ބޮލީވުޑްގެ އެކްޓަރު ރަންވީރު ސިންގް ސޮއިކޮށްފައިވާ ޑައިރެކްޓަރު ޖެއި މެހެތާގެ ފިލްމަށް ކިޔާނެ ނަމެއް ފާސްވެފައިވާ ކަމަށާއި ފިލްމުގެ ނަމަކީ "ޕްރަލޭ" ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
އިންޑިއާގެ ނޫހެއް ކަމަށްވާ ޓައިމްސް ނައުއިން ގެނެސްދިން ރިޕޯޓެއްގައި ބުނެފައިވާ ގޮތުން މި ފިލްމަކީ ޒޮމްބީ ތީމަކަށް އުފައްދާ ފިލްމެކެވެ. އަންނަ އަހަރު ތެރޭ މަސައްކަތް ފެށުމަށް ތައްޔާރު ވަމުން އަންނަ ޖެއި މެހެތާގެ މި ފިލްމަކީ އެޕްލޯސް އެންޓަޓެއިންމަންޓްއިން އުފައްދާ ފިލްމެކެވެ.
ރިޕޯޓުތައް ބުނާގޮތުން މި ފިލްމުގެ މަސައްކަތް ރަންވީރު ފަށާނީ ޑައިރެކްޓަރު ފަރުހާން އަޚްތަރުގެ އަމިއްލަ ފިލްމު ކުންފުނިން އުފައްދާ "ޑޮން 3"ގެ މަސައްކަތް ނިންމައިލުމަށް ފަހުއެވެ.

ޑައިރެކްޓަރު ޖެއި މެހެތާ ބައްޕަ ހަންސަލް މެހެތާއާ އެކު--ފޮޓޯ/އިންޑިއަންއެކްސްޕްރެސް
މި ފިލްމަކީ ޒޮމްބީ ތީމަށް އުފައްދާ ވަރަށް ވަރުގަދަ ތުރިލާއެއް ކަމުން ފިލްމަށް ވަރަށް ބޮޑެތި ތައްޔާރީތައް ވާންޖެހޭ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
ޒޮމްބީ ތީމަށް އުފައްދާ ފިލްމުތަކަކީ ބޮލީވުޑާ ބީރަށްޓެހި ތީމަކަށް ވުމުން މިއީ ޑައިރެކްޓަރު ޖައި މެހެތާއަށް ވެސް ވަރަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހޭނެ ފިލްމީ ޕްރޮޖެކްޓެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.
ފިލްމުގެ ޑައިރެކްޓަރު ޖެއި މެހެތާ އަކީ މަޝްހޫރު ފިލްމު ޑައިރެކްޓަރު ހަންސަލް މެހެތާގެ ދަރިފުޅެވެ. ޖެއި މެހެތާގެ އެންމެ ފުރަތަމަ ޑައިރެކްޝަނަކީ މި އަހަރުގެ މާޗް މަހު ޑިޒްނީ ޕްލަސް ހޮޓްސްޓާއިން ޕްރީމިއާ ކުރި ސީރީސް "ލުޓޭރާ"އެވެ.
ބޮލީވުޑްގެ އެންމެ ނުފޫޒު ގަދަ އެކްޓަރުންގެ ތެރޭ ހިމެނޭ ރަންވީރު ސިންގް އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ ކުޅަދާނަ ޑައިރެކްޓަރު އަދިތިޔާ ދާރު ގެނެސްދޭ ސްޕައި އެކްޝަން ތުރިލާ "ދުރާންދާރު"އިންނެވެ.
ވަރަށް ބޮޑު ކާސްޓަކާ އެކު ގެނެސްދޭ މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ މި އަހަރުގެ ޑިސެމްބަރު މަހުގެ ފަސް ވަނަ ދުވަހުއެވެ.