އިސްރާއީލުގެ ބިރު ދެއްކުމަށް ޖެހިލުމެއް ނެތި، ޣައްޒާއަށް އެހީވާން ދާ އުޅަނދެއްގައި ދިވެއްސެއް

ޝާޒްގެ ދަތުރުގެ ތެރެއިން: އޭނާ އަންނަނީ ޣައްޒާއަށް ދަތުރުކުރާއިރު ކުރެވޭ ތަޖުރިބާތައް ހިއްސާކުރަމުން -----

މީސްމީޑިއާ ހުޅުވާލާއިރަށް ފެންނަނީ ގޮތް ހުސްވެފައިވާ ޣައްޒާގެ މީހުންނެވެ. ލެއިން ފޯވެފައިވާ ހަށިތަކެވެ. ބިމާ ހަމަވެފައިވާ އިމާރާތްތަކެވެ. ކާނެ އެއްޗެއް ނުލިބި އެހީގެ އަތަކަށް ކެތް މަދުވެފައި ތިބި މީހުންނެވެ. ނުކެވޭތީ އަނަރޫފަވެފައިވާ ޣައްޒާގެ ކުޑަކުދިންނެވެ. އިވެނީ ބަނޑަށް މީހުން މަރުވާ ވާހަކައެވެ. އެ މަންޒަރުތަކުން އެކަނި ވެސް ހިތް ފަޅައިގެން ދާރުވެއެވެ. ކެތްތެރިކަން ކުޑަވެ، ރޮވޭ ވަރުވެއެވެ.

އެ ހިތްދަތި މަންޒަރުތަކަށް ކެތްނުވެގެން އެންމެ ފަހުން ބަޔަކު ވަނީ އަމިއްލައަށް އިސް ނަގައިގެން ޣައްޒާއަށް ކަނޑުމަގުން އެހީ ފޯރުކޮށްދިނުމަށް ދަތުރު ފަށައިފިއެވެ. ގިރާ ކުރަން ޖެހޭ ދަތިތަކާ ހުރަސްތަކަށް އެމީހުންގެ ފަރުވާލެއް ނެތެވެ. ބޭނުމީ ހަމަ އެންމެ ކަމެކެވެ. އެއީ، ޣައްޒާއަށް ކުޑަނަމަވެސް އެހީއެއް ދިނުމެވެ. އެދަތުރުގައި ދިވެއްސަކު ވެސް ވަނީ ބައިވެރިވެފައެވެ. އެއީ، އިބްރާހިމް ޝާޒް (ބޮޑޭ)އެވެ.

އިސްރާއީލުން 90ގެ އަހަރުތަކުން ފެށިގެން ޣައްޒާއިން މީހުން އެތެރެވުމާއި ބޭރުވުން ކޮންޓްރޯލްކޮށް، މުދާ އެތެރެކުރުން ވެސް އޮންނަނީ ވަރަށް ބޮޑަށް ހަނިކޮށްފައެވެ. އެއަށްފަހު 2007ގައި ހަމާސްގެ ވެރިކަން ފެށުމާއެކު މުޅި ޣައްޒާ ބަންދުކޮށް، އެ ސަރަހައްދު ވަނީ 'ޖަލަކަށް' ބަދަލުކޮށްފައެވެ.

އެހެންވެ، ޣައްޒާއަށް ކަނޑުމަގުން އެހީ ފޯރުކޮށްދިނުމަށް "ޣައްޒާ ފްރީޑަމް ފްލޮޓިއްލާ" ހަރަކާތް ފެށީ 2010ގައެވެ. އެ އަހަރުން ފެށިގެން އެތައް އުޅަނދެއް ވަނީ ޣައްޒާއަށް ކާބޯތަކެއްޗާއި ޒަރޫރީ އެހެނިހެން ތަކެތި ފޯރުކޮށްދޭން ގިނަ ދަތުރުތަކެއް ކޮށްފައެވެ.

އޭގެ ތެރެއިން ބައެއް އުޅަނދުތަކަށް އިސްރާއީލުން ހަމަލާދީ، ސިފައިން އަރައި، މީހުން 'ވަގަށް ނަގައިފައި'ވެއެވެ. ނަމަވެސް އެފަދަ ބިރުދެއްކުމަކުން އިންސާނިއްޔަތުކަން ނުހުއްޓުވޭނެކަން ސާބިތުކޮށްދީ، ފްލޮޓިއްލާގެ ހަރަކާތްތައް އަދިވެސް ކުރިއަށްގެންދެއެވެ.

ބައެއް ރިޕޯޓުތަކުގައިވާ ގޮތުން މިފަހަރު ޣައްޒާއަށް އެހީގެންދާ ފްލޮޓިއްލާގައި 50އަށް ވުރެ ގިނަ އުޅަނދު ހިމެނެއެވެ. އޭގެ ތެރެއިން ޝާޒް އަރައިހުރި ބޯޓަކީ، އެހެން ބޯޓުތަކުގެ ރައްކާތެރިކަމަށް ހަރަކާތްތެރިވާ އޮބްޒާވާ ބޯޓެކެވެ.

އެ ދަތުރުގެ ތަޖުރިބާތައް ޝާޒް އަންނަނީ ކޮންމެ ދުވަހަކު މީސްމީޑިއާގެ އެކި ޕްލެޓުފޯމުތައް މެދުވެރިކޮށް ހާމަކުރަމުންނެވެ. ދަތުރުގެ ތެރެއިން އެ ދުވަހެއްގެ ކުރިމަތިވާ ކަންކަން އޭނާ އަންނަނީ ހިއްސާކުރަމުންނެވެ.

ތޫނިސްގެ ގަމާތް ޕޯޓުން ނައްޓާލައިގެން ފްލޮޓިއްލާގެ އިތުރު ބޯޓުތަކާ އެކީގައި އޮބްޒާވާ ބޯޓު ވަނީ ދަތުރު ފަށާފައެވެ. އެދަތުރުގެ ތެރެއިން މިހާތަނަށް ވެސް އެތައް ކަމަކާ ޝާޒްމެން ކުރިމަތިލައިފިއެވެ. ދަތުރަށް ފެށި ފުރަތަމަ ރޭ ވެސް ހޭލެވުނީ މީހާ ތެމިގެންނެވެ. ކަނޑު އެހާ ގަދައެވެ. ހީކުރެވުނީ ރާޅު ޖަހާތީ ކަމަށެވެ. އެކަމަކު، އެއީ ފެނެއް ނޫނެވެ. ލީކުވެފައި ހުރި ޕެޓްރޯލެވެ. އަވަހަށް ހޭލައިގެން އެތަން ސާފުކުރުމަށް ފަހު ވެސް، ކަނޑު ގަދަވުމުން ދަތުރުވެރީންނަށް ހަމަ ނިންޖެއް ނުލިބުނެވެ.

ދަތުރުކުރިއަށް ގެންދަން ޕެޓްރޯލް އަޅަން ޖެހޭނެތީ މިމަހުގެ ވިހި ވަނަ ދުވަހު އެމީހުން ބަނދަރުކުރީ އިޓަލީގެ ޕޯޓޮޕަލޯގައެވެ. އެހެން މަޑުކުރާ ކޮންމެ ބަނދަރަކީ ވެސް އެކި ކަހަލަ ދަތިތަކާ ކުރިމަތިލާން ޖެހޭ ތަނެއް ކަމަށް އޭނާ ބުންޏެވެ.

އެގޮތުން، ބޯޓު މަޑުކޮށްގެން އޮތް އިޓަލީގެ ބަނދަރުން ތަފާތު ތަޖުރިބާއެއް ކުރިމަތިވިއެވެ.

ޝާޒް ކިޔައިދިން ގޮތުގައި އެ ރޭ ބޯޓުގައި ތިބި މީހުންގެ ރައްކާތެރިކަމަށް އޮބްޒާވާ ބޯޓުގައި ތިބި މީހުން ތިބީ ހޭލައެވެ. އެގޮތުން އެ ރޭ ބޯޓު ކައިރީ ދަންވަރު ވަގުތު ތިބި ބަޔެއްގެ އުޅުމާ މެދު ޝައްކު އުފެދި، ސަމާލުވާން ޖެހުނުކަމަށް އޭނާ ކިޔައިދިނެވެ.

"ދަންވަރު ހަމަ އެއްކޮށް މުޅި ރޭ ދޮށި އެއްލައިގެން މަހެއް ނުބާނާ ދެމީހަކު ތިބި. ދެ ކާރު މަޑުކޮށްލާ ބޯޓު ތެރެއަށް ބަލާލާ. ހޭލާ ތިބިކަން އެނގުނީމަ ނައްޓާލަނީ،" އޭނާ ބުންޏެވެ.

އެ ދަތުރުގެ ތެރެއިން ބައެއް ބޯޓުތަކަށް މައްސަލަތައް ދިމާވެ އަނބުރާ އަންނަން ވެސް ޖެހެއެވެ.

ޕޯޓަޕާލޯއިން އެމީހުންނަށް ފުރޭވަރުވީ މިދިޔަ ބުރާސްފަތި ދުވަހެވެ. ގްރީސްއާ ދިމާލަށް ޝާޒްމެން ދަތުރު ފެށީ ހަތަރު ބޯޓާއެކީގައެވެ. އެކަމަކު، އެރޭ ޖެހުނު ކޮޅިގަނޑެއްގައި ޖެހި ތިން ބޯޓުގެ މައްސަލަ ޖެހުނެވެ. ބާކީ އޮތް ބޯޓުވެސް އަނެއް ދުވަހު މައްސަލަ ޖެހި އެމީހުންނާ އަލްވަދާއުކިއެވެ. އެހިސާބުން ޝާޒްމެން ދަތުރުފެށީ ފްލީޓުގެ އިތުރު ބޯޓުތަކާ ދިމާލަށެވެ.

"މިއަދު އެއްކޮށް މިދިޔައީ ވަރަށް ވަރުގަދަ ކޮޅިގަނޑެއްްގައި. ހެނދުނު ނަގޫރޯޅިއަކާ ދިމާވީ. އަދިވެސް ވަރަށް ކަނޑުގަދަކޮށް އުޅެނީ. ބޯޓުތެރޭގައި ކޮޅަށް ނުހުރެވޭ. ގްރީސްގަ މިހާރު މި ދުއްވަނީ. އިންޝާ ﷲ މާދަމާ މެއިން ފްލީޓާ ކެޗްއަޕް ކުރެވޭނެ އެމީހުން މާބާރަށް ނުދުއްވައިފިއްޔާ،" ހުކުރު ދުވަހުގެ ރޭ ޝާޒް ބުންޏެވެ.

އެފަދަ ނުރައްކާ ދަތުރެއް ކުރުމާ ގުޅޭ ގޮތުން އޭނާ ބުނީ، އެއީ ވަރަށް ގިނަ ދުވަހުގެ މަސައްކަތް ކަމަށާއި މިކަމުގައި މުހިންމީ ޣައްޒާގެ ހިޞާރު ނައްތާލަން ކުރެވޭ މަސައްކަތް ކާމިޔާބު ވުން ކަމަށެވެ.

އޭނާ ކިޔައިދިން ގޮތުގައި ބައެއް ބަނދަރުތަކުން އެ އުޅަނދުތަކަށް ތެޔޮ އަޅައިދޭން ދެކޮޅު ހަދައެވެ. އެގޮތުން ގްރީސްއަށް ދިޔުމުން ވެސް ޝާޒްމެންނަށް ޕެޓްރޯލް އަޅައިދޭން އެއްބަސްވީ ބޯޓުގައި އިން ޓޭންކަށް އެކަންޏެވެ. އެކަމަކު ވެސް ދަތުރުފަށައިގެން އައިސް މިހާރު އެމީހުން ވަނީ، ފްލޮޓިއްލާގެ އެހެން ބޯޓުތަކާ ހިސާބަށް ވާސިލުވެފައެވެ.

މިއަދުން ފެށިގެން އެ ހުރިހާ ބޯޓުތައް ވަނީ އެކުއެކީގައި ޣައްޒާއާ ދިމާލަށް ދަތުރު ފަށާފައެވެ.

ޝާޒްމެންގެ ދަތުރުގައި އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)ގެ ދައުރު ވެސް އެބައޮތެވެ. އެގޮތުން، ގްލޯބަލް ސުމޫދު ފްލޮޓިއްލާގައި އޭޝިއާ ގައުމުތަކުން ތަމްސީލުކުރަނީ ސުމޫދު ނުސަންތަރާއެވެ. އައިއޭސީއަކީ ސުމޫދު ނުސަންތަރާގެ ސްޓިއަރިން ކޮމިޓީގެ މެންބަރެކެވެ.

އައިއޭސީގެ ދައުރަކީ ބޯޓުތަކަށް މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތަށް އެހީވުމެވެ. މި ދަތުރުގައި ބައިވެރިވާ ޝާޒްއަކީ އައިއޭސީގެ ޖެނެރަލް ސެކްޓްރީ ކަމަށްވާއިރު، އެކަމުގައި ޝާޒްއަށް ބައިވެރިވެވުނީ އައިއޭސީއަށް ލިބުނު ރިކުއެސްޓަކާ ގުޅިގެންނެވެ. ބޯޓުގައި ދާން ޝާޒްއަށް މި ފުރުސަތު ދޭން ނިންމާފައި ވަނީ އައިއޭސީގެ މެންބަރަކު ފޮނުވުމުގެ ބޭނުމުގައެވެ.

ޝާޒްމެންގެ މި ދަތުރުގެ އަމާޒަކީ ހުރިހާ އެންމެން ގުޅިގެން ޣައްޒާއަށް އެހީވުމެވެ. ފަލަސްތީނުގެ ރައްޔިތުންނަށް ދިމާވެފައި އޮތް ހާލަތުން މިންޖުކޮށްދިނުމެވެ. އެ ހުރިހާ އެންމެންގެ ވެސް އުންމީދަކީ އެއީ ކަމަށް ޝާޒް ބުންޏެވެ.

comment ކޮމެންޓް