މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ)އިން ރާއްޖޭގައި ހިންގުމަށް ހުއްދަ ދީފައިވާ ޕްރޮގްރާމްތަކެއް ރާއްޖޭން ބޭރުގައި ހިންގާ ކަމުގެ މައްސަލައެއް އެ އޮތޯރިޓީން މިއަދު ފާހަގަކޮށްފިއެވެ.
މިއަދު އެމްކިއުއޭއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ރާއްޖޭގައި ހިންގުމަށް ހުއްދަ ދީފައިވާ ޕްރޮގްރާމްތަކެއް، ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒަކުން ބޭރުގައި ހިންގައި، ބޭރުގެ ދަރިވަރުންތަކަކަށް ސަނަދު ދީފައިވާ ކަމަށެވެ. އެއީ ކޮން މަރުކަޒެއް ކަމެއް އެ އޮތޯރިޓީން ހާމައެއްނުކުރެއެވެ.
އެކަން އެމްކިއުއޭގެ ސަމާލުކަމަށް އައީ، އެ ދަރިވަރުންގެ ސަނަދުތަކުގެ ސައްހަކަން ކަށަވަރުކުރުމަށް ރައްޖޭން ބޭރުގެ ތިން ގައުމެއްގެ ރަސްމީ އިދާރާތަކުން އަންގައިގެންނެވެ.
ތިން ގައުމެއް ކަމަށް ބުނި ނަމަވެސް އެއީ ކޮންމެ ގައުމުތަކެއްކަން އެމްކިއުއޭއިން ހާމައެއް ނުކުރެއެވެ. އެ އޮތޯރިޓީން ބުނީ، އެގޮތަށް ޕްރޮގްރާމު ހިންގައިގެން ސަނަދު ދިނުމަށް އެއްވެސް މަތީ ތައުލީމު ދޭ މަރުކަޒަކަށް ހުއްދަދީފައި ނުވާނެ ކަން އެ އިދާރާތަކަށް އަންގާފައިވާނެ ކަމަށެވެ.
އެ މައްސަލައިގެ ސަބަބުން ރާއްޖޭން ބޭރުގެ ދަރިވަރުންތަކަކަށް ގެއްލުންވަމުންދާ ކަމަށާއި އެކަމުގެ ޒިންމާ ނަގަން ޖެހޭނީ އެ މަރުކަޒަކުން ކަމަށް އެމްކިއުއޭއިން ވަނީ ބުނެފައެވެ.
އޭގެއިތުރަށް، އެ އިދާރާއިން އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމުތައް ރާއްޖޭން ބޭރުގައި ހިންގުމާ ބެހޭ ގަވައިދަށް މިމަހު 10ގައި، އަމަލުކުރަން ފެށުމުގެ ކުރިން ރާއްޖޭގައި ހިންގުމަށް ހުއްދަ ދޫކޮށްފައިވާ ޕްރޮގްރާމުތައް ރާއްޖޭން ބޭރުގައި ހިންގުމަށް އެކްރެޑިޓޭޝަން ދޫކޮށްފައެއް ނުވާނެ ކަން އެމްކިއުއޭއިން ފާހަގަކުރިއެވެ.
އެމްކިއުއޭއިން ވަނީ، މިފަދަ މައްސަލަތަކުގެ ސަބަބުން، ބައިނަލްއަގުވާމީ ފެންވަރުގައި ދިވެހިރާއްޖޭގެ މަތީ ތަޢުލީމީ މުއައްސަސާތަކާ މެދު ބިނާވެފައިވާ އިތުބާރާއި ޔަގީންކަމަށް ބުރޫއެރުމަކީ އެކަށީގެންވާ ކަމެއް ަކމަށެވެ. އެހެންވެ، އެ އޮތޯރިޓީން އެކްރެޑިޓޭޝަން ދީފައިވާ ޕުރޮގްރާމުތައް ރާއްޖެއިން ބޭރުގެ މަރުކަޒެއްގައި ހިންގަން ބޭނުންވާނަމަ، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން އެކްރެޑިޓޭޝަން ދީފައިވާ ޕުރޮގްރާމުތައް ބޭރުގައި ހިންގުމާބެހޭ ގަވާއިދާ އެއްގޮތަށް ހުއްދަ ހޯދުމަށްފަހު އެފަދަ ޕުރޮގްރާމުތައް ކުރިއަށް ގެންދިޔުމަށް އެ އޮތޯރިޓީން އިލްތިމާސްކުރިއެވެ.
މީގެކުރިން ވެސް މިފަދަ މައްސަލަތައް ފެންމަތިވެފައި އެބަހުއްޓެވެ.