ރައީސް ޑރ. މުޙައްމަދު މުއިއްޒު, މާލޭގެ މޭޔަރަކަށް ހުންނެވިއިރު މާލޭގެ މަގުމަތިން ހަތަރު ފުރޮޅުލީ އުޅަނދު ތަކަށް, ޕާކިން ޒޯންގެ ގޮތުގައި ވިއްކި ތަންތަން ހުސްކޮށް, އެ ތަންތަނަކީ އެންމެންނަށް ބޭނުން ކުރެވޭ ތަންތަން ގޮތުގައި މިއަދުން ފެށިގެން ކަނޑައަޅައިފިއެވެ.
މާލޭ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ، މާލޭގެ މަގުތަކުން ހަތަރު ފޮރޮޅުލީ ވެހިކަލް ޕާކިންއަށް ދޫކޮށްފައިވާ ސަރަޙައްދުތައް ކުއްޔަށް ދިނުމަކީ ގާނޫނީގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ލަފާދީފައިވާތީ، އެކަން ހުއްޓާލަން ޓްރާންސްޕޯޓް މިނިސްޓްރީން އަންގާފައިވާ ކަމަށެވެ.
އެހެންކަމުން މިއަދުން ފެށިގެން, މާލޭގެ މަގުތަކުގައި، ވަކި ކަމަކަށް ބޭނުންކުރާކަން އަންގައިދިނުމުގެ ގޮތުން، ބޯޑަކުން ފާހަގަކޮށްފައިވާ ތަންތަން ފިޔަވައި، މަގުމަތީގައި، ޕާކުކުރެވޭނެކަން އަންގައިދޭ ކޮންމެ ތަނެއްގައި، ކޮންމެ އާންމު ރައްޔިތަކަށް ވެސް ޕާކް ކުރެވޭނެ ކަމަށް ކައުންސިލުން ބުންޏެވެ.
ޕާކު ކުރާނެ ޖާގައެއް ނެތް, ތޮއްޖެހިފައިވާ މާލޭގެ މަގުމަތިން, ޕާކިން ސްލޮޓްތައް އޭރުގެ ސިޓީ ކައުންސިލުން ކުއްޔަށް ދޫކޮށްފައިވަނީ ޕްރައިވެޓް ކާރުތަކަށް 1،500 ރުފިޔާއަށް އަދި ޓެކްސީތަކަށް 700 ރުފިޔާއަށެވެ. މަގުތައް ވިއްކަނީ ކަމަށް ބުނުމާއި މި ކަމުގެ ފަހަތުގައި އިތުރަށް ފައިސާ ދޭ މީހުންނަށް އިސްކަން ދިނުން ފަދަ ކަންކަން އޮތް ކަމަށް ބުނެ, އޭރު ވަރަށް ފާޑުކިޔުން އަމާޒުވިއެވެ.
މާލޭގެ ގިނަ މަގުތަކަކުން ގިނަ އަދަދެއްގެ ޕާކިން ސްލޮޓް ވިއްކާފައިވުމާ އެކު, ބަންޑާރަ މަގުތަކުގައި ހުރި އެ ޒޯންތައް ގިނަ ބަޔަކު ބޭނުންކުރަނީ އެ މީހުންނަށް އެކަނި އެތަން ބޭނުންކުރެވޭ ގޮތަށް އެކި ގޮތްގޮތަށް ބަންދުކޮށް ހަދައިގެންނެވެ. މީގެ ސަބަބުން ޕާކް ކުރާނެ ޖާގަ ހޯދަން ވެރިރަށުން އިންތިހާއަށް ދަތިވެއެވެ.
މި ގެނެވުނު ބަދަލާ އެކު، ހަތަރު ފުރޮޅުލީ އުޅަނދުތަކަށް 1,000 އެއްހާ ޕާކިން ސްލޮޓް މާލޭ މަގުމަތިން ހުސްވާނެ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވިއެވެ.
މާލެ ސަރަހައްދަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލައަކީ ޕާކިންގެ މައްސަލައެވެ. އާންމުންގެ ޝަކުވާއަކީ މާލޭގައި ޕާކުކުރާނެ ތަންކޮޅެއް ނެތި ވެހިކަލްތައް ގިނަވެ، ތޮށްޖެހުމެވެ. ޚާއްސަކޮށް ވެހިކަލްތަކަށް ގަވާއިދުން ފީތައް ދައްކަމުން ދިޔަ ނަމަވެސް، ޕާކު ކުރާނެ ޖާގަ ނުދައްކައި, ނުގަވައިދުން ޕާކް ކުރުމުން ސްޓިކާ ޖެހުމާއި ޓޯ ކުރުން ފަދަ ކަންކަން ކުރާތީ ޝަކުވާ ބޮޑެވެ. މިއަދާ ހަމައަށް ވެސް އެ މައްސަލައަށް ހައްލެއް ނުލިބެއެވެ.
މާލޭގައި ޕާކިން މައްސަލަ އިންތިހާށް ބޮޑުވެފައިވަނީ ކެރީން ކެޕޭސިޓީއަށްވުރެ އިތުރަށް އުޅަނދު މާލޭ ތެރޭގައި ބޭނުންކުރާތީއެވެ.
މީގެ ކުރިން މާލޭގެ ބައެއް ސަރަހައްދުތަކުގައި މެކޭނިކަލް ޕާކިންތަކެއް ހުރި ނަމަވެސް އެ ބޭނުންކުރެވިފައެއް ނުވެއެވެ. އަދި، މާ ބޮޑު ހައްލެއް ވެސް ލިބިފައެއް ނުވެއެވެ.
މާލޭގައި، ސިޓީ ކައުންސިލުން މިހާރު ޕާކިން ޖާގަ ހަދަނީ ގަބުރުސްތާނުތައް ހުސްކޮށްގެނެވެ. އެގޮތުން، އެންމެ ފަހުން ވަނީ މާފަންނު ސަހަރާ ހުސްކޮށް އެ ތަނުގައި ޕާކިން ޖާގައާއި ހިތްފަސޭހަ މައިޒާނެއް ހަދަން މަސައްކަތް ފަށައިފައެވެ. މީގެ އިތުރުން މޯޗަރީ ހުންނަ ގަލޮޅު ސަހަރާގެ ބައެއް ވެސް ސާފުކޮށް ޕާކިން ޖާގަ ހަދާފައިވެއެވެ.
ނަމަވެސް، ގަބުރުސްތާނުތައް ހުސްކުރާތީ އެކަމުގެ ކަންބޮޑުވުން އާންމު ރައްޔިތުން ކުރެއެވެ. އަދި، އެ ފަދަ ކަންކަމަށް ސަހަރާތައް ހުސް ނުކުރެވޭނެ ކަމަށް ފަތުވާ މަޖިލީހުން ވެސް ވަނީ ބުނެފައެވެ.