ފިލިޕީންސަށް 6.9 މެގްނިޓިއުޑްގެ ބިންހެލުމެއް، ރާއްޖެއަށް ނުރައްކަލެއް ނެތް

ފިލިޕީންސްއަށް މީގެކުރިން އައި ބިންހެލުމެއްގައި ގެއްލުން ލިބިފައި: މިއަދު އައި ބިންހެލުމުގައި މީހަކަށް އަނިޔާވެގެން މިހާތަނަށް ރިޕޯޓުކޮށްފައިނުވޭ -- ފޮޓޯ/ފޮކްސް

ފިލިޕީންސްގެ މެދުތެރޭގެ އައްސޭރިފަށުގައި އޮންނަ ލޭޓޭއަށް 6.9 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވާ ކަމަށް އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނެފިއެވެ.

ބިންހެލުމުން އައިސްފައި ވަނީ ގާތްގަނޑަކަށް 33،000 މީހުން ދިރިއުޅޭ ބޮހޯލް ޕްރޮވިންސްގެ މުނިސިޕަލްޓީއެއް ކަމަށްވާ ކަލާޕޭގެ އިރުމަތިން ގާތްގަނޑަކަށް 11 ކިލޯމީޓަރު ދުރަށެވެ.

ބިންހެލުން އައިސްފައި ވަނީ ހަތް މެގްނިޓިއުޑްގެ ބާރުމިނުގައި ކަމަށް ކުރިން ވަނީ ރިޕޯޓުކޮށްފައެވެ. ނަމަވެސް ފަހުން ވަނީ އެ މިންގަނޑު ދަށްކޮފައެވެ.

ފިލިޕީންސްގެ ބިންހެލުންތައް ދިރާސާކުރާ އޮފީހުން ވަނީ އެ ބިންހެލުމާ ގުޅިގެން ކަނޑުގެ ލޮނުގަނޑަށް ކޮންމެވެސް ވަރަކަށް އުފުލޭނެ ކަމަށް ބުނެފައެވެ. އެހެންވެ، މެދުތެރޭގެ ޖަޒީރާތައް ކަމަށްވާ ލޭޓޭ، ސެބޫ އަދި ބިލިރާންގެ ރައްޔިތުން އައްސޭރިފަށަށް ނުދިއުމަށް އެ އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

ޕެސިފިކްގައި ސުނާމީގެ ނުރައްކަލެއް އޮތް ނަމަ އެކަން އަންގައިދޭ މަރުކަޒުން ވަނީ އެ ބިންހެލުމުގެ ސަބަބުން ސުނާމީގެ ނުރައްކަލެއް ނެތް ކަމަށާއި އިތުރަށް ފިޔަވަޅެއް އަޅަން ނުޖެހޭ ކަމަށް ބުނެފައެވެ.

އެ ބިންހެލުމުގައި އެއްވެސް މީހަކަށް އަނިޔާވި ކަމަށް މިހާތަނަށް ރިޕޯޓުކޮށްފައިނުވެއެވެ.

ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ބިންހެލުން އައީ މާލެއާ 5621 ކިލޯމީޓަރުގެ ދުރުމިނަށް ކަމަށް ބުނެފައެވެ. އަދި ބިންހެލުމާ ގުޅިގެން އިންޑިއާ ކަނޑުގައި ސުނާމީއެއް ނުއުފެދޭ ކަމަށާއި ރާއްޖެއަށް ނުރައްކަލެއް ނެތް ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

comment ކޮމެންޓް