ފްރާންސްގައި ހުންނަ ދެކުނު އެފްރިކާގެ ސަފީރު ނާތީ މެތެތުވާ ޕެރިހުގެ ހަޔަޓް ރީޖެންސީ ހޮޓެލް ކައިރީ މަރުވެފައި އޮއްވައި ފެނިފައިވާ ކަމަށް އޮފިޝަލުން ބުނެފިއެވެ.
އުމުރުން 58 އަހަރުގެ މެތެތުވާ މަރުވެފައި އޮއްވާ ފެނުނީ އޭނާ ގެއްލިގެން އަންހެނުން ރިޕޯޓްކޮށްފައިވަނިކޮށެވެ.
އޭނާ ވަނީ އެ ހޮޓަލުގެ 22 ވަނަ ފަންގިފިލާއިން ކޮޓަރިއެއް ބުކްކޮށްފައި ކަމަށާއި އެ ކޮޓަރިގެ ސެކިއުރިޓީ ކުޑަދޮރު ހުޅުވާފައިވާ ކަމަށް ވެސް ފްރާންސްގެ އޮފިޝަލުން ވަނީ ހާމަކޮށްފައެވެ. ފްރާންސްގެ ޕީޖީ އޮފީހުން ބުނީ އޭނާ މަރުވި ސަބަބު ސާފުނުވާ ކަމަށެވެ.
މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް އެ އޮފީހާ ހަވާލާދީ ބީބީސީން ރިޕޯޓުކޮށްފައިވެއެވެ.
މެތެތުވާއަކީ ދެކުނު އެފްރިކާގެ ފުރަތަމަ ކަޅު ނަސްލުގެ ރައީސް، ނެލްސަން މަންޑޭލާއާ އެކު 1994 ވަނަ އަހަރު ޑިމޮކްރެޓިކް ވެރިކަން ގެނައި ޕާޓީ އެފްރިކަން ނޭޝަނަލް ކޮންގްރެސްގެ މަތީ މަގާމެއްގައި ހުންނަވާ ބޭފުޅެކެވެ.
ޑިސެންބަރު 2023 އިން ފެށިގެން ޕެރިހުގައި ހުންނަވާ ދެކުނު އެފްރިކާގެ ސަފީރުގެ މަގާމު އަދާކުރައްވަމުން ގެންދެވިއިރު، މީގެ ކުރިން އޭނާ ވަނީ ޕޮލިސް މިނިސްޓަރުގެ މަގާމާއި އާޓްސް އެންޑް ކަލްޗާ މިނިސްޓަރުގެ މަގާމު ވެސް އަދާކުރައްވާފައެވެ.
މެތެތުވާއަކީ ކުރީގެ ރައީސް ޖެކޮބް ޒޫމާގެ ގާތް އެކުވެރިއެކެވެ. ޒޫމާގެ ވެރިކަމުގައި އޭނާ ވަނީ އެތައް މައްސަލައެއް ތަހުގީގުކޮށްފައެވެ.