ފިލިޕީންސްގެ މެދުތެރޭގެ އައްސޭރިފަށުގައި އޮންނަ ލޭޓޭއަށް 6.9 މެގްނިޓިއުޑްގެ ބާރުމިނުގައި އިއްޔެ އައި ބިންހެލުމުގައި މިހާތަނަށް 31 މީހުން މަރުވެ، އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށް އޮފިޝަލުން ހާމަކޮށްފިއެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ބުނި ގޮތުގައި ބިންހެލުން އައިސްފައިވަނީ 90،000 ގެ އާބާދީއެއް އޮންނަ ބޯގޯގެ އުތުރަށް، އަންގާރަ ދުވަހު ޖީއެމްޓީން 13:59 ގައި ކަމަށެވެ.
ބޮގޯއިން މަރުވި މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭއިރު، މީހުން ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން އަންނަނީ ކުރަމުންނެވެ. ނަމަވެސް ބިންހެލުމުގާ ގުޅިގެން އިމާރާތްތައް ވެއްޓި ބަންދުވެފައިވާތީ މީހުން ހޯދުމުގެ މަސައްކަތަށް ވަނީ ބުރޫ އަރާފައެވެ. ސަލާމަތްވި ބައެއް މީހުން ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.
ސޭބޫ ޕްރޮވިންސްގެ ސަރުކާރުން ވަނީ ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން މީހުން ހޯދައި ސަލާމަތްކުރުމުގެ މަސައްކަތަށް ވޮލަންޓިއަރުން ބޭނުންވެގެން އިއުލާނުކޮށްފައެވެ.

ބިންހެލުމުގެ ސަބަބުން ހަލާކުވެފައިވާ އިމާރާތެއް. ފޮޓޯ/ސޭބޫ ގަވަރުނާސް އޮފީސް
ބޮގޯ ކައިރީގައި އޮންނަ މެޑެލިން ޓައުންގައި ގޭގޭގެ ސީލިންގްތަކާއި ފާރުތައް ވެއްޓިގެންވެސް ބައެއް ގާތްގަޑަކަށް 12 މީހުން މަރުވެފައިވާ ކަމަށް އެ ސަރަހައްދުގެ ޑިސާސްޓާ މިޓިގޭޝަން އޮފީހުގެ އިސްވެރިޔާ ޖެމާ ވިލަމޯ ވިދާޅުވިއެވެ.
ބޮގޯ ކައިރީގައި އޮންނަ ސެން ރެމިޖިއޯ ޓައުންގައި ވެސް ބިންހެލުމުގެ ސަބަބުން ކޯސްޓްގާޑުގެ ތިން މީހުންނާއި ފަޔާ ފައިޓަރަކާއި ކުޑަކުއްޖަކު ހިމެނޭހެން ފަސް މީހުން ވަނީ މަރުވެފައެވެ.
ފިލިޕީންސްގެ ބިންހެލުންތައް ދިރާސާކުރާ އޮފީހުން ބުނީ ބާރުގަދަ ބިންހެލުމަށް ފަހު ވެސް 379 ލޮޅުމެއް ފިލިޕިންސަށް އިހްސާސްކުރެވިފައިވާ ކަމަށެވެ.
ބިންހެލުމުގެ ސަބަބުން ކަރަންޓު ކޭބަލްތައް ހަލާކުވެ ކަރަންޓުވެސް ކެނޑުނެވެ. ނަމަވެސް ރޭގަނޑު 12 ގެ ފަހުން ބައެއް ހިސާބުތަކަށް ކަރަންޓު ފޯރުކޮށްދީފައިވާ ކަމަށް ފިލިޕީންސްގެ ނޭޝަނަލް ގްރިޑް ކޯޕަރޭޝަނުން ނެރުނު އެޑްވައިޒަރީގައި ބުނެފައިވެއެވެ.

ޕިލިޕީންސްއަށް ބިންހެލުން އައިސްފައި ވަނީ 6.9 މެގްނިޓިއުޑްގެ ބާރުމިނުގައި. ފޮޓޯ/ޕީޓީވީ ސޭބޫ
ބިންހެލުން އައިސްފައި ވަނީ ހަތް މެގްނިޓިއުޑްގެ ބާރުމިނުގައި ކަމަށް ކުރިން ވަނީ ރިޕޯޓުކޮށްފައެވެ. ނަމަވެސް ފަހުން ވަނީ އެ މިންގަނޑު ދަށްކޮފައެވެ.
ޕެސިފިކްގައި ސުނާމީގެ ނުރައްކަލެއް އޮތް ނަމަ އެކަން އަންގައިދޭ މަރުކަޒުން ވަނީ އެ ބިންހެލުމުގެ ސަބަބުން ސުނާމީގެ ނުރައްކަލެއް ނެތް ކަމަށާއި އިތުރަށް ފިޔަވަޅެއް އަޅަން ނުޖެހޭ ކަމަށް ބުނެފައެވެ.
ބިންހެލުން އާންމު، ޖަޕާނުން ފެށިގެން ދެކުނު އިރުމަތީ އޭޝިއާ އާއި ޕެސިފިކް ކަނޑުގެ އެކި ހިސާބުތަކަށް ދެމިގެން ގޮސްފައި އޮންނަ "ރިންގް އޮފް ފަޔާ" ގައި ހިމެނޭ ފިލިޕީންސަށް ކޮންމެ ދުވަހަކުހެން ވެސް ބިންހެލުން އާދެއެވެ.