އިނގިރޭސިބަސް ދަސްކުރަން ބޭނުންވާ ކޮންމެ މީހަކަށް ވެސް އެ ފުރުސަތު ދިނުމަށް އުފައްދާފައިވާ 'ބަސްވާރު އެޕް' ހިލޭ ބޭނުންކުރުމުގެ ފަހު ފުރުސަތު ހުޅުވާލައިފިއެވެ.
'ބަސްވާރު'އަކީ، ބޮޑެތި މީހުންނަށް އިނގިރޭސިބަސް ކިޔަވައިދޭ ކްލާހެއް ކަމަށްވާ "ދަ ސްޓަޑީ ސެންޓާ"އަށް ލިބޭ ތަރުހީބުން ތަޖުރިބާ ހޯއްދަވައިގެން، އެ މަސައްކަތް އިތުރަށް ފަސޭހަކުރެއްވުމުގެ މަގުސަދުގައި އަޙްމަދު ނާއިފް ރަޝީދު އުފެއްދެވި އެޕެކެވެ.
އެ އެޕްގެ އަޖުމަ ބެލުމަށް އިއްޔެ ވެސް ހިލޭ ފުރުސަތު ހުޅުވާލުމަށް ފަހު، މިއަދު ވެސް އެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.
މި އެޕް ޕްލޭ ސްޓޯ ނުވަތަ އެޕް ސްޓޯރުން ޑައުންލޯޑް ކުރެވޭނެއެވެ. އެއާއެކު، ކޮންމެ ތަނެއްގައި ހުރެ، ކޮންމެ ވަގުތަކު ވެސް އިނގިރޭސިބަސް ދަސްކޮށްދޭ ކްލާސްރޫމެއްގައި ހުރެވޭ އިހުސާސު ކުރެވި، ކިޔެވުމުގައި އެހީތެރިކަން ލިބޭނެއެވެ.
ނާއިފް ވިދާޅުވި ގޮތުގައި "ދަ ސްޓަޑީ ސެންޓާ"އަށް ލިބޭ ތަރުހީބުން، ބޮޑެތި މީހުންގެ މެދުގައި އިނގިރޭސިބަސް އުނގެނުމަށް އޮންނަ ޝައުގުވެރިކަން ފާހަގަވެއެވެ. ނަމަވެސް ބައެއް ބޭފުޅުންނަށް ކްލާސްތަކަށް ވަޑައިގަތުމަކީ އެހާ ފަސޭހަ ކަމެއް ނޫންކަން ވެސް އެ ބޭފުޅުންގެ ފަރާތުން ލިބޭ މައުލޫމާތުން އެނގެއެވެ.
އެހެންކަމުން ބަސްވާރު އެޕްގެ މަގުސަދަކީ އިނގިރޭސިބަސް ދަސްކުރައްވަން ބޭނުންވާ ހުރިހާ ބޭފުޅުންނަށް ހިތްވަރުދީ، ކޮންމެ ތަނެއްގައި ހުންނަވައިގެންވެސް އިނގިރޭސިބަސް އުނގެނުމަށް ލުއިފަސޭހަ މަގެއް ފަހިކޮށް ދިނުން ކަމަށް ނާއިފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ބިޒީ ޝެޑިއުލްތަކުގައި އުޅެމުން ލިބޭ ހުސް ވަގުތުތަކުގައި ވެސް އިނގިރޭސި ބަސް ދަސްކުރެވޭނެ މަގެއް ތަނަވަސްކޮށް ދިނުމަކީ ވެސް މި އެޕް އުފެއްދުމުގެ އެއް މަގުސަދު ކަމަށެވެ.
ނާއިފް ދެއްވާ ޔަގީންކަމަކީ މި އެޕް ބޭނުންކުރަން ފަސޭހަވާނެ ކަމާއި ހެޔޮ އަގުގައި ޚިދުމަތް ލިބޭނެ ކަމެވެ.
ބަސްވާރު އެޕް ބޭނުން ކުރާނެ ގޮތުގެ އިރުޝާދުތައް މި އެޕްގައި ދިވެހި ބަހުން ދީފައިވެއެވެ.
މި އެޕްގައި ހިމެނޭ ބައެއް ބައިތަކުގެ ތެރޭގައި އިނގިރޭސިބަސް ދަސްކުރަން ފަށައިގަންނަ މީހުންނަށް އެކަށީގެންވާ ގޮތަށް ތައްޔާރުކޮށްފައިވާ ފިލާވަޅުތަކާއި، ކޮންމެ ފިލާވަޅެއް އޮޅުންފިލުވައި ދިނުމަށްފަހު އެއާ ގުޅޭގޮތުންދޭ ތަމްރީނުތައް ހިމެނެއެވެ. އަދި އިނގިރޭސިބަހުގެ ލަފުޒުތައް ދަސްކޮށްދޭ ތަމްރީނުތަކާއި، އަޑުއެހުމާއި، ލިއުމާއި ކިއުމުގެ ތަމްރީނުތަކާއި، އިނގިރޭސިބަހުގެ ގަވާއިދު ދަސްކޮށްދޭ ފިލާވަޅުތައް ވެސް ބަސްވާރުގައި ހިމެނެއެވެ.
މީގެ އިތުރުން، ކިޔަވާ މީހުންގެ ޝައުގުވެރިކަން ހިފެހެއްޓުމަށް ޓަކައި އެ މީހަކު ކުރި މަސައްކަތުގެ ފީޑްބެކް ވެސް މި އެޕުން ދޭނެއެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި ބަސްވާރު އެޕްއަށް އިތުރު ބައިތައް ތައާރަފުކުރައްވާނެ ކަމަށް ނާއިފް ވިދާޅުވިއެވެ. އަދި މި އެޕުން އަރަބިބަސް ވެސް ކިޔެވޭނެ ގޮތް ހެދުމަށް ގަސްތުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.