ސިބްކޯ ކުންފުނިން، ރާއްޖެ ޓީވީއަށް ބައި މިލިއަނެއްހާ ރުފިޔާ ދައްކަން ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.
މިއީ، ރާއްޖެ ޓީވީން ސިބްކޯ ކުންފުންޏަށް ފޯރުކޮށްދީފައިވާ ޚިދުމަތްތަކަކަށް ފައިސާ ނުދައްކައިގެން ހުށަހަޅާފައިވާ މައްސަލައެއްގެ ހުކުމެކެވެ.
ސިވިލް ކޯޓުން ހޯމަ ދުވަހު ނިންމި މި މައްސަލައިގެ ހުކުމުގައިވާ ގޮތުން، މިއީ، 2021 ވަނަ އަހަރުގެ ތެރޭގައި ރާއްޖެ ޓީވީން ފޮނުވި ކޯޓޭޝަނަކަށް ބިނާކޮށް، ހޯދި ޚިދުމަތާ ގުޅޭ ފައިސާގެ މައްސަލައެކެވެ.
އެ އަހަރުގެ ޖަނަވަރީ މަހު ފޮނުވި ކޮޓޭޝަނާ ގުޅޭ އެއްބަސްވުމުގައި ޖެހިގެން އައި އަހަރު ސޮއިކޮށްފައިވީނަމަވެސް، މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި 378،900 ރުފިޔާ އޮތީ ނުދައްކައެވެ.
މި ފައިސާ ހޯދަން ރާއްޖެ ޓީވީން ދައުވާ ކުރި މައްސަލައިގެ ލިޔުންތައް ސިބްކޯ ކުންފުންޏަށް ލިބިފައިވީނަމަވެސް އެ ކުންފުނިން ދައުވާއަށް ޖަވާބެއް ދީފައެއް ނުވެއެވެ. އަދި ޝަރީއަތަށްވެސް ހާޒިރެއް ނުވެއެވެ.
ދައުވާ ލިބޭ ފަރާތުގެ ހައިސިއްޔަތުން ސިބްކޯ ކުންފުނިން ކޯޓަށް ހާޒިރުނުވުމުން، އަދި ޖަވާބުދާރީވެސް ނުވުމުން މައްސަލަ ނިންމާފައިވަނީ އެ ކުންފުނީގެ ޣައިރު ހާޒިރުގައެއެވެ.
ސިބްކޯ ކުންފުނީގެ ޣައިރު ހާޒިރުގައި މި މައްސަލަ، ސިވިލް ކޯޓުގެ ގާޒީ އަޒްފާ އަބްދުލްގަފޫރު ނިންމެވީ، އެއް މަސް ދުވަހުގެ ތެރޭގައި 378،900 ރުފިޔާއާއި ޝަރިއަތުގެ ޚަރަދުގެ ގޮތުގައި 10،800 ރުފިޔާ ހިމެނޭހެން ޖުމްލަ އެކު 389،700 ރުފިޔާ ދައްކަން އަމުރުކޮށެވެ.
މިއީ މި އަހަރުގެ މާރިޗު މަހު ކޯޓަށް ހުށަހެޅި މައްސަލައެކެވެ.