"ބައްޕާ...."
ނަމީރު ކަންބޮޑުވިއެވެ. ކުރެވުނީ ކިތަންމެ ބޮޑު ކުށަކަސް އެވަރު ބޮޑު އަނިޔާއެއް ދެވިގެންވާނެ ކަމަކަށް އޭނަ ޤަބޫލެއް ނުކުރެއެވެ. އެ ނޫން ކޮންމެވެސް އެހެން ގޮތަކަށްވެސް އަދަބު ދެވިދާނެއެވެ.
"މި ނިންމުމެއް ބަދަލެއް ނުވާނެ. ނަމީރުގެ އެކުވެރިއެއްކަމަކު އަދަބަކުން ސަލާމަތެއް ނުވެވޭނެ." އިންޖާބު ގެ އަޑާއެކު ނަމީރު އިސްޖަހައިލިއެވެ. އެކަމުގައި އޭނައަށް ވެސް ކުރެވޭނެ އިތުރު ކަމެއް ނެތެވެ. ބައްޕައަކީ ކިތަންމެ ހަރުކަށި މީހެއް ނަމަވެސް، އެހާ ރަޙުމުކުޑަ ވެދާނެ ކަމަކަށް ނަމީރަށް އުންމީދުކުރެވިފައެއް ނުވެއެވެ. އެމީހުންނަށް ވަރައަކީ އޭގައި ވެސް ތަފާތު ބާރުތަކެއް އެކުލެވިގެންވާ، ވަރަށް މުހިންމު އެއްޗެކެވެ. ވަރަ ބުރިކޮށްލައިފި ނަމަ ނުވަތަ އަންދާލައިފި ނަމަ ބައެއް ބާރުތައް ނެތިގެން ދާނެއެވެ. އިންޖާބުގެ އަމުރާއެކު، ސިފައިން ރައާބިލްގެ ވަރަ އަންދައިލުމުގެ މަސައްކަތް ފެށިއެވެ. ވަކި ވައްތަރެއްގެ ލަކުނޑިގަނޑެއް ގެނެސް އޭގައި އަލިފާން ރޯކޮށްލުމާއެކު، ނޫކުލައިގެ ހުޅުގަނޑެއް އުފެދުނެވެ.
"ބައްޕާ..." އަނެއްކާވެސް ނަމީރަށް އާދޭހާއެކު ގޮވައިލެވުނެވެ. އެކަންތައް ހުއްޓައިލުމަށް އެދެވުނެވެ. އެހެންނަމަވެސް އިންޖާބު ހުރީ އެކަންތައް ހުއްޓާލާނެ ފަދަ ގޮތަކަށް ނޫނެވެ.
"ނަމީރު ކައިރީ ބުނެފީމެއްނު އަހަރެންގެ ނިންމުން ބަދަލު ކުރަން ނޫޅޭށޭ. އަޑެއް ނީވޭތަ؟" އިންޖާބު އަނެއްކާވެސް ބުންޏެވެ.
"އަންދާލާ..." އޭނަ ސިފައިންނަށް އަމުރު ކުރިއެވެ.
"ނޫން... ނޫން... އަހަރެންގެ ވަރަ... އަންދާނުލާ... ހެޔޮ ނުވާނެ... އާދޭސްކުރަން." ރައާބިލްއަށް އާދޭސްކުރެވެން ފެށުނެވެ. އިންޖާބަށް އަވަސް ނަޒަރެއް ދިނުމަށްފަހު، އެހީއަށް އެދި ދެން ބަލައިލެވުނީ ނަމީރަށެވެ.
"ނަމީރު... އަހަންނަށް ތިޔަފަދަ އަނިޔާއެއް ނުދީ. އަހަރެންގެ ވަރަ އަކީ ކިހާ މުހިންމު އެއްޗެއްކަން ނަމީރަށްވެސ އެނގޭނެ. ވަރަ އަންދާނުލާ އެހެން ކޮންމެ އަދަބެއް ދިނަސް ވަރިހަމަ. ކޮންމެ އަދަބެއް ވެސް އަހަރެން ޤަބޫލުކުރާނަން." ރައާބިލްގެ ދެލޮލުން ކަރުނަ އަންނަމުން ދިޔައެވެ.
"އަހަރެމެންނަށް ފިލަން މަސައްކަތްކުރުމުގެ އަދަބަކީ އެއީ..." އިންޖާބުގެ ހަރުކަށިކަމަށް ބަދަލެއް ނާދެއެވެ. އޭނަ ހުރީ ގޮތުގައެވެ. ނިންމުމެއް ނިންމުމަށްފަހު، ބަދަލުނުކުރާނެކަން އެވަގުތު ވެސް އިންޖާބު ދިޔައީ ސާބިތުކޮށްދެމުންނެވެ.
"މިވަރު އަނިޔާއެއް ހައްްޤުވާން އަހަރެން ކުރި ކުށަކީ ކޮބާތަ؟ ލޯބިވުންތަ؟ އެކަމުން ކަލޭމެންނަށް ލިބުނު ގެއްލުމަކީ ކޮބާ؟ ލިބުނު ނުރައްކަލަކީ ކޮބާ؟" ރައާބިލް ސުވާލުލޮށްލިއެވެ.
އިންޖާބު އަތުން އިޝާރާތް ކޮށްލުމާއެކު، ސިފައިން ރައާބިލް ތަޅުންގަނޑު މަތީގައި ބާއްވާފައި ނުތެދުވެވޭހެން ހައްޔަރުކޮށްލިއެވެ. އެއަށްފަހު އަލިފާންގަނޑު ރައާބިލްގެ ވަރައާ ކައިރިކޮށްލިއެވެ. ހުޅުގަނޑު ވަރައިގައި ޖެހިލުމާއެކު، ވޭނުން ފުރިގެންވީ ގޮތަކަށް ރައާބިލް ހަޅޭއްލަވަން ފެށިއެވެ. ވަރައެއް އަންދާލުމަކީ ވަރަށް ވޭންހުރި ކަމެކެވެ. އެއީ އެމީހުން އުފެދުމުގައި ހަށިގަނޑުގެ ބަޔެކެވެ. ވީއިރުވަރަ އަންދާލުމަކީ ހަމަ ހަށިގަނޑުގައި އަލިފާންޖަހާ އަންދާލުން ފަދަ ކަމެކެވެ.
"އޭތް. ހުއްޓާލާށޭ... ތަދުވެޔޭ... އާތް...." އަޅާ ވޭނަށް ކެތް ނުކުރެވިގެން ރައާބިލް ހަމަ ތެޅި ފޮޅެނީއެވެ. ލޮލުން އޮހޮރުނު ކަރުނަތައް ހުއްޓުމެއް ނެތި ކޯތާފަތް މައްޗަށް ފައިބަމުން ދިޔައެވެ. ރައާބިލްއަށް ހީވީ އޭނަގެ ފުރާނަ ވަކިވެގެން ދަނީ ހެންނެވެ. އެ މަންޒަރު ބަލަން ކެތް ނުކުރެވުނު ނަމީރު، އެތަނުން ދާން ހިނގައިގަތެވެ. އިންޖާބު ނަމީރަށް ބަލައިލުމަށްފަހު، އިތުރު އެއްޗެއް ނުބުނެއެވެ. އެ މަންޒަރަކީ ބަލަން ނަމީރަށް ކުޅަދާނަ މަންޒަރަކަށް ނުވާނެކަން ޚުދު އޭނައަށް ވެސް އެނގެއެވެ.
"އަހަންނަށް މި އަނިޔާ ދީފައި ކަލޭމެން އެކަކަށް ވެސް ހަމަޖެހުމެއް ނުލިބޭނެ. މިއަދު ނޫނީ މާދަން. މަގޭ އަރުތެރޭ ލީ ހިތިރަހަ ކަލޭމެންގެ އަރުބުޑުގައި ވެސް އަދި ލާނެ. ހަނދާންކުރައްޗޭ..." ރައާބިލް ހަޅޭއްލަވަައިގަތެވެ. "އަހަރެން ކަލޭމެންނަށް ދުވަހަކު ވެސް މާފެއް ނުކުރާނަން. ދުވަހަކު ވެސް ނުކުރާނަން. ތީ އަނިޔާވެރިކަމުގައި ހައްދު ފަހަނަ އަޅާފައި ތިބި ބައެއް."
ރައާބިލްގެ ވަރަ ވިރެމުންދިޔައިރު ނޫއަލިކަމެއް ފަނޑުފަނޑުކޮށް ވަރައިން އުފެދެމުން ދިޔައެވެ. ހަމަ އެއާއެކު ދުން އަރަމުން ދިޔައެވެ. އެހެންނަމަވެސް އެއްވެސް ވަހެއް އޭގައި ނުވެއެވެ.
އެ މަސައްކަތް ނިންމާލާފައި ސިފައިން ހިންދެމިލިއިރު ރައާބިލްގެ ހަށިގަނޑުގައި ވަރެއް ނެތެވެ. އޭނާއަށް ލޯ ހުޅުވާލައިގެން އޮވެވުނީ ވެސް ކިރިޔާއެވެ. ހަށިގަނޑުގައި ވެސް އެހާ ވޭން އަޅަމުން ދިޔައެވެ. މަޑުމަޑުން ރައާބިލްގެ ހޭވެރިކަން ނެތެން ފެށިއެވެ.
"ގެންގޮސް ހިލިހިލާ ޖަހާ ބަންދުކުރޭ..." ލޯ މެރިގެން ދިޔަ ހިނދު އެންމެ ފަހު ބަހަކަށް އޭނާއަށް އަޑު އިވުނީ އިންޖާބުގެ އެ ބަސްތަކެވެ.
*****މާޒީ ނިމުނީ*****
ރައާބިލް ފުންނޭވާއެއް ދޫކޮށްލިއެވެ. އޭނާއަށް އެނގޭ މިންވަރަށް މާޒީގެ ހިތި ޞަފްޙާތައް ނާވީގެ ކުރިމަތީގައި، ހުޅުވައިލި ރައާބިލްގެ ދެލޮލުން ކަރުނަތައް އޮހޮރެމުން ދިޔައެވެ. އޭނަ ނާވީއަށް އޭނަގެ ބުރަކަށީގައިވާ ނިޝާންތައް ދައްކައިލިއެވެ.
"މީ އަހަންނަށް އެމީހުން ދިން އެންމެ ބޮޑު އަނިޔާ." ރައާބިލް ކަރުނަ ފުހެލިއެވެ. " ދުވަހަކު އެ ވޭން މަތީން ހަނދާނެއް ނުނެތޭނެ. އެއީ އަހަރެން ދުވަހަކު ވެސް ތަޙައްމަލް ކުރި ފަދަ ވޭނެއް ނޫން. އަދިވެސް ހީވަނީ އެ ވޭން ހަށިގަނޑުގައި އަޅާހެން."
ނާވީ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އޭނަގެ މޫނުމަތީންވެސް ފެންނަނީ ހިތާމައިގެ އަސަރެވެ.
"އަހަރެން ކުރި ކުށަކީ ލޯބިވުން. އެހެން ނަސްލެއްގެ މީހެއް ދެކެ ލޯބިވުން. އަހަރެމެންގެ ތެރޭގެ އުސޫލާ ޚިލާފުވުން. އެކަމަކު... އެކަމަކު... މިއީ އަހަންނަށް އެކަށީގެންވާ ސަޒާތަ؟" ރައާބިލް އޭނާގެ ވަރަ ފިއްސާލާފައިވާ ތަނަށް އިޝާރާތްކޮށްލަމުން ބުންޏެވެ. "އިރުގެ އަލިކަން ނުފެނި މިތަނުގައި އަހަރެން ހުންނަތާ ފަންސަވީސް އަހަރު ވެއްޖެ."
ނާވީގެ ސިކުނޑި މަސައްކަތްކުރަން ފެށިއެވެ. ރައާބިލް ވާހަކަ ކިޔައިދެމުން ދިޔައިރު ބޭނުންކުރި ނަމަކީ އޭނާއަށް އައު ނަމެއް ނޫނެވެ. އެއީ ރަނީމްގެ މަންމަގެ ވެސް ނަމެވެ. އަނެއްކާ އެއީ ރައާބިލް އެބުނާ ސަމްރާއަށް ވެދާނެ ހެއްޔެވެ؟
"އެއީ ރައާބިލް އެބުނާ ސަމްރާއަށް ވެއްޖެއްޔާ... އަނެއްްކާ ރަނީމް...ރަނީމްއަކީ ރައާބިލްގެ ދަރިއަށް ވެދާނެބާ؟" ނާވީގެ ސިކުނޑީގައި ވަރުގަދަ ހައިޖާނުގަނޑެއް އުފެދިގެން ދިޔައެވެ. ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހައިލި ވަގުތު އިތުރު ކަމެއް މަތިން ވެސް ހަނދާންވެއްޖެއެވެ. ރަނީމްގެ އިސްތަށިގަނޑުގައި ހުރީ ރައާބިލްގެ އިސްތަށިގަނޑުގައި ވެސް ހުރި ކުލައެވެ. ގަދަ މުށިކުލައެވެ. ނާވީ ރައާބިލްއާ ސުވާލުކުރަންވެގެން އަނގަ ހުޅުވައިލި ވަގުތު އިތުރަށް ހައިރާންވީ ރައާބިލް ދެން ބުނެލި އެއްޗަކުންނެވެ.
"މިތަނުން ނުކުތުމަކީ ނާދިރުކަމެއް. ސަމްރާއާ ދަރިފުޅު ދެކިލަން ބޭޤަރާރުވެގެން އެތަކެއް ފަހަރަކު އަހަރެން ރުއިން. އެކަމަކު... އެކަމަކު އޭގެ ފަހުން ދަރިފުޅު ފެނުމުގެ ނަސީބެއް އަހަންނަކަށް ނުލިބުނު. ދެން ދުވަހަކުވެސް ނުލިބޭނެ. މިއަދު އެ ދަރިފުޅު ދުނިޔެއަކު ނެތް... މިއީ ދަތި އުނދަގޫ ޙާލަތެއް." ރައާބިލް ބުންޏެވެ.
"ދަރިފުޅު ނިޔާވީއޭ؟" ނާވީއަށް ޔަޤީންނުކުރެވޭ ފަދައަކުން އަހައިލެވުނެވެ.
"އާނ...." ރައާބިލް ޔަޤީންކަން ދިނެވެ.
"ކާކު؟ ކާކު ބުނީ...." ނާވީއަށް އެހިސާބަށް ބުނެވުނުތަނާ ފިޔަވަޅުތަކެއްގެ އަޑު އިވެން ފަށައިފިއެވެ.
"ދޭ... މިތަނުން ދޭ...." ރައާބިލް އަވަސް އަވަހަށް ބުންޏެވެ.
"އަހަރެން އަދިވެސް އަންނާނަން..." ރައާބިލްއަށް ޔަޤީންކަން ދޭ ފަދައަކުން ނާވީ އެހެން ބުނެލާފައި ހަލުވިކޮށް އެތަނުން ނުކުންނަންވެގެން ހިނގައިގަތެވެ. ސިފައިންގެ މީހާ ފަހަރަކު ގޮޅިއެއް ބަލަމުން އައިސް ރައާބިލް އޮތް ގޮޅި ކައިރީގައި މަޑުކޮށްލިއެވެ. އެއަށްފަހު ގޮޅިއަށް ރަނގަޅަށް ބަލައިލާފައި އެތަނުން ގޮސްފިއެވެ.
ނާވީ ބިންގަރާހުން ނުކުމެގެން ގޮސް ޖަންގައްޔަށް ވަނެވެ. ބިޔަ ވަރުކަނދު ގަހެއްގެ މަތީގައި ހުރި ގޮފިގަނޑެއްގެ މައްޗަށް އަރާ އޭނާ އިށީނެވެ. ބިންގަރާހުގެ ބިއްދޮށު ގޭޓު ފެންނަ ގޮތަށެވެ. އޭރު ފަތިސްވަނީއެވެ. ދުނިޔެމަތީގައި އޮޅާލެވިފާ ކަޅު ފޭރާން މަޑުމަޑުން ކެހެން ފަށައިފިއެވެ. ފިނިފައިބަމުން ދިޔުމުގެ ސަބަބުން މާހައުލުގައި އާދަޔާ ޚިލާފު ފިނިކަމެއް ރަސްކަން ކުރަމުންދިޔައެވެ. ކޮންމެވެސް ވަރަކަށް ދުންފިނި ފަޒާގައިވާތީ ފުސްކަމެއް ވެސް ހުއްޓެވެ.
"ރައާބިލްގެ ދަރިފުޅު މަރުވިއްޔާ އެއީ ރަނީމްއަކަށް ނުވާނެ. އަނެއްކާ އެއީ އެހެން ސަމްރާއެއްބާ؟" ނާވީގެ ސިކުނޑީގައި ވަނީ އެފަދަ ޚިޔާލުތަކެކެވެ. ނިތުގައި އަތް ހިންގައިލުމާއެކު، ފުން ނޭވާއެއް ދޫކޮށްލެވުނެވެ.
ހެނދުނު އިރު އެރުމާއެކު ނާވީ ދިޔައީ ދައިސަމްއާ ބައްދަލުކުރާށެވެ. އެ ދެމީހުން ދިމާކުރީ ރުއްފާ ތެރެއިންނެވެ.
"ކިހިނެއްވީ ނާވީ؟ ރައާބިލްގެ ފަރާތުން އެބުނާ މީހަކު ވީތަނެއް އެނގިއްޖެތަ؟ އޭނައާ ބެހޭ މައުލޫމާތެއް އެނގުނުތަ؟ " ދައިސަމް ސުވާލުކޮށްލިއެވެ. އޭނައަށް ނާވީގެ ހާސްކަން ފަހުމް ވީއެވެ.
"އާނ. އޭނަގެ ނަމަކީ ޖުންދީ. އެކަމަކު މިހާރު އޭނަ ވީތަނެއް ނޭނގެ." ނާވީ ބުނެލިއެވެ.
"ދެން؟ ދެން ކިހިނެއް ހަދާނީ؟" ދައިސަމް ކުޑަކޮށް ކަންބޮޑުވިއެވެ.
"އެކަމަކު އަހަންނަށް މިހާރު ވަރަށް ބައިވަރު ކަންތައް އެނގިއްޖެ!" ނާވީ ދައިސަމް އަށް ބަލައިލިއެވެ. ޝައުޤުވެރިކަމާއެކު ދައިސަމް ހުރީ ނާވީ އިތުރަށް ވާހަކަ ދައްކަން ފުރުސަތު ދީގެންނެވެ. ނާވީ ރައާބިލް ގާތުން އޭނައަށް އެނގުނު ކަންތައްތައް ދައިސަމްއަށް ކިޔައިދިނެވެ. އެވާހަކަތައް ކަނުލާ އަޑު އަހަން ހުރި ދައިސަމްއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ.
"އެ އިންސިއަށް ކިޔަނީ ސަމްރާ...." ނާވީ ދެން ބުނެލި ވާހަކައާއެކު، ދައިސަމްއަށް ނާވީއަށް ބަލައިލެވުނެވެ. އެއީ އޭނައަށް އަޑު އިވިފައިވާ ނަމެކެވެ.
"ސަމްރާއޭ؟ އެއީ... އެއީ ރަނީމް މަންމައަށް ކިޔާ ނަމެއްނު." ދައިސަމްއަށް ހައިރާންކަމާއެކު ނާވީއަށް ބަލަހައްޓައިގެން ހުރެވުނުއިރު، ނާވީގެ ޖަވާބަކަށް ކެތްތެރިކަމެއް ނެތި އިންތިޒާރުކުރެވުނެވެ.
"އާނ..." ނާވީ ބުނެލި އެވެ.
"އަނެއްކާ ރައާބިލްއަކީ ރަނީމްގެ ބައްޕަތަ؟" ދައިސަމްއަށް އަވަސް އަވަހަށް ބުނެވުނެވެ. އެހެން ވެއްޖެނަމަ އެއީ ކިހާ ބޮޑުއިއްތިފާޤެއް ހެއްޔެވެ؟
"އަދި ޔަޤީނެއް ނުވޭ! ރައާބިލް ބުނީ އޭނަގެ ދަރިފުޅު މަރުވި ޚަބަރު ދާދިފަހުން އޭނައަށް ލިބުނު ކަމުގަ. އެކަމަކު ވެސް އަހަރެންގެ ހިތް ބުނަނީ އެއީ ހަމަ އެ ސަމްރާއޭ. ރަނީމްއަކީ ރައާބިލްްގެ ދަރިއޭ. އަހަރެން މި ހުރިހާ ކަމެއްގެ އެންމެ ފުނަށް ފީނާނަން. ހުރިހާކަމެއް ހޯދާނަން. " ނާވީ ގެ އަޑުގައި މިފަހަރު ވަނީ ޖޯޝެވެ. އެހުރިހާކަމެއް ހޯދުމުގެ އަޒުމު އޭނަގެ ހިތުގައި ގަދަވެގަތެވެ.
"އަހަރެން ދެން މިކޮޅަށް އަންނާނީ މިރޭ... އެހާއިރު ވަންދެން ރަނީމްގެ ހުރިހާ ޒިންމާއެއް ދައިސަމްއާ ހަވާލު." އެހެން ބުނެލާފައި ނާވީ ތުނޑިމަތީގައި ދުއްވައިގަތެވެ. އަރައިގެން ދިޔަ އައްޔާއެކު ވަރަ ފާޅުވެ އޭނަ ގޮސް ގެއްލިއްޖެއެވެ.
****
އިޝާނަމާދު ފަހެވެ. ކާންދީ ފެންވަަރުވާ ހަދާ ނިންމާލާފައި، ރަނީމް އޭނަގެ މަންމައަށް ބޭސް ވެސް ދިނެވެ. އެނދުގައި ބާއްވާފަައި ގައިމަތީގައި ރަޖާ އަޅާލަ ދީފައި އޭނަ ގޮނޑި ކައިރިކޮށްލާފައި އިށީނދެއްޖެއެވެ. އޭރު ސަމްރާގެ ލޯ ވަނީ ފެންކަޅި ވެފައެވެ. ރަނީމް ސަމްރާގެ ކަރުނަތައް ފުހެލާފައި އެ އަތުގައި ހިފައްޓައިލިއެވެ.
"މަންމާ... ކިހިނެއްވީ؟ ކީއްވެ މިހާރަކަށް އައިސް އަބަދު ކަންބޮޑުވަނީ؟" ރަނީމް ސުވާލުކޮށްލިއެވެ. ނާވީއާ ދިމާވިފަހުން ސަމްރާގެ މިޒާޖަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ގިނަވަގުތު ފެންނަނީ ފިކުރެއްގައި އޮންނަތަނެވެ. ރަނީމް ކަައިރީގައި ހުންނަ ވަގުތުތަކުގައިވެސް، މޫނުމަތީން ފެންނަނީ ކަންބޮޑުވުމާއި ހާސްކަމެކެވެ. އެ ދެލޮލުގައި ކަރުނައިގެ އަސަރު ނުވާ އިރެއް މަދެވެ. މަންމައަށް އެހާ ބޮޑު ބަދަލެއް އަންނަންޖެހުނު ސަބަބެއް ވިސްނާ ވިސްނާ ވެސް ރަނީމްއަކަށް ނޭނގުނެވެ. ނާވީއާ މެދު މަންމަ ނުރުހޭހެން ހީވެގެން ދެފަހަރެއްގެ މަތިން ނާވީގެ ރަނގަޅު ވާހަކަ ކިޔައި ވެސް ދީފިއެވެ. އެހެންނަމަވެސް އެއިން އެއްވެސް ކަމަކުން ވެސް ސަމްރާއަކަށް ބަދަލެއް ނާދެއެވެ.
"ދަރިފުޅަށް... ކަމެއް... ވެދާނެތީ..." ސަމްރާ އެންމެ ފަހުން ބުނެލިއެވެ. އޭނަގެ ދެލޮލުން އަނެއްކާވެސް ކަރުނަތައް ފައިބައިގެން ހިނގައްޖެއެވެ. އެ ކަރުނަތައް ފުހެލަމުން ރަނީމް، މަންމަގެ ބޮލުގައި ފިރުމައިލި އެވެ. އަދި ނުރުއިމަށް ބުންޏެވެ. އޭނަ ސަމްރާގެ ހިތްހަމަ ޖައްސައިލަދޭން މަސައްކަތްކުރިއެވެ.
ސަމްރާއަށް ނިދުމުން ރަނީމް ގެއިން ނުކުތެވެ. ރުއްފަލާ ދިމާލަށް ދިޔައިރު ފަހަތުން މީހަކު އަންނަހެން އޭނައަށް ހީވިއެވެ. ދެފަހަރަކު ފަހަތަށް ބަލައިލެވުނީ އެހެންވެގެންނެވެ. މީހަކު ނެތުމުން ފިޔަވަޅުތައް އަވަސްކޮށްލިއިރު، ރުއްފަލުގަައި ހުރި ނާވީ ފެނިއްޖެއެވެ. ރަނީމް ގޮސް ނަވީގެ ގާތަށް ހުއްޓުމަށްފަހު، ގޮވައިލިއެވެ.
"ނާވީ..."
ނާވީ އެނބުރުނު އިރު އޭނަގެ ތުންފަތް މަތީގައި ވަނީ ހިނިތުންވުމެކެވެ. ރަނީމް ހުރީ ހާސްވެފައެވެ.
"ކިހިނެއްވީ؟" ނާވީ ސުވާލުކޮށްލިއެވެ.
"ކޮންމެވެސް މީހަކު ފަހަތުން އަންނަހެން އަހަންނަށް ހީވީ... " ރަނީމް ހާސްވެފައި ފަހަތް ބަލައިލުމުން ނާވީ ވެސް އެ ދިމާލަށް ބަލައިލިއެވެ. ތަންކޮޅެއް ދުރުގައި ހުރި ދައިސަމް ނާވީގެ ލޮލުގައި އަޅައިގަތުމާއެކު، އޭނާގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. ރަނީމް އެ ދިމާލަށް ބަލައިލި ނަަމަވެސް އޭނާއަކަށް އިތުރު މީހަކު ނުފެނުނެވެ. ހައިރާންކަމާއެކު، އޭނަ ނާވީއަށް ބަލައިލާ އަނެއްކާވެސް ވާހަކަ ދެއްކިއެވެ.
"ނާވީ! ކިހިނެއްވީ؟ ކާކު ހުރީ؟" އޭނައަށް ނުފެންނަ މީހަކު ނާވީއަށް ފެންނަކަން ރަނީމްއަށް ޔަޤީންކުރެވުމާއެކު އޭނަ ސުވާލުކޮށްލިއެވެ. ނާވީ ހަމަ އެ ހިނިތުންވުމުގައި ހުރެ ރަނީމްއަށް ބަލައިލިއެވެ. އަދި ވާހަކަ ދެއްކިއެވެ.
"އެއީ އަހަރެންގެ އެންމެ ގާތް ރަޙްމަތްތެރިޔާ." ނާވީ ހާމަކޮށްލިއެވެ.
"ދެން ކީއްވެ އަހަރެން ފަަހަތުން އެ އައީ؟" ރަނީމްއަށް އޭނާގެ ހިތުގައި އުފެދުނު ސުވާލު ނުކޮށެއް ނުހުރެވުނެވެ. ޖަވާބެއް ބޭނުންވާ ފަދަ އަސަރުތައް އޭނާގެ މޫނުމަތީން ފެންނަމުން ދިޔައެވެ.
"އޭނަ އައިސް އެ އުޅެނީ އަހަރެންގެ ބޭނުމަކަށް… އަހަރެން ބުނި ބުނުމަކަށް... ރަނީމް ގާތުގައި ނުހުރެވޭ ވަގުތު ތަކުގައި ރަނީމް ރައްކަތެރިކުރުމަށް އޭނަ ހުންނާނެ." ނާވީ އޮޅުންފިލުވައިދިނެވެ. އޭނަ އަތުން އިޝާރާތްކޮށްލުމާއެކު، އެވަގުތު ކުއްލިއްކަށް އެދިމާލުން ފެހި އައްޔެއް މައްޗަށް އަރައިގެން ދިޔަތަން ރަނީމްއަށް ފެނުނެވެ. އެއާއެކު ނާވީ އެބުނާ އެކުވެރިޔާ ދިޔައީކަން އޭނާއަށް ފަހުމްވިއެވެ. ރަނީމް ހިނިތުންވެލި ނަމަވެސް އެ މޫނުމަތީން އަދިވެސް ހާސްކަން ނާވީއަށް ފާހަގަކުރެވުނެވެ. ރަނީމްގެ ގާތު ނުބުނެ އެގޮތަށް އަމަލުކުރުމުން އޭނާއަށް އުނދަގޫވީކަމުގައި ނާވީއަށް ހީކުރެވުމާއެކު، މާފަށް އެދުނެވެ.
"ހިތްހަމަނުޖެހުނީތަ؟" އޭނަ ސުވާލުކޮށްލިއެވެ. "އެހެންވިއްޔާ އަހަރެން ދެން ކޮންމެވެސް އެހެން ގޮތެއް ހޯދާނީ…"
"ނޫން. އެހެންނެއް ނޫން. އަހަރެން ކަންބޮޑުމިވަނީ މަންމައާ ދޭތެރޭ…" ރަނީމް ބުނެލިއެވެ.
"މަންމައަށް ކިހިނެއްވީ؟" ނާވީ ސީދާ ރަނީމްއާ ކުރިމަތިލާ އެދެލޮލަށް ބަލައިލިއެވެ.
"އަހަންނަށް ހީވަނީ މަންމަ ކޮންމެވެސް ވާހަކައެއް ބުނަން ބޭނުންވެގެން އުޅޭހެން. މިހާރަކަށް އައިސް އަބަދު ހުންނަނީ ކަންބޮޑުވެފަ. ނޭނގެ ކީއްވެކަމެއް… ނާވީ.... އެބަދަލުތައް އަހަންނަށް ފާހަގަވީ ނާވީ މަންމައާ ބައްދަލު ކުރިފަހުން…" ރަނީމް އެހެން ބުނެލިއިރު، އޭނާގެ މޫނުމަތީން ނުތަނަވަސްކަމުގެ އަސަރުތައް ނާވީއަށް ފާހަގަވިއެވެ. އެއާއެކު ނާވީގެ ސިކުނޑި އަނެއްކާ ހާސްވިއެވެ. އޭނަ ފެނިގެން ސަމްރާއަށް ގޮތެއް ވާނަމަ އޭގައި ކޮންމެވެސް ސަބަބެއް ފޮރުވިފައި އޮންނާނެއެެވެ. އަނެއްކާ އޭނާގެ ހީއަކީ ތެދެއްބާއެވެ. އެކަމަކު ރައާބިލް އެބުނަނީ އޭނާގެ ދަރިފުޅު ދުނިޔޭގައި ނެތްކަމުގައެވެ. ނާވީ އަމިއްލަ އިޙްސާސްތައް ހަމައަކަށް އަޅުވައިލަމުން، ރަނީމްގެ އަތުގައި މަޑުމަޑުން ހިފައްޓައިލިއެވެ. އަދި ކަންބޮޑުނުވުމަށް ބުނެލިއެވެ. ރަނީމްގެ އަތުގައި އޮތް އުޅާގައި އޭނާގެ އަތް އެވަގުތު ޖެހިލިއެވެ. އެއާއެކު އަނެއްކާވެސް ރައާބިލް ބުނެލި ވާހަކައެއް އޭނާގެ ސިކުނޑީގެ ދޮރުފަތުގައި ޓަކި ޖަހައިލިއެވެ. އޭނާގެ ދަރިފުޅުގެ އަތުގައި ރައްކާތެރިކަމަށް ރަން އުޅާއެއް އެޅުވި ވާހަކަ ރައާބިލް ބުންޏެވެ. އޭގެ މާ ބޮޑު ތަފްސީލެއް ރައާބިލް ނުދިނެވެ. އެއާއެކު އޭނަ ރަނީމްގެ ހެދުމުގެ އަތްކުރި ކުޑަކޮށް ހިއްލާލާފައި، ވަރަށް ފަރުވާތެރިކަމާއެކު އެ އުޅާއަށް ބަލަައިލިއެވެ. އެއީ ހަމަ ރައާބިލް ބުނި ފަދަ އަތަށް ހެޔޮވަރު ކުރެވޭގޮތަށް ފަރުމާކޮށްފައިވާ ރަން އުޅާއެކެވެ. މީގެ ކުރިން ވެސް އެތަކެއް ފަހަރަކު އޭނާއަށް ރަނީމްގެ އަތުން އެ އުޅާ ފެނިފައިވެއެވެ. އެހެންނަމަވެސް މިރޭ އޭނާއަށް އެއަށް ބަލައިލެވުނީ މުޅީން ތަފާތު ނަޒަރަކުންނެވެ.
(ނުނިމޭ)