ހުއްދަ ނެތް މީހުން ކަނޑު ދަތުރުފަތުރު ކުރުން އިތުރުވުމުގެ ސަބަބުން އެކިއެކި ހާދިސާތައް ހިނގާތީ, އެމްއެންޑީއެފުން ކަނޑު ދަތުރުކުރާ އުޅަނދުފަހަރު ޗެކްކުރުމުގެ ޚާއްސަ އޮޕަރޭޝަނެއް މިއަދު ފަށައިފިއެވެ.
އެމްއެންޑީއެފުން މިއަދު ބުނިގޮތުގައި މި އޮޕަރޭޝަން ފަށަން ޖެހުނީ، ލައިސަންސް ނެތި ކަނޑު އުޅަނދުފަހަރު އޮޕަރޭޓްކުރުމާއި ކަނޑުމަތީގެ ސަލާމަތާ ބެހޭ ގަވާއިދުތަކުގައިވާ ސަލާމަތީ ކަންކަން ފުރިހަމަކުރުމެއް ނެތި އުޅަނދުފަހަރު ދުއްވުން ފަދަ ކަންކަން ގިނަވުމުން ކަމަށެވެ. އޭގެ ސަބަބުން ތަފާތު ނުރައްކާތެރި ހާދިސާ ހިނގުން ގިނަވެފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ކުރިން ފަރަށް އެރި ދޯންޏެއްގެ ފަޅުވެރިއެއް އެމްއެންޑީއެފުން ސަލާމަތް ކުރަނީ:-- ފޮޓޯ: އެމްއެންޑީއެފް
މުޅި ރާއްޖޭގައިހެން ކުރިއަށް ގެންދާ މި އޮޕަރޭޝަންގައި ކަނޑު ދަތުރުކުރާ އުޅަނދުތަކާއި ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވޭތޯއާއި، އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓްގައި ބަޔާންކޮށްފައި ހުންނަ ކަންކަން ފުރިހަމަ ކޮށްފައި ވޭތޯ އެމްއެންޑީއެފުން އަންނަނީ ބަލަމުންނެވެ.
އޭގެ ތެރޭގައި މެރިން ވީއެޗްއެފް ޗެކްކުރުމާއި އުޅަނދުފަހަރުގެ ކެޕްޓަން އަތުގައި ކަނޑުގެ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް އޮތްތޯ ބެލުމުގެ އިތުރުން ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގިނަ ކަންތައްތައް ހިމެނެއެވެ.
އެމްއެންޑީއެފް އޭރިއާ ކޮމާންޑްތައް ވެސް ހިމެނޭ ގޮތަށް ކުރިއަށްގެންދާ މި އޮޕަރޭޝަނުގައި، ރަށްރަށުގެ ބަނދަރުން ފުރާ އުޅަނދުތަކާއި ބަނދަރަށް ވަންނަ އުޅަނދުފަހަރުތައް ވެސް އަންނަނީ ބަލައިފާސްކުރަމުންނެވެ.
އެމްއެންޑީއެފުން ބުނީ އެގޮތަށް ބަލައިފާސް ކުރުމަށް ފަހުގައި, ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމުގެ ގޮތުން ހަދާފައިވާ ކަނޑުމަތީގެ އެންމެހައި ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް އުޅަނދުތައް އޮޕަރޭޓްކުރަމުންދޭތޯ ބަލައި އިސްލާހުކުރުމުގެ ގޮތުން ފިޔަވަޅު ވެސް އަޅާނެ ކަމަށެވެ.
އެއް ރަށުން އަނެއް ރަށަށް ދިއުމަށް ގިނަ ފަހަރަށް ކަނޑު ދަތުރު ކުރަން ޖެހޭ ރާއްޖޭގައި ކަނޑުމަތީ ހާދިސާތައް ހިނގުމަކީ ނިސްބަތުން އެހާ އާއްމު ކަމެއް ނޫނެވެ. ނަމަވެސް ބައެއް ހާދިސާތަކުގައި ބޮޑެތި ގެއްލުންތައްވެ, މީހުންގެ ފުރާނަ ގެއްލިފައި ވެސް އެބަހުއްޓެވެ.