މިދިޔަ އެމްޑީޕީގެ ފަހު ތިން އަހަރު ހިންގި ކަމަށް ތުހުމަތުކުރެވޭ އެތައް މައްސަލައެއް ހިމެނޭ ޚާއްސަ އޮޑިޓާ ގުޅިގެން އިސްލާހީ ފިޔަވަޅުތައް އަޅަން ފަށައިފި ކަމަށާއި މިހާރު ކުންފުނި ހިންގަމުންދަނީ ގާނޫނުތަކާ އެއްގޮތަށް ކަމަށް ފެނަކައިން މިރޭ ބުނެފިއެވެ.
ފެނަކައިން ނެރުނު ބަޔާނެއްގައި ބުނީ، އެ ކުންފުނިން އަޅާ އިސްލާހީ ފިޔަވަޅުތަކުގެ ތެރެއިން ކުންފުނީގެ މުދަލާއި ޚިދުމަތް އުސޫލުތަކާއި ކުންފުނިން ހިންގާ މަސައްކަތްތައް ކުރިއަށްދާ ގޮތް ބަލައި އެ ކަންކަން ބެލެހެއްޓުމުގެ ކަންކަން ކުރިއަށްދަނީ ކަނޑައެޅިފައިވާ ގަވައިދުތަކާއި އުސޫލުތަކާ އެއްގޮތަށްކަން ކަށަވަރު ކުރުމަށް މަސައްކަތް ކުރާ ކަމަށެވެ. އެގޮތުން އިތުރު މޮނިޓަރިން ނިޒާމެއް ގާއިމުކުރާނެ ކަމަށް ފެނަކައިން ބުންޏެވެ.
މީގެ އިތުރުން ފެނަކައިގެ ހިންގުމުގެ އޮނިގަނޑު ހަރުދަނާ ކުރުމަށާއި ސްޓޭކްހޯލްޑަރުންނާ މުއާމަލާތް ކުރުމުގެ ނިޒާމު ވަރުގަދަ ކުރުމަށް މަސައްކަތް ކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި ރިޕޯޓުކުރުމާއި މައުލޫމާތު ހާމަކުރުމުގެ އުސޫލުތައް ހަރުދަނާ ކުރުމަށް ޓަކައި ކުންފުނިން ކުރެވެން ހުރި ކަންކަން ދެނެގަނެ، އެ މަސައްކަތްތައް ކުރިއަށްގެންދާނެ ކަމަށް ބަޔާނުގައިވެއެވެ.
ފެނަކައިން ބުނީ، އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާފަދަ ކަންކަން ތަކުރާރުނުވާނެކަން ކަށަވަރު ކުރުމުގެ އެންމެ އަސާސީ އެއް ފިޔަވަޅަކީ ގާނޫނުތަކާއި ގަވައިދުތަކާ ޚިލާފުވެފައިވާކަން ސާބިތުވެ ނުވަތަ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވެފައިވާ ފަރާތްތަކާ މެދު އަޅަން ޖެހޭ ގާނޫނީ ފިޔަވަޅު އެޅުން ކަމަށެވެ.
"އެފަދަ ފަރާތްތަކުގެ މައްސަލަތައް ކަމާ ގުޅުންހުރި ދައުލަތުގެ އިދާރާތަކަށް ހުށަހެޅޭނެ ކަމުގައި ވެސް ދެންނެވީމެވެ." ފެނަކައިން ބުންޏެވެ.
ފެނަކައާ ގުޅޭ ޚާއްސަ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ މުހިންމު ބައެއް ކަންކަން:
- ތިން އަހަރު ތެރޭ ބީލަމަށް ނުލައި 1.4 ބިލިއަން ރުފިޔާ ޚަރަދުކުރުން
- 2 މިލިއަން ރުފިޔާއަށް ލިބެން އޮތް ބޭނުންކޮށްފައިވާ ޖަނަރޭޓަރުތަކެއް އާ ޖަނަރޭޓަރުގެ ގޮތުގައި 17 މިލިއަނަށް ގަތުން
- ބައެއް ކުންފުނިތަކަށް މަސައްކަތް ހަވާލުނުކުރަނީސް ފެނަކައިގެ ނަމުގައި މުދާ ގެނެސްފައި ހުރުން
- އުޅަނދެއް ނެތް ބަޔަކަށް މުދާ އުފުލަން 105 މިލިއަން ރުފިޔާ ޚަރަދުކުރުން
- އެ ކުންފުނީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދުގެ އާއިލީ ކުންފުނިތަކަކަށް މަސައްކަތް ހަވާލުކޮށްފައިވުން
- ސިޔާސީ ގޮތުން އެމްޑީޕީއާ ގުޅުން އޮތް ކުންފުނިތަކަށް ބިޑްކުރުމަކާ ނުލައި ގިނަ މަޝްރޫއުތަކެއް ދިނުން
އެ މައްސަލަތައް ތަހުގީގުކޮށް، ފިޔަވަޅު އަޅަން އަންގަވާފައިވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.
އޭގެފަހުން، ކޮރަޕްޝަންގެ މައްސަލައެއް ސާބިތުވެ, ފެނަކައިގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ސައީދު މުޙައްމަދު, ހަތަރު އަހަރަށް ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން މިދިޔަ އާދިއްތަ ދުވަހު ވަނީ ހުކުމް ކޮށްފައެވެ.
އޮޑިޓް ރިޕޯޓަކީ އޮޑިޓާ ޖެނެރަލް އިބްރާހިމް ނިޔާޒީއަށް ބިރު ދައްކައިގެން ސަރުކާރުން ކުރި ކަމެއް ކަމަށާއި އެއީ ސިޔާސީ ބޭނުމެއްގައި ކޮށްފައިވާ ކަމެއް ކަމަށް އެމްޑީޕީން ވަނީ ތުހުމަތުކޮށްފައެވެ.