އުކުޅުވަޅު ހުޅު ބަދަލުކުރުމަށް، ރާއްޖެއަށް އައު އޮޕަރޭޝަނެއް ހުޅުމާލޭ ހޮސްޕިޓަލުން މިއަދު ތައާރަފުކޮށްފިއެވެ.
ހުޅުމާލޭ ހޮސްޕިޓަލުން ބުނީ، އެ ހޮސްޕިޓަލުގެ ކަށީގެ ފަރުވާއަށް ޚާއްސަ ޓީމުން މިއަދު 'އެންޓީރިއާ ޓޯޓަލް ހިޕް ރިޕްލޭސްމެންޓް' ސާޖަރީއެއް ހަދައިފައިވާ ކަމަށެވެ.
އެ ސާޖަރީގައި އިސްކޮށް ހުންނެވީ ހުޅުމާލޭ ހޮސްޕިޓަލުގެ ސާޖަރީ ޑިޕާޓްމެންޓުގެ ހެޑް އަދި އޯތޮޕީޑިކްސް ކޮންސަލްޓެންޓް ޑރ. އާޒިމް އަބްދުލް ޝަކޫރެވެ.
އެ ސާޖަރީ ހެދީ، އުކުޅުވަޅު ހުޅުގެ ޓިޝޫތައް މަރުވެ، އެވެސްކިއުލާ ނެކްރޯސިސްގެ ސަބަބުން ތަދު ތަހަންމަލު ކުރަމުން އަންނަ މީހަކަށެވެ.
ހުޅުމާލޭ ހޮސްޕިޓަލުން ބުނީ މިއީ ރާއްޖޭގައި މިފަދަ ގޮތަކަށް މި ސާޖަރީ ހެދި ފުރަތަމަ ފަހަރު ކަމަށްވާއިރު، މިއީ ހޮސްޕިޓަލަށް ވެސް ލިބުނު ތާރީޚީ ކާމިޔާބީއެއް ކަމަށެވެ.
އުކުޅުވަޅު ހުޅު ބަދަލުކުރުމަށް އާންމުކޮށް ހަދާ ސާޖަރީއާ އަޅައިބަލާއިރު، މި ސާޖަރީގެ ތަފާތުތައް ވެސް ހުޅުމާލޭ ހޮސްޕިޓަލުން ފާހަގަކުރިއެވެ. އެގޮތުން މިއީ އާންމުކޮށް އޮޕަރޭޝަނަށް ފަޅާވަރަށް ނުފަޅައި ކުރިއަށްގެންދާ 'މިނިމަލީ އިންވޭސިވް ސާޖަރީ'އެއްކަން ފާހަގަކުރިއެވެ.

ހުޅުމާލޭ ހޮސްޕިޓަލުގެ އޮޕަރޭޝަން: ހުޅުމާލޭ ހޮސްޕިޓަލުގައި އުކުޅުވަޅު ހުޅު ބަދަލުކުރުމަށް ރާއްޖެއަށް އައު އޮޕަރޭޝަނެއް ވަނީ ތައާރަފުކޮށްފައި -- ފޮޓޯ/ ހުޅުމާލޭ ހޮސްޕިޓަލް
އެ ސާޖަރީން ޓިޝޫތަކަށް ލިބޭ ގެއްލުން ކުޑަވާ ކަމާއި، އޮޕަރޭޝަނަށްފަހު ތަދުވާ މިންވަރު ކުޑަވެ، ފަސޭހަވާން ނަގާ މުއްދަތު ކުރުވާ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
މިއަދު އައިޖީއެމްއެޗްގައި ވެސް ވަނީ ފުރަތަމަ ފަހަރަށް ސާޖަރީއެއް ހަދައިފައިވެއެވެ. އެއީ އެންޑޯސްކޮޕިކް ސްޕައިން ސާޖަރީ ނުވަތަ މައިބަދައަށް ކެމެރާ ލައްވައިގެން ކުރާ އޮޕަރޭޝަނެވެ.