މާލޭ ސިޓީ ކައުންސިލުގެ މިހާރު ކުރިއަށްދާ ދައުރުގައި، ނުލިބޭ ގަސްތަކަކަށް ހަތަރު މިލިއަން ދިން ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސައިފް ފާތިހު ތުހުމަތު ކުރެއްވުމުން، އެ ތުހުމަތު މޭޔަރު އާދަމް އާޒިމް މިއަދު ދޮގުކުރައްވައިފިއެވެ.
އެސްއެސްޓީވީގެ "ބާރު ހަތަރެއް" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ސައިފް ވިދާޅުވީ، ސިޓީ ކައުންސިލުގެ ގަސް ފިހާރައަށް ކުންފުންޏަކު ވިއްކި ގަސްތަކަކަށް ފައިސާ ނުލިބޭ ކަމަށް ބުނެ ބިލުތަކެއް ކައުންސިލަށް ލިބުނު ކަމަށެވެ. އެއީ ހަތަރު މިލިއަން ރުފިޔާގެ ބިލުކަން އޭނާ ފާހަގަކުރެެއްވިއެވެ.
"އެހެންނަމަވެސް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ އެ ކުންފުނިން ހަތަރު މިލިއަން ރުފިޔާގެ ގަސް މާލޭ ސިޓީ ކައުންސިލަށް ޑެލިވާ ހުރި ކަމަކަށް. ޑެލިވަރީ ނޯޓެއްވެސް ނެތް، އިންވެންޓްރީވެސް ނެތް، ގަސްތަކަށްވީ ގޮތެއްވެސް ނެތް، ވިކުނުނަމަ ވިކުރާގަވެސް ހުންނާނެ، އެވެސް ނެތް،" ސައިފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ މައްސަލަ ފާހަގަކޮށް، އާޒިމަށް ލިޔުމުން ހުށަހެޅުއްވި ކަމަށެވެ.
"އަޅުގަނޑަށް މައުލޫމާތު ލިބޭ ގޮތުގައި އެ މީހުންނަށް މިހާރު އެހެން ކޮންމެވެސް އެރޭޖްމެންޓެއްގެ ތެރެއިން އެ ފައިސާ އެހެން ގޮތްގޮތުން ދީ ނިންމައިފި،" ސައިފް ވިދާޅުވިއެވެ.
ސޯޝަލް މީޑިއާގައި ވެސް ސައިފް އެ ވާހަކަ ހިއްސާކުރެއްވުމުން އާޒިމް ވަނީ އެ ތުހުމަތު ދޮގު ކުރައްވައި، ރައްދު ދެއްވައިފައެވެ.
"ކަނޑައެޅިގެން ދޮގެއް، ސާބިތުކޮށްދެއްވާ، ޑޮކިއުމަންޓް ހާމަކޮށްދެއްވާ!" އޭނާ ލިޔުއްވާފައިވެއެވެ.
އެސްއެސްޓީވީގެ ޕްރޮގްރާމުގައި ސައިފް ވަނީ ކައުންސިލުގެ އިތުރު މައްސަލަތައް ވެސް ފާހަގަކުރައްވައިފައެވެ. އެގޮތުން މާލޭ މަސް މާރުކޭޓު ހަދަން އެއްވެސް ލިޔެކިޔުމެއް ނެތި ދެވަނަ ފަހަރަށް، ބޮޑު އަގުގައި ބަޔަކާ ހަވާލުކުރި މައްސަލައިގައި ކައުންސިލްގެ ލީގަލް ހެޑު އަލީ ނަސީރު ގާސިމަށް އަދިވެސް ފިޔަވަޅު ނޭޅޭ ކަމަށާއި، މާލޭން ކުއްޔަށް ދީފައި ހުރި ބިންތަކުގެ ދަފްތަރު އަދިވެސް ހާމަ ނުކުރެވޭ ކަމަށް ސައިފް ވިދާޅުވިއެވެ.
ސައިފް ވިދާޅުވިގޮތުގައި ކައުންސިލްގެ ސިވިލް ސާވަންޓުންގެ ބިޑް ކޮމިޓީ އުވާލައްވައި މޭޔަރު ވަނީ މުޅި ބިޑް ޕްރޮސެސް އެއްކޮށް "އޮޅާލައްވައިފަ"އެވެ.
މާލެ ސިޓީ ކައުންސިލްގެ ބައްދަލުވުމެއް: ސައިފް ވަނީ، ކައުންސިލުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ބައެއް ކަންތައްތައް ކުރަމުންދާ ކަމަށް ތުހުމަތުކުރައްވައިފައި -- ފޮޓޯ/ މާލެ ސިޓީ ކައުންސިލް
"އެހެންވީމާ މި ދެންނެވި ހަތަރު ކަންތަކުން ދިމާވާ އިއްތިފާގުތައް ހުރިގޮތުން އަޅުގަނޑަކަށް ސަބަބުވެރިކަމާ އެއްކޮށް ދަންނަވާކަށް ނުކުރޭނެ އެންމެ ރަނގަޅަށޭ އަމަލުކުރައްވަމުން އެ ގެންދަވަނީ، ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލުކުރައްވަމުން އެ ގެންދަވަނީ، އެޔެއްނޫން މޭޔަރުކަމަށް ވަޑައިގަންނަވަން ދެއްކެވި ވާހަކައަކީ،" އޭނާ ވިދާޅުވިއެވެ.
ސައިފް ވިދާޅުވީ، ކައުންސިލަރުން މަސައްކަތްކުރަން ޖެހޭނީ މާލޭގެ ކަންކަން ހަމައަކަށް އެޅުވުމަށް، ކައުންސިލްގެ ސިޔާސަތުތައް ރަނގަޅުކުރުމަށް ކަމަށެވެ.
އެއާއެކު، ޕީއެންސީގެ ކައުންސިލަރުންނަށް ފާޑުވިދާޅުވެ ސައިފް ވިދާޅުވީ، މާލޭ މީހުންގެ މަސްލަހަތުގައި ޕީއެންސީގެ އެއްވެސް ކައުންސިލަރަކު ބަހެއް ވިދާޅުނުވާ ކަމަށެވެ.
"މާލޭގެ މިއޮތް ގޯތީގެ މައްސަލަ، މާލޭގެ މިހިރަ ގޯތީގެ މައްސަލަ، މާލޭގެ މަގުތަކުގެ މައްސަލަ، މާލޭ މީހުންގެ ފްލެޓުތަކުގެ މައްސަލައިގެ ޗުއްޕުވެސް ވިދާޅުނުވެ ޕީއެންސީގެ މެންބަރުން އެ ތިއްބަވަނީ،" އޭނާ ވިދާޅުވިއެވެ.
މާލޭ މަސް މާރުކޭޓު ބޮޑު އަގުގައި ދޫކުރި މައްސަލަ ހާމަކުރެއްވީ ވެސް މޭޔަރު އާޒިމެވެ.
ސައިފްގެ ތުހުމަތުތަކަށް ދެއްވި ރައްދުގައި އޭނާ ވަނީ، މަސް މާރުކޭޓު މައްސަލައިގައި ހިމެނޭ ވަކީލަކީ ސިވިލް ސްޓާފަކަށްވާތީ އޭނާއަށް ފިޔަވަޅުއަޅަން ސިވިލް ސާވިސްއަށް އަންގައިފައިވާނެ ކަމަށެވެ.
މީގެ އިތުރުން، ބިމުގެ ދަފްތަރު 15 އަހަރު ފަހުން، އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމަވައިފައިވާ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.
"ބުދަ ދުވަހު އޮންނަ ކައުންސިލް ރަސްމީ އާންމު ޖަލްސާ އަށް މިކަން އޮންނާނީ އެޖެންޑާކޮށްފައި! ސައިފަށްވެސް ވާނީ އެޖެންޑާ ލިބިފައި." އޭނާ ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މަސް މާރުކޭޓު މައްސަލަ ބަލަން ނަސީރު, ޕީއެންސީގެ އަޣުލަބިއްޔަތު އޮންނަ ކައުންސިލުގެ ޖަލްސާއަށް ހާޒިރުކުރަން އެދުނު ތިން ޖަލްސާ ވެސް ވަނީ ކޯރަމް ހަމަނުވާތީ ކެންސަލްވެފައެވެ.
ރައީސް މުއިއްޒުގެ މޭޔަރުކަމުގެ ދުވަސްވަރު މާލޭގެ މަސްމާރުކޭޓު ތަރައްގީކުރުމުގެ މަޝްރޫއު އޮތީ ކޮމިޝަންކޮށް, ކައުންސިލުން ބިޑަށް އިއުލާނުކޮށް، އިވެލުއޭޓުކޮށް، ވަކި ބަޔަކާ މަސައްކަތް ހަވާލުކޮށްފައެވެ. އެގޮތުން އޭރު އޮތީ 6.1 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
ނަމަވެސް ނޮވެމްބަރު 17، 2023ގައި މޭޔަރުކަމުގެ ގޮނޑި ހުސްވެ، އެ މަގާމާ އާޒިމް ހަވާލުވެވަޑައިގަތުމުގެ ކުރިން، އެ ދެމެދުގައި އެ އެއްބަސްވުން އުވާލައި، މުޅިން އެހެން ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. އަދި 3.5 މިލިއަން ޑޮލަރު އިތުރުކޮށް، އެ މަސައްކަތް 9.5 މިލިއަން ޑޮލަރަށް އަގު ބޮޑުކޮށް އެ އެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ނަސީރެވެ.
އައު އެއްބަސްވުމެއްގައި ސޮއިކުރަން ޖެހުނު ގޮތާއި، އަގަށް 3.5 މިލިއަން ޑޮލަރު އިތުރުކުރަން ޖެހުނު ގޮތް، ތަކުރާރުކޮށް އެދުނު ނަމަވެސް ނަސީރު އޮޅުންފިލުވައިދީފައި ނެތްކަން މިދިޔަ މަހުގެ 20 ވަނަ ދުވަހު ބޭއްވި އެ ކައުންސިލްގެ ޖަލްސާގައި މޭޔަރު ވިދާޅުވިއެވެ.