ކާބޯތަކެތި ހިމެނޭހެން ރާއްޖޭގައި އާންމުކޮށް ބޭނުން ކުރާ ގިނަ ބާވަތްތަކެއްގެ އަގުތައް ދަނީ މަތިވަމުން ކަމަށް, މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އުފެއްދުންތެރިކަން ދަށް ރާއްޖެއަކީ މުޅިންހެން އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމެކެވެ. ރާއްޖެއަށް މުދާ އެތެރެ ކުރަން ބޭނުން ކުރާ ޑޮލަރުގެ އަގު ބްލެކް މާކެޓުގައި 20 ރުފިޔާއިން މައްޗަށް އަރާފައި ހުންނަތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ.
މިއީ ޑޮލަރުގެ އަގު މިހާ މައްޗަށް އެރިތާ ފުރަތަމަ ފަހަރު ކަމަށްވާއިރު ތަކެތީގެ އަގުތައް ބޮޑުވަނީ, ޑޮލަރު ގަންނަން ލިބޭ އަގު ބޮޑުވުމުން ކަމަށް ވިޔަފާރިވެރިން ބުނެއެވެ.
ހޯމަ ދުވަހު, ސުޓެޓްސް ބިއުރޯއިން އާއްމު ކުރި, މިދިޔަ އޮގަސްޓް މަހުގެ ތަކެތީގެ އަގުތަކަށް އައި ބަދަލުގެ ހިސާބުތަކަށް ބަލާއިރު އެ މަހު ޖުމުލަކޮށް ތަކެތީގެ އަގުތައް ވަނީ މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެން 4.14 ޕަސެންޓް ބޮޑުވެފައެވެ.
ވަކިވަކި ބާވަތްތަކުގެ އަގުތަކަށް އައި ބަދަލުތަކަށް ބަލާއިރު ކާބޯތަކެތީގެ އަގުތައް މިދިޔަ އަހަރަށް ވުރެން މިއަހަރުގެ އޮގަސްޓް މަހު ވަނީ 4.58 ޕަސެންޓް ބޮޑުވެފައެވެ. އަދި އެއީ މިއަހަރުގެ ޖުލައި މަހަށް ވުރެން ވެސް 1.60 ޕަސެންޓް ބޮޑުވުމެކެވެ.
ދިވެހީން އާއްމުކޮށް ކެއުމުގައި ބޭނުންކުރާ މަހުގެ ބާވަތްތަކަށް ބަލާއިރު އޮގަސްޓް މަހު ވަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 7.06 ޕަސެންޓް ބޮޑުވެފައެވެ. އަދި ޖުލައި މަހަށް ވުރެން 3.24 ޕަސެންޓް ވަނީ ބޮޑުވެފައެެވެ.
ރެސްޓޯރެންޓްތަކާއި އެކޮމެޑޭޝަން ޚިދުމަތްތަކުގެ އަގުތަކަށް ބަލާއިރު މިދިޔަ އޮގަސްޓް މަހު ވަނީ މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެން އަގު 5.40 ޕަސެންޓް ބޮޑުވެފައެވެ. އަދި މިއަހަރުގެ ޖުލައި މަހަށް ވުރެން ވަނީ 0.02 ޕަސެންޓް ބޮޑުވެފައެވެ.

ބާޒާރުން މީހަކު މިރުސް ގަންނަނީ: ރޯދަމަހާ ދިމާކޮށް ކަނޑޫދޫ މިރުހުގެ އަގު ވަނީ އުފުލިފައި -- ސަން ފޮޓޯ/ މޫސާ ނަދީމް
ސާފުތާހިރުވުމަށާއި ޒީނަތްތެރި ވުމަށް ބޭނުންކުރާ ތަކެތީގެ އަގުތައް އޮގަސްޓް މަހު ވަނީ މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެން 2.39 ޕަސެންޓް އިތުރުވެފައެވެ. އަދި މި އަހަރުގެ ޖުލައި މަހަށް ވުރެން 0.13 ޕަސެންޓް ވަނީ ބޮޑުވެފައެވެ.
ދުންފަތާއި ދުފުން ފަދަ ބާވަތްތަކުގެ އަގުތައް ވެސް އޮގަސްޓް މަހު ވަނީ މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެން 108.46 ޕަސެންޓް ބޮޑުވެފައެވެ. އަދި މިދިޔަ ޖުލައި މަހަށް ވުރެން ވަނީ 0.12 ޕަސެންޓް ބޮޑުވެފައެވެ.
އަގު ދަށްވި ކަންކަމަށް ބަލާއިރު މުއާސަލާތީ ޚިދުމަތުގެ އަގު އޮގަސްޓް މަހު ވަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 3.84 ޕަސެންޓް ދަށް ވެފައެވެ. ނަމަވެސް މިއަހަރުހެ ޖުލައި މަހަށް ވުރެން އެ ދާއިރާއިން ވެސް އަގު ވަނީ 0.14 ޕަސެންޓް މަތިވެފައެވެ.
ގޭގޭ ކުއްޔާއި ފެނާއި ކަރަންޓް ބިލްގެ ބަޔަށް ބަލާއިރު އޮގަސްޓް މަހު އެ ބައިގެ އަގުތައް ވަނީ މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެން 2.94 ޕަސެންޓް ދަށް ވެފައެވެ. އަދި މި އަހަރުގެ ޖުލައި މަހަށް ވުރެވެސް ވަނީ 0.33 ޕަސެންޓް ދަށް ވެފައެވެ.
ކާބޯތަކެތި ހިމެނޭހެން ގިނަ ބާވަތްތަކެއްގެ އަގުތައް ވަރަށް ބޮޑަށް މަތިވެފައިވާއިރު އަސާސީ ބާވަތްތަކުގެ ލިސްޓް 23އަށް ހަދައި އެތަކެތި އެސްޓީއޯ މެދުވެރިކޮށް އެތެރެ ކުރާން ސަރުކާރުން މި ފަހުން ވަނީ ނިންމައިފައެވެ. އަދި މި މަހުގެ 15 އިން ފެށިގެން ތަކެތީގެ އަގުތައް ހެޔޮ ވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވަނީ ވިދާޅުވެފައެވެ.