ތުހުމަތަކާއެކު ''ބޭޒާރުކުރުން'': ހަމަ ރަނގަޅު ގޮތްތަ؟

ބަޔަކު މަގްޝޮޓްގައި ތިބި ކަމަށް ދައްކާ ފޮޓޯއެއް-- ފޮޓޯ: އޭއައި

މީހެއްގެ ފޮޓޯއެއް ފުލުހުން އާއްމުކޮށް, އޭނާއަށް މިވެނި ތުހުމަތެއް ކުރެވެއޭ ބުނާ ހިސާބުން އޭނާގެ މުސްތަގުބަލާމެދު ވިސްނާށެވެ. އޭނާގެ މައްޗަށް އެ ކުށް ސާބިތު ނުވިޔަސް, އަދި ސާބިތުވެގެން އަދަބު ތަންފީޒު ކުރުމަށް ފަހު ވެސް އޭނާއަށް އެނބުރި މުޖުތަމައުއަށް އާދެވޭނެ ހަމަ އެއްވެސް ފުރުސަތެއް އޮންނާނެ ހެއްޔެވެ؟ މި ސުވާލަށް އަމިއްލައަށް ޖަވާބު ދެއްވުމުން މަންޒަރު ސާފުވާނެއެވެ.

ބައެއް ކުށްކުށުގެ ތުހުމަތު ކުރެވޭ މީހުން ހަމަ ހައްޔަރު ކުރުމާއެކު ފޮޓޯ އާއި އެ މީހާގެ ވަނަވަރާއި ތުހުމަތު ކުރެވޭ ކުށުގެ ތަފްސީލާއެކު ފުލުހުންގެ ރަސްމީ ވެބްސައިޓާއި ސޯޝަލް މީޑިއާގައި އާއްމުކުރުން މި ވަނީ އަނެއްކާ ވެސް ވަރަށް އިތުރުވެފައެވެ. މި ފަހުން އެގޮތަށް ގިނަ ޒުވާނުންތަކެއް ހިމެނޭ ގޮތަށް އެތައް ބައެއްގެ މައުލޫމާތު ވަނީ ހާމަކޮށްފައެވެ. އޭގެ ތެރޭގައި މުޅި ގައުމު ދަންނަ މީހުން ވެސް ހިމެނެއެވެ. އެ މީހުންގެ ވަނަވަރާއި ފޮޓޯ ފުލުހުން ހާމަކޮށް، ކުރެވޭ ތުހުމަތުގެ ތަފްސީލު އިއުލާން ކޮށްފައިވަނީ ހަމަ ހައްޔަރު ކުރާތާ ދެތިން ދުވަސް ތެރޭގައެވެ. އަނެއްހެން ބުނާނަމަ ތަހުގީގުގެ ވަރަށް ވެސް ކުރީ ކޮޅުގައެވެ.

ކުށެއް ކުރާ ކޮންމެ މީހަކީ އަދި މުޅި މުޖުތަމައުއަށް ބޮޑު ނުރައްކަލަކަށްވާ މުޖުރިމެއް ނޫނެވެ. މުޅި މުޖުތަމައުއަށް ހުރި ނުރައްކަލަކަށް ވާނީ އޭނާ އެ ކުރާ ކުށަކާއި އެކަމުގައި ކުޑަ ބޮޑު މިނަށް ވެސް ބެލުމަށް ފަހުގައެވެ. ނަމަވެސް ތަހުގީގީ އިދާރާއަކުން އެ ގޮތަށް މީހަކު ސިފަކުރާ ހިސާބުން މީހެއްގެ މުޅި ދިރިއުޅުމަށް އޭގެ އެންމެ ނޭދެވޭ އަސަރު އެބަ ކުރެއެވެ. ހަމައެކަނި އެ މީހާއަކަށް ވެސް ނޫނެވެ. އޭނާގެ މުޅި އާއިލާއާއި އެކުގައި އުޅުނު މީހުން ވެސް މެއެވެ. ޚާއްސަކޮށް މި ރާއްޖެ ކަހަލަ ބައި މިލިއަން ހަމަވާން ވެސް ކައިރި ނުވާ އާބާދީއެއްގައެވެ.

ފުލުހުން މަޖިލިސް ދޮށުގައި ހަރަކާތްތެރި ވަނީ-- ސަން ފޮޓޯ: އަޙްމަދު ފިރިޔަލް
އަހަރެމެން ވަރަށް ގިނަ މީހުންގެ ގައިގައި ހުންނަ ސިފައެކެވެ. އަނެއް މީހާގެ ކުށް ދެއްކުމާއި ބޭޒާރު ކުރުން އުފަލެއް ކަމަށް ދެކުމެވެ. ސޯޝަލް މީޑިއާ އާއި ކޮފީ މޭޒުތަކުން މި މަންޒަރު ވަރަށް ސާފު ވާނެއެވެ. އެކަމަކު މިއީ ހަގީގަތުގައި އޭގެ ސަބަބުން ގިނަ އަދަދެއްގެ ބަޔަކަށާއި ގައުމުގެ އުފެއްދުންތެރި ކަމަށް ވެސް އޭގެ ނޭދެވޭ އަސަރު ކޮށްފާނެ ކަމެކެވެ. އެނބުރި މުޖުތަމައުއަށް ނާދެވޭ ވަރަށް އެންމެން ފަޟީހަތް ކުރަން ވާނީ އެ ކުރި ކުށެއްގެ މިންވަރަށް ބެލުމަށް ފަހުގައެވެ. ނަމަވެސް ހާމަކުރަން ޖެހޭ ކުށްތައް ހުންނާނެކަން ވެސް ގަބޫލު ކުރަންޖެހެއެވެ.

މީގެ އަހަރުތަކެއް ކުރިއަށް ބަލާއިރު ވެސް އެއީ ވަރަށް އާއްމު ކަމެކެވެ. އޭރު ދައުވާ ކުރަން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ކުޑަ މައްސަލައެއް ފޮނުވިޔަސް ފޮޓޯއާއި ވަނަވަރާއެކު މީހުންގެ މައުލޫމާތު ހާމަ ކުރާނެއެވެ. އޭގެ ސަބަބުން އެތައް ބަޔަކަށް އޭގެ ނޭދެވޭ އަސަރު ކުރިއެވެ. އެފަދަ އެތައް ސަބަބުތަކަކާހުރެ ފަހުން އެކަން ފުލުހުން ވަރަށް ބޮޑަށް ބަދަލުކޮށްފައެވެ. އެކަމަކު އަނެއްކާ ވެސް މި ވަނީ އެކަން އާއްމުވެފައެވެ. އަލުން މި ފެށި ސީދާ ސަބަބެއް ނޭނގެއެވެ. މަސައްކަތްތަކެއް ކުރާކަން ދައްކަން ކަމެއް ނުވަތަ ނޫން ކަމެއް ވެސް ނޭނގެއެވެ.

މިކަމުގައި އަނެއްކާ އެހެން ކަންބޮޑުވުމެއް ވެސް އެބައޮތެވެ. އެއީ ހަމަ އެއްކަހަލަ ކުށެއްގެ ތުހުމަތު ކުރެވޭއިރު ވެސް ބައެއް މީހުންގެ ވަނަވަރު ހާމަކޮށް, އަނެއް ބަޔަކު ނުކުރާ މައްސަލައެވެ. އެއާއެކު ބައެއް އާއްމުން ތުހުމަތު ކުރަނީ ފުލުހުންގެ މުއައްސަސާއިން ތަފާތު ކުރުން ގެންގުޅޭ ކަމަށެވެ. ޚާއްސަކޮށް ނުފޫޒުގަދަ މީހުންނާއި އެ މީހުންނާ ގުޅުން ހުރި މީހުންނަށް ވަކި ގޮތެއް, އާއްމު މީހާއަށް ވަކި ގޮތެއް ގެންގުޅެނީ ކަމަށެވެ. އެފަދަ ތުހުމަތުތަކަކީ ތަހުގީގީ އިދާރާތައް ހިމެނޭ ގޮތަށް ރާއްޖޭގެ އެހެން މުއައްސަސާތަކަށް ވެސް ޒަމާނުންސުރެ ކުރާ ތުހުމަތުތަކެކެވެ. ޒާތީ ކަންކަމުގައި ނުވަތަ ސިޔާސީ ބޭނުމުގައި އެކިއެކި ސަރުކާރުތަކުން މުއައްސަސާތައް ބޭނުން ކުރާ ކަމަށް އަބަދުވެސް ތުހުމަތުތައް ކުރެއެވެ.

މި ހަމަ ރަނގަޅު ގޮތްތަ؟

މި ސުވާލު ކުރީގެ ޕީޖީ, އަދި ގާނޫނީ ގޮތުން ވަރަށް ތަޖުރިބާކާރު ބޭފުޅެއްކަމަށްވާ ހުސައިން ޝަމީމާ ސުވާލު ކުރެއްވުމުން ތަފްސީލީ ޖަވާބެއް ދެއްވެވިއެވެ. އޭނާ ވިދާޅުވި ގޮތުގައި މިއީ ވަރަށް ގިނަ ފަހަރު، ވަރަށް ގިނަ ގޮތްގޮތަށް ވާހަކަ ދެކެވިފައިވާ މައުޟޫއެކެވެ.

ހައްޔަރުކުރުމާއެކު ފޮޓޯއާ އެއްކޮށް މީޑިއާއަށް މަޢުލޫމާތު ދޭން ފުލުހުން ވަރަށް ގިނަ ފަހަރު ބޭނުންވާ ކަމަށާއި ނަމަވެސް، ހިއުމަންރައިޓްސް ވިސްނުމުން ވިސްނާ މީހުން އެއްގޮތަކަށް ވެސް އެކަމާ އެއްބަސް ނުވާ ކަމަށް ޝަމީމް ވިދާޅުވިއެވެ.

"އިންސާނީ ހައްގުތަކުގެ މީހުން ބުނަނީ، ކުށެއް ސާބިތުނުވަނީސް އޭނާއަކީ ކުށެއް ނެތް މީހެއްކަމަށް ބެލުމުގެ ޙައްޤަކީ އަސާސީ ޙައްޤެކޭ. އެ ޙައްޤު ހަނިވާ ގޮތަކަށް އެއްވެސް ކަމެއް ކުރެވިގެން ނުވާނެއޭ،" މިސްރުގެ އަޒުހަރު ޔުނިވާސިޓީއިން ވެސް މަތީ ތައުލީމު ހާސިލް ކުރައްވާފައިވާ ޝަމީމް ވިދާޅުވިއެވެ.

ކުރީގެ ޕީޖީ ޝަމީމް -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ
އޭނާ ވިދާޅުވި ގޮތުގައި މީގެ މެދުމިނުމުގެ ވިސްނުމަކީ، އަދި ފަހުން ޕީޖީ އޮފީހުން އެއްބަސްވެ، ފުލުހުންނާ އެއްކޮށް ޢަމަލުކުރަމުން އައި ގޮތަކީ ވެސް، ކުށުގެ ވެށިން ހައްޔަރުކުރާ މީހާގެ މަޢުލޫމާތުގެ ތެރެއިން، އާދަޔާ ޚިލާފަށް ގިނަ ހެކި ހުންނަ މީހުންގެ މައްސަލަތައް ފުލުހުން ހާމަކުރުމެވެ.

"އެކަމުގައި ބަލާ މިންގަނޑަކީ، ކުށެއް ނުކުރަނީސް މައުސޫމް މީހެއްކަމަށް ބެލުމަކީ އަސާސީ ޙައްޤަކަށް ވިޔަސް، އެ އަސާސީ ޙައްޤު، މުޖްތަމަޢުގެ މަސްލަހަތާ ފުށުއަރާ މިންވަރަކަށް ހަނިކުރެވިދާނެއޭ. އެހެންވީމާ އާންމު މަސްލަހަތު އާދަޔާ ޚިލާފަށް ބޮޑެތި މައްސަލަތަކުގައި، އަދި އެ މައްސަލައެއްގައި އެކަށީގެންވާ ހެކި އެހައިތަނަށް ވެސް ހުރިކަމަށް ޤަބޫލުކުރެވެންޏާ، މީޑިއާއަށް ދިނުން އެންމެ ރަނގަޅޭ،" ޝަމީމް ވިދާޅުވިއެވެ.

ޕީޖީ އޮފީހުން ގެންގުޅުނު މިންގަނޑު ތަފްސީލު ކޮށްދެއްވަމުން ޝަމީމް ވިދާޅުވީ، ކޮރަޕްޝަނާއި މަނީ ލޯންޑަރިންގާއި ޚިޔާނާތްފަދަ ޕަބްލިކް އިންޓްރަސްޓް ހިމެނޭ މައްސަލަތަކުގައި މަޢުލޫމާތު ވީހާ ވެސް ބޮޑަށް ހާމަކުރުން އެއީ ކުރަން ޖެހޭ ކަމެއް ކަމަށެވެ.

"އަމުދުން ތަހުގީގަށް ހުރަސް ނޭޅެންޏާ އެކަން ކުރަން ޖެހޭ. މިސާލަކަށް، އަލްޙާން [ފަހުމީ]، [ހަސަން މަމްދޫހް] މަންޑޭ، [ބައްސާމް އަދީލް ޖަލީލް] ގެ މައްސަލަތައް އެ ދިޔައީ އަބަދުވެސް މީޑިއާއަށް މަޢޫލޫމާތު ދެމުން،" ޝަމީމް ވިދާޅުވިއެވެ.

ފުލުހުން މި ފަހުން މިކަން ކުރަން ފެށުމާއެކު މިހާރުގެ ޕީޖީއިން ވަނީ އެކަން ހަނދާން ވެސް ކޮށްދީފައެވެ. މިދިޔަ ހޮނިހިރު ދުވަހުގެ ރޭ, ޕީޖީގެ ތަރުޖަމާން, އަދި ގާނޫނީ ވަކީލް އަޙްމަދު ޝަފީއު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ މީހެއްގެ މައްޗަށް ޖިނާއީ ދަޢުވާއެއް އުފުލުމުގެ މާނައަކީ އޭނާ ކުށްވެރިވުމެއް ނޫން ކަމަށެވެ. އެހެންކަމުން މީޑިއާތަކުން މީހުންގެ މައުލޫމާތު ހާމަ ކުރާއިރު އެކަމަށް ސަމާލުވުމަށް ޝަފީއު އިލްތިމާސް ކުރެއްވެވިއެވެ.

ޕީޖީއިން ވަކި މިންގަނޑެއް ގެންގުޅު ނަމަވެސް، މި ރިޕޯޓަށް ވާހަކަ ދެއްކެވި ގާނޫނީ ދާއިރާގެ ތަޖުރިބާކާރުންގެ ނަޒަރުގައި މިހާރު، ފުލުހުން އެ މިންގަނޑު ހިފަހައްޓާކަމަކަށް ނުބެލެވެއެވެ. އެއީ ވަރަށް އާދައިގެ މައްސަލަތަކުގެ މަޢުލޫމާތު ވެސް މީޑިއާއަށް ހާމަ ކުރާތީއެވެ. އަސްލު އެހެންވާ ސަބަބަކީ، ބައެއް ފުލުހުން ދެކޭ ގޮތުގައި މީހަކު ހައްޔަރުކުރުމާ އެކު އެ މީހާއަކީ ކުށްވެރިއަކަށްވުން ކަމަށް ބައެއް ގާނޫނީ ބޭފުޅުން ވިދާޅުވިއެވެ.

"އަސްލުވާ ގޮތަކީ ފުލުހުން މީހާ ކުށްވެރިއެއް ގޮތަށް ދައްކަން ބޭނުންވަނީ ހަމަ ހައްޔަރު ކުރާ ގޮތަށް. އެއީ އެ މީހުން ބޭނުންވަނީ އެ މީހުންގެ މަސައްކަތް ކުރެވުނުކަން ޕަބްލިކަށް ދައްކަން. ބައެއް ފަހަރު ސިޔާސީ ގޮތުން ވަޒީރު ވެސް ބޭނުންވޭ އެކަންކަން ދައްކަން," ހުންނެވި މަގާމުގެ ގޮތުން ނަން ނުޖަހަން ޝަރުތުކޮށް, ތަހުގީގީ ދާއިރާގައި ހަރަކާތްތެރިވާ ބޭފުޅަކު ވިދާޅުވިއެވެ.

ގިނަ ބަޔަކު އަދުލުވެރިކަމަށް އެއްބަސްވާ ކުރީގެ ފަނޑިޔާރަކު މި ރިޕޯޓަށް މައުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި އިންސާނީ ކަރާމާތާއި ކުށެއް ސާބިތުނުވާ މީހުންނަށް އޮންނަ ޝަރަފަށް ބަލާއިރު އެގޮތަށް ތުހުމަތުކުރެވޭ އެންމެންގެ މައުލޫމާތު ހާމަ ކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. އަދި ކުށް ސާބިތުވާ ހާލަތުގައި ވެސް މީހުންގެ ވަނަވަރު ހާމަކުރުން ރަނގަޅީ ވަކި ކަހަލަ މައްސަލަތަކެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ.

"މިފަދަ ކަންކަމުގެ ސަބަބުން މީހުން މުޅި ދިރިއުޅުން އެބަ ގެއްލޭ. ކުށެއް ސާބިތުވެ, އެ ކުރާ ކަންކަން އާއްމުންގެ މެދުގައި މަޝްހޫރު ނޫންނަމަ މީހުންގެ މައުލޫމާތު އެގޮތަށް ހާމަ ނުކުރުން ރަނގަޅީ," އެ ބޭފުޅާ ވިދާޅުވިއެވެ.

ގައުމުތަކުގައި އަމަލު ކުރާ ގޮތަކީ ކޮބާ؟

ކަންކަން ރަނގަޅު ކުރެވޭނެ އެންމެ މޮޅު ގޮތަކީ ހުރިހާ ކަމެއް އެންމެ މޮޅަށް އެނގެނީ ތިމާއަށް ނުވަތަ ތިމާމެންނަށްކަން ގަބޫލު ކުރާ ވިސްނުން ދޫކޮށްލުމެވެ. ތަހުޒީބީ މުޖުތަމައުތަކުން ކަން ކުރާ ގޮތް ބަލައި, އެ އުސޫލު ތަންފީޒު ކުރަން ވިސްނުމަކީ އެންމެ ރަނގަޅު އެއްގޮތެވެ.

އެގޮތުން މިފަދަ ކަންކަމުގައި އިސްލާމީ ބައެއް ތަހުޒީބީ މުޖުތަމައުތަކުން އަމަލު ކުރާގޮތަށް ބަލާއިރު, ސައުދީއަރަބިއްޔާ އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ފަދަ ގައުމުތަކުގައި އަމަލު ކުރަނީ ރާއްޖޭގައި މިކުރާ ގޮތަކަށް ނޫނެވެ. ކުށެއްގެ ތުހުމަތު ހަމަ ކުރެވުމާއެކު އެ މީހެއްގެ ފޮޓޯ އާއި ވަނަވަރު ހާމަ ކުރުމަކީ އެ ގައުމުތަކުގައި އާއްމުކޮށް ކުރާ ކަމެއް ނޫނެވެ. އެކަން ކުރަނީ ކުށް ސާބިތުވީމައެވެ. ތުހުމަތާއެކު ހާމަ ކުރަނީ ބޮޑެތި ޓެރަރިޒަމްގެ ކުށްތަކާއި ވަރަށް ބޮޑެތި މަސްތުވާތަކެތީގެ ކޭސްފަދަ ކަންކަމެވެ.

އިސްލާމްދީނުގައި، ކުށެއްގެ ތުހުމަތު ކުރެވިފައިވާ މީހާ، ޝަރީޢަތުން އެ މީހަކު ކުށްވެރިވެއްޖެކަން ސާބިތުވުމުގެ ކުރިން އޭނާއަށް އިހާނެތިކޮށް ފަޟީޙަތް ނުކުރުމަށް އަންގަވާފައި ވެއެވެ. ކޮންމެ މުސްލިމެއްގެ ޢިއްޒަތާއި އަބުރަކީ ޙުރުމަތްތެރިވެގެން ވާ އެއްޗެއް ކަމަށް ނަބިއްޔާ ﷺ އުނގަންނައިދެއްވާފައިވެއެވެ.

ނަމަވެސް، ކުށެއް ފެތުރިފައިވާ މިންވަރު ބޮޑުވެ، މުޖުތަމަޢު ރައްކާތެރިކުރުމަށް ޓަކައި އެކަން ހާމަކުރަން ޖެހިއްޖެނަމަ، އޭރުން ވެރިންނަށް އެކަން ހާމަކުރެވިދާނެއެވެ. އެހެންނަމަވެސް، މިކަން ކުރަންވާނީ ހަމަހަމަކަމާ އެކު، ތުހުމަތުކުރެވޭ ފަރާތަކީ ބާރުވެރި މީހެއްކަމުގައި ވިޔަސް ނުވަތަ އާންމު މީހެއްކަމުގައި ވިޔަސް އެއްގޮތަކަށެވެ. އާންމު ރައްޔިތުންގެ މައްޗަށް ކުރެވޭ ތުހުމަތުތައް ހާމަކޮށް، ނުފޫޒު ގަދަ މީހުންގެ މައްޗަށް ކުރެވޭ ތުހުމަތުތައް ފޮރުވުމަކީ އިންސާފުވެރިކަމެއް ނޫނެވެ. އަދި މިއީ އިސްލާމީ އުސޫލުތަކާ ސީދާ ޚިލާފު ކަމެކެވެ.

ހުޅަނގުގެ ގައުމުތަކަށް ބަލާއިރު, އެމެރިކާއާއި ޔޫރަޕްގެ ގިނަ ގައުމުތަކުން މިހާރު އަމަލު ކުރާ އުސޫލަކީ ކުށުގެ ތުހުމަތު ކުރެވޭ މީހުންގެ "މަގްޝޮޓް" ހާމަ ކުރުމުގައި ވަކި މިންވަރެއް ގެންގުޅުން ނުވަތަ އެކަން ނުކުރުމެވެ. އެމެރިކާގެ ބައެއް ސްޓޭޓްސްތަކުގެ ކޯޓުތަކުން ފުލުހުންގެ މައްޗަށް އަމުރު ކޮށްފައިވަނީ ކުށް ސާބިތު ނުވަނީސް އެގޮތަށް މީހުންގެ ފޮޓޯ އާއި ވަނަވަރު ހާމަ ނުކުރުމަށެވެ.

ރާއްޖެއާ އަވައްޓެރި ގައުމުތަކަށް ބަލާއިރު ޕާކިސްތާނާއި އިންޑިއާފަދަ ގައުމުތަކުގައި ފުލުހުން ހަމަ މީހަކު ހައްޔަރު ކުރުމާއެކު މީޑިއާއަށް ހާމަކުރުމަކީ އާއްމު ކަމެކެވެ. އެ ކަމަކީ ކޯޓުތަކުގައި އިންސާނީ ހައްގުތަކުގެ ދިފާއުގައި މަސައްކަތް ކުރާ މީހުންގެ ބޮޑު ކަންބޮޑުވުމެކެވެ.

ދިވެހި ފުލުހުން މި ގޮތަށް އަމަލު ކުރަނީ ކޮން އުސޫލަކުންތޯ އާއި މީގެ ސަބަބުން ލިބޭ ފައިދާތަކަކީ ކޮބާތޯ ބަލަން އެ އިދާރާގެ ކަމާބެހޭ ފަރާތްތަކާ ސުވާލު ކުރީމެވެ. ނަމަވެސް މިހާތަނަށް އަދި ވަނީ ބަހެއް ލިބޭގޮތް ނުވެފައެވެ.

މިއީ ހަގީގަތުގައި ވެސް ވިސްނާލަން ވީ ކަމެކެވެ. މަސައްކަތް ކުރެވޭކަން ދެއްކޭނެ ގޮތްތައް ވެސް ހުންނާނެއެވެ. އެނބުރި މުޖުތަމައުއަށް އައުމުގެ ފުރުސަތާއި ހައްގު ކޮންމެ މީހަކަށް ވެސް ދޭން ވާނެއެވެ. ބޭޒާރު ކުރުމުގެ ވިސްނުމުގައި ކަންކަން ނުކުރަން ޖެހެއެވެ. އަދި ކުރާ ކަމެއް ހަމަހަމަ އުސޫލުން ކުރަން ޖެހެއެވެ.

މީގައި އެންމެ ރަނގަޅު ގޮތަކީ އަނެއް މީހާގެ އިންސާނީ ހައްގަށް އިސްކަން ދީގެން ކަންކަން ކުރުމެވެ. ހާމަ ކުރަންޖެހޭ ކަންކަން ހުންނާނެކަން ގަބޫލު ކުރާފަދައިން ހާމަ ނުކުރަން ޖެހޭނެ މިންވަރު ހުންނާނެކަން ވެސް ގަބޫލު ކުރަން ޖެހެއެވެ.

comment ކޮމެންޓް