"ތައުބާވުމަށް އަވަސްވެގަންނާށެވެ. ތިބާގެ ދޫ ބަންދުވެ ހިތްތަކުންވެސް ތައުބާ ނުވެވޭވަރުގެ ދުވަހެއް އައުމުގެ ކުރިންނެވެ."

***

އީދު ދުވަހު މާހިރާއަށް ލިބުނީ ހީނުކުރާވަރުގެ ހަދިޔާއެކެވެ. އަޒިއެލް އޭނައަށް ދިން ޕާރުސަލް ހުޅުވައިލުމުން ލޯ ވިދައިގަތެވެ. އެންމެ ފަހުގެ އައި ފޯނަކާއި އަލިމަހުގެ ގަހަނާ ސެޓެކެވެ. ހުދު ރަނުގެ ގަޑިއެކެވެ. އުމްރާ ދަތުރެކެވެ.

"އަސްތަޣުފިރުﷲ. މިއީ ހަމަ ފޭކެއްނޫންތަ؟އޮރިޖިނެލް ބްރެންޑް؟" މާހިރާއަށް ޝައްކުވިއެވެ.

"މަންމާ...މިއޮތީނު ކާޑުވެސް...." ޒޭބާ ލަދުން މަރުވާވަރުވިއެވެ. ހަދިޔާއެއް ލިބުނަސް މަންމަ ޝުކުރުވެރިއެއްނުވެއެވެ.

"މަންމައަށް ހަމަ މިވަރުގެ އެއްޗެއް ހައްގުކަމަށް ގަބޫލުނުކުރެވުނީ..އާޒްގެ ފަރާތުން..." މާހިރާގެ ލޮލުން އޮހިގަތީ ޝުކުރުގެ ކަރުނައެވެ. އޭނަ އަޒިއެލްގެ ބުރަކަށީގައި ފިރުމައިލިއެވެ."އާޒް ދައްތަ ވަރަށް ޝުކުރުވެރިވަން...ﷲ ކޮއްކޮގެ ރިޒުގުގައި ބަރަކާތް ލައްވާށި.މިވަރުގެ ހަދިޔާއެއް އުމުރުދުވަހުވެސްް ލިބިފައި ނުވޭ.... ޒޭބް ވަޒީފާއަށް ދާއިރުވެސް މިފަދަ އަގުހުރި އެއްޗެއް އަދި ނުދޭ....."

މާހިރާގެ ހިތުގައިވިހާ ޝަކުވާއެއް އެއްފަހަރާ ފިލާ ސާފުވިއެވެ. ޒޭބާ ބުނީ ރަގަޅަށެވެ. އިޚުލާސްތެރިކަމާއެކު ކަރުދާސްކޮޅެއް ދިނަސް އުފަލާއެކު ބަލައިގަންނަން ޖެހޭނެއެވެ. އަޒިއެލްގެ ނަފްސާނީ މައްސަލައެއް ހުއްޓަސް އެކުއްޖާއަށް ލިބިފައިވަނީ ބޮޑު އަދި އޯގާތެރި ހިތެކެވެ. އޭނަގެ މައިންބަފައިންގެ ފަރާތުން އެ ސިފަ ވާރުތަވެފައިވެއެވެ. އެކަމަކު އަޒިއެލްއަށް އެހާ ފައިސާ ލިބެނީ ކޮންގޮތަކުން ހެއްޔެވެ؟ އެންމެފަހުން ފަރުޒާނާއާއި ސުވާލުކުރަން ފެށުމުން އަޒިއެލްއަށް ފައިސާ ލިބޭ ވަސީލަތް ހާމަކުރިއެވެ. ﷲ ތައާލާ އިރާދަކުރެއްވި އަޅަކަށް ހިސާބެއް ނެތި ދެއްވާނެއެވެ. ރިޒުގު ބައްސަވާގޮތާއިމެދު އިންސާނުންނަށް ސުވާލެއްނުކުރެވޭނެއެވެ. ކޮންމެ ކަމެއްގެ ހިކުމަތް ދެނެވޮޑިގެންވަނީ އެފަރާތުންނެވެ.

***

އަޒިއެލްއަށް ގޭގެ ކުތުބުޚާނާގެ ލައިބްރަރީގެ ފޮތްތަކެއް ހާވަނިކޮށް ޒަމާންވީ ފޮތެއްގެ ތެރެއިން ސިޓީއެއް ފެނުނެވެ. އޭގައި ޖަހާފައިވަނީ އަހަރުތަކެއް ކުރީގެ ތާރީޚެކެވެ. އޭނައަށް ޒޭބާގެ އަތުލިޔުން ދެނެގަނެވުނެވެ.

"އަހަންނަށް އެއް އިރެއްގައި ގަބޫލުކުރެވުނީ ތިބާދެކެ ލޯބިވެވުމުގެ ކުރިން އަހަރެން ވަރަށް ފުރިހަމަ މީހަކަށް ވާން ޖެހޭނެކަމަށް...އެކަމަކު ލޯތްބަކީ އަހަރެމެންނަށް އޮތް ފަރުވާއެއްހެން ހީވޭ...ލޯތްބަކީ ފަރުވާ ލިބުމަށްފަހު ދިރިއުޅަމަށް އަންނަންވީ އެއްޗެއް ނޫން. އަބަދުވެސް ހިތުގައި އޮންނަންވާ އެއްޗެއް... މި ސިޓީ ކިޔައިފިއްޔާ އަަހަރެން އަދިވެސް އާޒްއަށްޓަކާ ދުޢާކުރާކަން އެނގޭނެ....މޫސުމް ފަދައިން އަހަރެމެންވެސް ހަޔާތަށް އައިސް އަދި ދިޔަސް އެނބުރި އަންނާނެ.....އެއްއިރެއްގައި ހޫނު އަދި ފެހިކަންމަތީގައި އަދި އޯލްވޭސް ރިމެމްބާޑް..."

ފަޖުރުގެ އަލިކަން ކުޑަދޮރުން ފާއްދައިލިއިރު އޭނައަށް އެ ސިޓީއަށް ބަލަން ހުރެވުނީ ހުއްޓުން އަރާފައެވެ. އަދި މަޑުމަޑުން "ޢަލްހަމްދުލިﷲ"ކިޔައިލެވުނެވެ. އޭނަ އިތުރަށް ބަލަންވީ ކޮން ނިޝާނަކަށް ހެއްޔެވެ؟ އެދެމީހުންވެސް އެއް މަންޒިލަށް އައުމަކީ އޭގެ ޖަވާބެވެ.

***

މެލެކް އާއި މާޒް ނިދުމުން ކަމީލާ އޭނަގެ ޖާނަލް ހިފައިގެންގޮސް މޭޒުދޮށުގައި އިށީނެވެ. ލޮލުން ވަރުބަލިކަމާއެކު ވިދުންވެސް ފެނެއެވެ.

"އަހަރެން ހާދަ ބޮޑަށް މި ކުޑަ އާއިލާދެކެ ލޯބިވެއެވެ. އެކަމަކު ބައެއް ދުވަސްދުވަހު އިހުސާސްވަނީ ލޯތްބާއި ކުށް އަދި ބުރަކަމުގެތެރޭގައި ގެނބިގެންދާހެން. ނަމާދުތައްވެސް އަވަސްކޮށްލެވޭ..ގުރުއާން މަތިން ހަނދާންނެތިފައި..އަހަންނަށް ނާކާމިޔާބުވަނީތަ؟" އޭނަ ލިޔަމުން ދިޔައެވެ. އަމްރާން ހޫނު ޗޮކްލެޓް ތަށްޓެއް ހިފައިގެން އައިސް ފަހަތުގައި ހުއްޓުނެވެ. އަދި ކޮނޑުގައި މަޑުމަޑުން އަތް ބާއްވައިލިއެވެ.

"ނޫން. ފެއިލްވަނީއެއްނޫން..ތި އުނގު ފަޅުފިލުވައިދެނީ މި އުއްމަތުގެ ބަޔެއް..."

"އެކަމަކު ކުރިން ﷲތައާލާއާއި ހާދަ ގުޅުން ރަގަޅޭ...އޭރު ހިމޭން ވަގުތުތައް ލިބި ކަންކަމާއިމެދު ތަބައްދުރު ކުރެވޭ..."

"މިހާރު ނާނާއަކީ ޒިކުރު..ސަބުރަކީ ކުދިންގެ ކަންތައްތަކުގައި ދަންވަރުވެސް ތެދުވާންޖެހުން. އެވެސް އަޅުކަމުގެ ބަޔެއް......."

"ތިބުނީވެސް ތެދެއް...ކުރިން ހިތަށް ނާރާ މި އާއިލާގެ ތެރެއަށް ވަނުމުގެ ހިތްވަރު ލިބޭނެއޭ.." ކަމީލާ ހިނިތުންވެލިއެވެ."މަންމައަށްވެސް ގަބޫލެއްނުކުރެވޭ ފަރުޒާނާއްތަގެ އާއިލާއާއި މިގޮތަށް ގުޅެވޭނެކަމަށް...އެކަމަކު ޑްރީމްތައް ފުރިހަމަވޭ..."

"އަހަންނަށްވެސް ތިހާ ފުރިހަމަ އަންހެންކުއްޖެއް ލިބުމަށް ޑިޒާވްވާހެން ކުރިން ނޭގޭ.."

ކަމީލާގެ ހިތުގައި ގަނޑުފެނުން ފިރުމައިލުމުން ލިބޭފަދަ ހަމަޖެހުމެއް ލިބުނެވެ. އޭނައަށް އަމްރާންގެ ކޮނޑުގައި ބޯ އަޅައިލެވުނެވެ."އެކަމެއް ނޭގޭ..އަހަރެމެން ދެމީހުންނަށް ދެދަރިން ލިބި އާއިލާ ފުރިހަމަވެއްޖެ އަލްހަމްދުލިﷲ..."

***

ފަރުޒާނާ ވަކަރުން ހަދާފައިވާ ފޮށްޓެއް ހުޅުވައިލައިގެން ބަލައިލިއިރު އޭގެ އެންމެ އެތެރޭގައި ކޮންމެވެސް ވަރަކަށް ވީދި ގަނޑުތައް މަދުވެފައިވާ ނޯޓްފޮތެއް އޮތްވާ ފެނިގެން ނެގިއެވެ. އެއީ އަމްރާންގެ އަތުލިޔުމެވެ. އުމުރުން އެގާރަ ވަރަކަށް އަހަރުގައެވެ. ބަނޑޭރިގަނޑުގައި ލިޔެފައިވާ ލަފުޒު "ﷲތައާލާއަށް......"ފެނުމުން އޭނަ ޝައުގުވެރިވިއެވެ.

ފަރުޒާނާ މަޑުމަޑުން އެ ފޮތް ކިޔަންފެށިއެވެ.

"ޑިއަރ ﷲ.. އާޒްއަށް އެ ބަލިން ޝިފާ ދެއްވާދޭވެ... މިއަޅާއަކީ ކުޑަކުއްޖެއްކަން އެނގޭ އެކަމަކު ބޭނުންވަނީ ހުރިހާކަމެއް ރަގަޅުކުރަން...މިއަޅާ ޑޮކްޓަރަކަށް ވުމަށް އިރާދކުރައްވާދޭވެ. އޭރުން އާޒްގެ ސިކުނޑި ފިކްސްކުރެވިދާނެ. އަދި ބައްޕަފަދައިން ތުނބުޅިއެއް ބަހައްޓަން އެހިތެރިވެވޮޑިގަންނަވާދޭވެ.."

މައުސޫމް ދުޢާތަކެވެ.

ފަރުޒާނާގެ ލޯ ތެމޭގޮތްވިއެވެ.އޭނަ ފޮތުގެ އެންމެ ފަހު ސަފުހާގައި ނޯޓެއް ލިޔަން ފެށީ ހިތުގެ އެންމެ ފުނުން ލޯތްބާއެކުގައެވެ/

"ލޯބިވާ ދަރިފުޅު އަމްރާން..އަބަދުވެސް ތި ކުޑަ ދެއަތުން މުޅި އާއިލާ ހިފަހައްޓަން އަބަދުވެސް މަސައްކަތްކުރި. ދުލުން އެހެން ނުބުންޏަސް މަންމައަށް އަބަދުވެސް ފެނޭ... އަދި މަންމަ މިއަދު ބުނަން ބޭނުންވަނީ ދަރިފުޅު ހަމައެކަނި އާއިލާއެއް ބިނާކުރީއެއްނޫނޭ. ޑޮކްޓަރަކަށްވެސް ވީ..ސްޕެޝަލައިޒްވެސް ވީ.. އެކަމަކު އެއަށްވުރެވެސް ބޮޑަށް ކޮއްކޮއަށްޓަކާ މަޑުމަޑުން ކުރި ދުޢާކަމުގައިވެސް ވީ..އެންމެންގެ ހިތަށް ފަރުވާއަކަށްވި ފަދައިން ﷲ ތައާލާ ދަރިފުޅުގެ ހިތަށްވެސް ހަމަޖެހުމާއި އުފާވެރިކަން ދެއްވާށި އާމީން.."

ފަރުޒާނާ އެ ފޮތް ނާމާ ލައްޕައިލަމުން އަލްހަމްދުލިﷲއޭ ކިޔައިލިއެވެ.

އަމްރާން ބިންމަތީގައި ހުރި ކުޅޭ ސާމާނު ނަގަން އިންދާ އޭނަގެ މަންމަ ގެނެސްދިނީ މުށިކުލައިގެ ސިޓީއުރައެކެވެ.

"މަންމަ އަތުގައި މި ބާއްވައިގެން ގެންގުޅޭތާ ވަރަށް ޒަމާންވެއްޖެ. މިހާރު ދަރިފުޅަށް މި ލިބުމުގެ ވަގުތު ޖެހިއްޖެ.."

އޭނަ އެ ހުޅުވާލައިގެން ބަލައިލިއިރު އެތެރޭގައި އޮތީ އަރިމަތިވެސް ގުޅައަކަށް ޖެހިފައިވާ ނާމާ އެކެވެ. އޭނަގެ އަތުލިޔުމެވެ. އޭނަ ސަފުހާތައް ހުޅުވަމުން ދިޔައެވެ.

"ޑިއަރ ﷲ..އެންމެން އުފުލައިލެވޭވަރަށް ބާރުގަދަ ކުއްޖަކަށް ވާން ބޭނުން...."

ޖާނަލްގެ އެންމެ ފަހު ސަފުހާ ކިޔާފައި އޭނަގެ ލޮލުން ކަރުނަ އޮހިގަތީ ހިފެހެއްޓުމެއްނެތިއެވެ.

"މަންމަ ކީކޭ ލިޔެފައި އޮތީ؟"ކަމީލާއަށް އަހައިލެވުނެވެ.

އެއް އިރެއްގައި ކުރި ދުޢާ އިޖާބަވީކަމަށް..." އޭނަ ފޮތް ގެނެސް މޫނުގައި ޖެއްސިއެވެ."ﷲއަށް ހަމްދުކުރަން..."

***

ފިޔަޖަހަމުންދާ ފާނޫޒާއި ފިނި ވައިރޯޅިތަކެވެ. ޒޭބާ ކޮފީތަށްޓެއް އަޅަން މޭޒުކައިރީގައި ހުރީ ވިސްނުމަކަށް ގެއްލިފައެވެ. އަޒިއެލް ފެނުމުން އޭނަގެ މޫނަށް ރަތްކުލަވެރިވިއެވެ.

"ކޮފީ ބޭނުންތަ؟" ޒޭބާ އަވަހަށް ކޮފީތަށްޓެއް ދިއްކޮށްލުމުން އަޒިއެލް ހިފިއެވެ.

"ޒޭބާ..އަހަރެން ވަރަށް ވިސްނިން...ޒޭބްގެ ސިޓީތަކާއިމެދު...އަހަރެންގެ ވޭނުގެ ސަބަބުން ޒޭބްގެ ހިތުގައި ކޮންމެވެސް އިހުސާސެއް އުފެދުނީމަ..އެކަމުގެ ސަބަބުން ކުރިމަގު ބައްޓަން ކުރަން ވަކި ދާއިރާއެއް ޚިޔާރުކުރީ..އަދި އަހަންނަށް ހިތްވަރުދިނީ..."

"އާޒް...އައި ނަވާ މެންޓް ޓު ފޯލް އިން ލަވް...ވިތް ޔޯ ސޯލް. އެކަމަކު ލޯބި ވެވިއްޖެ.."އޭނަ ހާސްވެފައިވާގޮތަކަށް ހީލިއެވެ.

"އަދިވެސް އަހަރެން އެހާ ބަލިކަށި....މިހާރުވެސް ހަމަ ދޭތެރެއަކުން ގޯސްހެދޭ..އެކަމަކުވެސް އަހަންނާއިއެކު ހަޔާތުގެ މި ރާސްތާގައި ކުރިއަށް ދާން ބޭނުމިއްޔާ... ކެތްތެރިކަމާއި އޯގާތެރިކަމާއި ތެދުވެރިކަމާއިއެކު....އަހަރެން ހަމަ ޝަރަފުވެރިކަމާއެކު އަންބެއްކަމުގައި ބަލައިގަންނާނަން...ވިލް ޔޫ މެރީ މީ؟"

ޒޭބާގެ ލޮލުގައި ކަރުނަ ވިދަން ފެށިއެވެ. އެހާ ކުއްލިގޮތަކަށް އަބަދުވެސް އެދެމުން އައި އުފާވެރިކަން އޭނަގެ ފަސްބަޔަށް އެޅުމުން ހަމަ ކުއްލި ހައިރާންކަމާއެކު ލިބުނު އުފަލަކުން ހިތް ނުހުއްޓުނީވެސް ކިރިޔާއެވެ. އޭނައަށް ބޯ ޖަހައިލެވުނެވެ.

"ޔެސް....އިންޝާﷲ...ކޮންމެހެން އަހަރެންވެސް ބިރުނުގަންނާތީއެއްނޫން..އެކަމަކު އައި ލަވް ޔޫ ޓްރޫލީ އާޒް.."

ފަނޫޒްުގެ ހިތްގައިމު އަލީގައި ޒޭބާ އަތުގެ އިނގިލިތަކުން ހިތުގެ ނިޝާން ދައްކައިލިއެވެ. އެވަގުތު އޭނަގެ ހިތުގައި ޝައްކުގެ އޮއިވަރު ހިނގައިލިއެވެ. އޭނަގެ މަންމައަށް މިކަން އެނގިއްޖެއްޔާ ހިތް ހަލާކުވާނެއެވެ. އަޒިއެލް ކޮއްކޮއެއްގެ ގޮތުގައި ބަލައިގަތަސް ދަނބިދަރިއެއްގެ ނަޒަރުން ދުށުމަކީ މުސްތަހީލްކަމެކެވެ. އޭނަގެ މަންމަގެ ހެޔޮދުޢާތަކާއިނުލާ އަމިއްލަ އެދުން އިސްކުރުމަކީ ކުރެވޭނެކަމެއްހެއްޔެވެ؟

"އަދި ވަގުތުކޮޅެއް ބޭނުން އާޒް."

"ގިޔާމަތާއި ހަމަޔަށްވެސް އިންތިޒާރުގައި މިހިރީ.." އަޒިއެލްގެ ހިނިތުންވުމުގައިވީ ވަފާތެރިކަމެވެ.

***

ފަރުޒާނާއާއި ޔޫސުފް އަދި ކުލްސޫމްއާއި މާހިރާ އެއްކޮށް އުމްރާއަށް ފުރަން ދަތުރުހަދަމުން ދިޔައެވެ. ފަރުޒާނާ ކޮންމެ ކުއްޖެއް ވަކިން އެކޮޓަރިއަށް ގެނައެވެ. އޭނަގެ ސޫޓުކޭސް ހުޅުވާލާފައިވާއިރު ހުދުކުލައިގެ އިހުރާމް ހެދުންތައް އެނދުގައި ފަށްޖަހާލާފައިވިއެވެ.އޭނަ އެންމެ ކުރިން އަމްރާންގެ އަތުގައި ހިފައިލިއެވެ. "ވަރަށް ދުވަސްވާންދެން އެންމެންގެ ބުރަ އުފުލައިފިން ދަރިފުޅު....ލެޓް ﷲ ކެރީ ޔޫ ނައު....ބައްޕައެއްގެ ވާޖިބުވެސް އަދާކުރަނީ ރަގަޅަށް..އެކަނި ހިމާޔަތެއްނޫން ދެނީ......"

ކައިލާއަށް ބަލައިލިއިރު އެލޮލުން އިތުރު އޯގާތެރިކަމެއް ފެނިލިއެވެ."ކުރިން ތީ މަންމަގެ ލަދުރަކި އަންހެންދަރި...މިހާރު ބަލާލަބަލަ....ތި އަލިކަން އެހެން އެއްވެސް މީހަކަށްޓަކާ ފަނޑުކޮށްނުލާތީ. އަމިއްލަ ނަފުސްގެ ހިތްހަމަޖެހުމަށްޓަކާ ވިޔަސް ހެޔޮ.."

އޭނަ އަޒިއެލްގެ މޫނުގައި ދެއަތުން ހިފަހައްޓައިލިއެވެ."ﷲ ތައާލާ ދަރިފުޅު އުފެއްދެވީ އެހާ އެހަމެ އޯގާތެރިކޮށް އަދި ބައެއް ފަހަރު ހަމަ ވައިލްޑް..އެއީ ދަރިފުޅުގެ އިމްތިހާން އަދި ހަދިޔާއެއް...އެކަން ނުފޮރުވާ. އަދި ﷲތައާލާއާއި އޮތް ގުޅުން އިތުރަށް ވަރުގަދަކުރޭ...."

"ޒޭބް...ޒޭބް ފެނުނީމަ ހަމަ ހަދާންވަނީ އަމިއްލަ ނަފުސް...ސްޓަބްން އަދި ދުވަހަކު ސުވާލުތައް ހުހެއްނުވޭ..އަބަދުވެސް އަހަމުން ދިޔައީ...އަބަދުވެސް ލޯބިވާންވެސް އެނގޭ....ކޮންމެފަދަ ގޯސްގޮތަަކަށް ދިޔަސް."

އެއަށްފަހު އެންމެން އެކީގައި ދުޢާކުރިއެވެ.

***

މަދީނާގައި ހޭދަކުރި ތިންވަނަ ރޭ މަސްޖިދުއްނަބަވީގައި އިންދާ ފަރުޒާނާގެ ލޮލަށް ނިދި ސަވާރުވިއެވެ. ހުވަފެނުން ފެނުނީ ކަދުރުގަހެއްގެ ދަށުގައި އެކަނިމާ އެކަނި އިންދައެވެ. ވަށައިގެން މަޑު އައްޔެއް ފެތުރެންފެށިއެވެ. އެއާއެކު ކުރިމަތިން ފެނުނީ ތިން ކުދިންނެވެ. ދަރިން ކުޑައިރުއެވެ. ފާނޫޒުތައް ހިފައިގެން ތިބެ ހެމުން ކުޅެމުންދަނީއެވެ. އެއާއެކު ކޮންމެވެސް ދިމާލަކުން ބުނެވުނެވެ." ތިބާ އޮށް ވަޅުލީ....މިހާރު އެއޮށުން ފެޅި ބަގީޗާއާއި މެދު ﷲއަށް އިތުބާރުކުރޭ....."

ފަރުޒާނާއަށް ހޭލެވުނުއިރު އޭނަގެ ކޯތާފަތް ތެމިފައިވިއެވެ.

ހެނދުނު އޭނަ ކުރު ނޯޓެއް ލިޔުނެވެ. މިއަޅާގެ މަސައްކަތްވެސް އެންމެ ފުރިހަމައެއްނޫން. އެކަމަކުވެސް ދުޢާތަކުން ފުރިގައިވީ...ﷲއަކީ އަލްލަތީފް....ދަސް މޯސްޓް ސަޓްލް ދަ މޯސްޓް ކައިންޑް..."

***

ރުޚުސާ އައުމުން އަޒިއެލްއަށް ހައިރާންކަމެއް ލިބުނެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު