މީގެ އަހަރުތަކެއް ކުރިން މަސައްކަތް ފަށައިގެން، މިހާރު ގާތްގަނޑަކަށް ނިމިފައި އޮތް "ކޮސް ގިނަ މިސްޓޭކް"ގެ ޓްރެއިލާއާއި ޕޯސްޓަރު ރޭ ނެރެފިއެވެ.
އެ ކަމަށް ޚާއްސަކޮށް ބޭއްވި ހަފުލާ ޝަރަފުވެރިކޮށްދެއްވައި، ފިލްމުގެ ޓްރެއިލާ ލޯންޗުކޮށްދެއްވީ ސަން ސިޔާމް މީޑިއާގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) މުހައްމަދު އާސިފް (މޮންދު) އެވެ.
ދިވެހި ގިނަ ތަރިންނާ އެކު، އުފައްދާ މި ފިލްމަކީ ކޮމެޑީ ފީޗާ ފިލްމެކެވެ. ފިލްމު ޓްރެއިލާއިން ވެސް އެކަމަށް ހެކިވެއެވެ. ހެއްވާ މަޖާ އެތައް މަންޒަރެއް ފެނެއެވެ. ފިލްމުގެ ކޮންމެ ކަމެއް ވެސް ގުޅިފައިވަނީ މަޖާ ކަމަކާއެވެ.
ފިލްމުން ފެންނާނެ ތަރިންގެ ތެރޭގައި ވެސް، މަޖާ ރޯލުތަަކަށް މަޝްހޫރު ބައެއް ކާސްޓުން ހިމެނެއެވެ.
އެގޮތުން، ފިލްމުން ފެންނާނެ ތަރިންގެ ތެރޭގައި، އަހުމަދު ނިމާލާއި މަރްޔަމް އައްޒައާއި މަރިޔަމް ޝިފާއާއި އާމިނަތު ރިޝްފާއާއި އަލީ އާޒިމް (ދޮން އައްޔަ)އާއި އަލީ ސީޒަންއާއި އަބްދުﷲ ޝާފިއު (ފުބޫ)އާއި މުހައްމަދު ޖުމައްޔިލު ނިމާލާއި ހާމިދު އަލީ ހިމެނެއެވެ.

ކޮސްގިނަ މިސްޓޭކްގެ ޕޯސްޓަރު: މި ފިލްމުން ގިނަ ދިވެހި ތަރިންތަކެއް ފެންނާނެ ---
ވީ މީޑިއާއިން 2018 ވަނަ އަހަރު އިއުލާނުކުރި މި ފިލްމުގެ 90 ޕަސެންޓު ނިމިފައިވާކަން ޖެހިގެން އައި 2019ގައި އިއުލާނުކުރިއެވެ. އެކަމަކު، އޭގެ ފަހުން ފިލްމުގެ މަސައްކަތް ހުއްޓިފައި އޮތުމަށް ފަހު، ޝޫޓިން އަލުން ފެށީ މިދިޔަ ފެބްރުއަރީ މަހުގެ ކުރީކޮޅެވެ.
މި ފިލްމުގެ ޓްރެއިލާއާއި ޕޯސްޓަރުގެ މަސައްކަތްކޮށްފައިވަނީ އަބްދުﷲ މުއާޒެވެ. ޝައި ޕްރޮޑަކްޝަންސްގެ އިސްމާއިލް ޝަފީގާއި ސެޓާން ސްޓޫޑިއޯގެ އަލީ ޝާނީޒް ޕްރޮޑިއުސްކުރާ ކޮސް ގިނަ މިސްޓޭކްސްގެ ސްކްރީން ޕްލޭ ލިޔުނީ ޔޫސުފް ޝަފީއު (ޔޫއްޕެ)އެވެ.
ފިލްމުގެ ރޯލެއް ވެސް ކުޅެމުން ފިލްމު ޑައިރެކްޓު ކުރަނީ ސީޒަންއެވެ.
އަންނަ ނޮވެންބަރު ފަހެއްގައި ރިލީޒްކުރާ މި ފިލްމުގެ މީޑީއާ ޕާޓްނަރަކީ ސަން ސިޔާމް މީޑިއާއެވެ.