފޮނުއްވައިފައެެވެ. އޭގެ ތެރޭގައި މި ސަރުކާރުގެ މެޖޯރިޓީ އޮތް މަޖިލީހުން ކުއްލި ގޮތަކަށް މަގާމުން ދުރު ކުރެއްވި މަހާޒް ވެސް ހިމެނިވަޑައިގަންނަވައެވެ.

އެ ހަތް ނަމުގެ ތެރެއިން ރައީސް އިސްކަން ދެއްވި ތަރުތީބު އަދި ނޭނގެއެވެ.

ޓެކްސް އެޕީލް ޓްރެބިއުނަލްގެ ދެ މެންބަރުންގެ މަގާމު ހުސްވެފައި އޮންނަތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. އެ މަގާމަށް މީހުން ހޯދަން ތިން ފަހަރެއްގެ މަތިން ރައީސް އޮފީހުން އިއުލާނުކުރިއެވެ.

އެންމެ ފަހުން ޓެކްސް އެޕީލް ޓްރެބިއުނަލްގެ ރައީސްގެ މަގާމުގައި ހުންނެވީ މިހާރު އުއްތަމަފަނޑިޔާރަކަށް ހުންނެވި, ޢަބްދުލްޣަނީ މުޙައްމަދެވެ.

ސުޕްރިމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އިސްތިއުފާދެއްވައި، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު, މަގާމުން ވަކިކުރީ، މި ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުންނާއި، ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު، އިދިކޮޅުން ސުޕްރިމް ކޯޓަށް ވެއްދުމާ އެކު، ސުޕްރިމް ކޯޓުން އެ މައްސަލަ ބަލަނިކޮށެވެ.

އެ ގޮތުން، މިދިޔަ ފެބްރުވަރީ މަހު ޖޭއެސްސީން އަޒްމިރަލްދާއާއި މަހާޒާއެކު ފަނޑިޔާރު ހުސްނުއްސުއޫދު ސަސްޕެންޑުކުރިއެވެ. އެއަށް ފަހު ސުއޫދު މަގާމުން އިސްތިއުފާދެއްވީއެވެ. އަދި، މެއި 14 ވަނަ ދުވަހު މަޖިލީހުން ވަނީ މަހާޒާއި އަޒްމިރަލްދާ ފަނޑިޔާރުކަމުން ވަކިކޮށްފައެވެ.

ސުއޫދާއި އަޒްމިރަލްދާ ހިމެނޭ ގޮތަށް ގިނަ ބަޔަކު ވަނީ އެއީ ސަރުކާރުން ދުސްތޫރީ މައްސަލަ ބެލުން ހުއްޓުވުމަށް، ފަނޑިޔާރުންނަށް ބިރުދައްކައި، ކޯޓަށް ނުފޫޒު ފޯރުވަން ކުރި ކަމެއް ކަމަށް ތުހުމަތުކޮށްފައެވެ.

އެ މައްސަލައިގައި އެތެރެއާއި ބޭރުގެ އެކިއެކި އިދާރާތަކުންނާއި ގާނޫނީ ބޭފުޅުން ކަންބޮޑުވުން ފާޅުކުރަމުން ދިޔައިރު އެ ކަންބޮޑުވުންތަކަށް ބެލުމެއް ނެތި މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ދެ ފަނޑިޔާރުން ވަކިކުރަން ނިންމިއެވެ.

ފަނޑިޔާރުން ޖަވާބުދާރީވާން އެކަށިގެންވާ ފުރުސަތެއް ނުދޭކަމުގެ ކަންބޮޑުވުން އޮއްވައި، ކޮމިޓީން ނިންމީ އެ ފުރުސަތު ނުދިނުމަށެވެ. އަދި، މަޖިލީހުން ވެސް ކޮމިޓީގެ ނިންމުމާ އެއްގޮތަށް، ދެ ބޭފުޅުން ފަނޑިޔާރުކަމުން ވަކިކުރީ ޖޫން މަހުގެ 14ގައެވެ.

comment ކޮމެންޓް