ވޮޝިންޓަން (01 އޮކްޓޯބަރު 2025): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އެމެރިކާގެ ހަނގުރާމައާބެހޭ ވަޒީރު ޕީޓް ހެގްސެޓް، އެމެރިކާ ސިފައިންގެ އިސް ޖެނެރަލުންނާއި އިސް އެޑްމިރަލުންނާއި އެނޫން އިސްވެރިންނާއެކު ޚާއްސަ ބައްދަލުވުމެއް ބާއްވަން ތައްޔާރުވަމުންދަނިކޮށް ޓްރަމްޕްގެ ސިޔާސަތުތަކާ ދެކޮޅުކަމަށް ބެލެވޭ އޮފްސަރުން މަގާމުން ވަކިކުރާނެކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފިއެވެ.
މިދެންނެވި ބައްދަލުވުމަށް ވާޖީނިއާ އަށް ފުރާވަޑައިގަތުމުގެ ކުރިން ދެއްވި ބަޔާނެއްގައި ޓްރަމްޕް ވިދާޅުވީ އެއްވެސް ޖެނެރަލެއް، އެޑްމިރަލް އެއް ނޫނީ ސިފައިންގެ އެނޫންވެސް ވެރިއަކީ އޭނާ އާ ދެކޮޅު ފަރަތެއްކަމަށް ބެލެވޭނަމަ އެފަރާތެއް މަގާމުން ވަކިކުރައްވާނެކަމުގައެވެ.
ޓްރަމްޕް ވިދާޅުވިގޮތުގައި އެމެރިކާ ސިފައިންގެ ހުރިހާ އިސްޖެނެރަލުންނާއި އެޑްމިރަލުންނާއި އަދި އެނޫންވެސް އިސްވެރިންނާ އޭނާ ބައްދަލުކުރައްވާނެއެވެ. އަދި އެބޭފުޅުންގެ ވިސްނުމާއި ސުލޫކު ހުރިގޮތް ބައްލަވާނެއެވެ. ފިޔަވަޅު އަޅާނީ ނުވަތަ މަގާމުން ވަކިކުރާނީ އެކަންކަން ބެލުމަށްފަހުގައެވެ.
ޓްރަމްޕްގެ ވާހަކަތަކުން ހާމަވިގޮތުގައި އެމެރިކާ ޖެނެރަލުން މަގާމުން ވަކިކުރުމުގެ ކްރައިޓީރިއާ ބިނާވެފައިވަނީ ޓްރަމްޕް ވިދާޅުވިގޮތުގައި އެބޭފުޅަކާމެދު އޭނާ ގަޔާވުމާއި ނުވުމުގެ މައްޗަށެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ.
އެމެރިކާ ސިފައިންގެ އިސް ޖެނެރަލުންނާއި އިސް އެޑްމިރަލުންނާއި އެނޫން އިސްވެރިންނާއެކު ޓްރަމްޕް އާއި ހެގްސެޓް ބާއްވަވާ ބައްދަލުކުރެއް ބޭއްވުމަށް ހަމަޖެހިފައިވަނީ ވަޖީނިއާގައެވެ. މި ބައްދަލުކުރެއްވުމުގެ މަގްސަދު ވައިޓް ހައުސް އިންވެސް އަދި އެމެރިކާގެ ހަނގުރާމައާބެހޭ ވުޒާރާއިންވެސް ހާމަކޮށްފައެއް ނުވެއެވެ.
މިއީ އެމެރިކާގައި ވަރަށް މަދުންނޫނީ ނުބާއްވާ ބާވަތުގެ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގެ މަގްސަދަކީ އެމެރިކާގެ ދިފާއީ ވުޒާރާގެ ނަން ހަނގުރާމައާބެހޭ ވުޒާރާ އަށް ދާދިފަހުން ބަދަލުކުރުމާ ގުޅިގެން އެމެރިކާގެ މުޅި އަސްކަރިއްޔާގެ އޮނިގަނޑަށް ގެންނަންޖެހޭ އިދާރީ ބަދަލުތައް ގެނުމާމެދު މަޝްވަރާ ކުރުންކަމަށް ނުރަސްމީ ރިޕޯޓްތައް ބުނެއެވެ.
ޓްރަމްޕް މިމޭރުމުން ވާހަކަ ދައްކަވައި އެމެރިކާގެ އިސްޖެނެރަލުންނަށް އިންޒާރު ދެއްވާފައިވާއިރު އެމެރިކާގެ ހަނގުރާމައާބެހޭ ވަޒީރު ޕީޓް ހެގްސެޓް ވަނީ އެމެރިކާ ސިފައިންގެ އިސް ޖެނެރަލުންގެ މާބޮޑަށް ފަލަކަމަށް ސިފަކުރައްވައި އެބޭފުޅުންނަށް ކުރަންޖެހޭ ޚަރަދުތައްވެސް މާބޮޑުކަމަށް ވިދާޅުވެ އެބޭފުޅުންގެ ކަރާމާތަށް އަރައިގަންނަ ބީދައިން ވާހަކަ ދައްކަވާފައެވެ.
މީގެއިތުރުން ހެގްސެޓް ވަނީ އެމެރިކާގެ އަސްކަރިއްޔާގައި ހިމެނޭ ކަޅު ނަސްލުގެ މީހުންނާމެދު ވަރަށް އިހާނާތްތެރި ބަސްތައް ބޭނުންކުރައްވައި ނަސްލީ އިމްތިޔާޒުގެ މޭރުމުންވެސް ވާހަކަ ދައްކަވާފައެވެ. ހެގްސެޓް ވިދާޅުވިގޮތުގައި އެމެރިކާ ސިފައިންގެ އޮފްސަރުންގެ ތެރޭގައި ގިނައީ މާގިނައިން ކައިގެން ކަސްރުނުކޮށް "ފަލަވެފައި" ތިބި ކަންނެތް ޖެނެރަލުންނެވެ.
ބަނޑުލާފައިތިބޭ މިފަދަ ކަންނެތް ފަލަ ޖެނެރަލުން އެމެރިކާ ސިފައިންގެ ތެރެއިން ފެނުމަކީ ގަބޫލުކުރެވޭނެކަމެއް ނޫން ކަމަށްވެސް ހެގްސެޓް ވަނީ ވިދާޅުވެފައެވެ. ދޮން ނޫން ނަސްލުތަކުގެ މީހުންނާއި އަންހެނުން އެމެރިކާގެ ސިފައިންގެ ތެރޭގައި ގިނަވުމަކީވެސް ބޮޑު މައްސަލައެއްގެ ގޮތުގައި ހެގްސެޓް ފާހަގަ ކުރެއްވިއެވެ. އޭނާ ވިދާޅުވިގޮތުގައި ކަޅުނަސްލުމުގެ މީހުންނާއި އަންހެނުންގެ ސަބަބުން އެމެރިކާގެ ސިފައިންގެ އިންސާނީ ވަސީލަތްތަކުގެ ގާބިލްކަންވަނީ ވަރަށް ބޮޑަށް ދަށަށްގޮސްފައެވެ.
މިމޭރުމުން ވާހަކަ ދައްކަވަމުން ހެގްސެޓްވަނީ ޓްރަމްޕްގެ ސިޔާސަތުތަކާ ދެކޮޅު ޖެނެރަލުން އިސްތިއުފާދޭންޖެހޭ ކަމަށާ އެފަރާތްތައް އެމެރިކާގެ އަސްކަރިއްޔާއަށް ފިޓުނޫންކަމަށްވެސް ވިދާޅުވެފައެވެ. ރިޕޯޓްތައް ބުނާގޮތުން ހެގްސެޓް މިހެން ވިދާޅުވި މައްސަލަ އެމެރިކާގެ ލަޝްކަރުތަކުގެ ތެރޭގައި މިހާރުވަނީ ވަރަށް ހޫނުވެފައެވެ. އަދި މިކަމާ ގުޅިގެން އެމެރިކާ ސިފައިންގެ ވަކިވަކިފަދުރުންގެ ތެރޭގައި ހިންހަމަނުޖެހުން ބޮޑުވެފައިވާކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.