ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ އެކި ގޮފިތަކުން، މުޅި މުބާރާތުން އެއްވަނަ ހޯދާ ބައިވެރިންނަށް އެ މީހަކު ބޭނުން ދާއިރާއަކުން ޕީއެޗްޑީއާ ހަމައަށް ކިޔަވަން ސްކޮލަޝިޕް ދޭން ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ނިންމަވައިފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ، ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު އަދި އެންމެ ގިނަ އިނާމު ދެވޭ މުބާރާތް ކަމުގައި ހަދާނެކަމަށް މިދިޔަ އަހަރު އެ މަނިކުފާނު އިއުލާނުކުރެެއްވި ކަމަށެވެ.
"އެއީ އަޅުގަނޑު ޤަބޫލު ކުރާ ގޮތުގައި އެންމެ ބޮޑު ހިތްވަރެއް ދޭންޖެހޭނީ، އެންމެ ބޮޑު އިނާމްތަކެއް ދެވެންވާނީ މާތް ﷲ ގެ މަތިވެރި ކަލާމްފުޅު އެންމެ ރީތިކޮށް ކިޔެވުމަށް،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ އެ ނިންމެވުމާ އެއްގޮތަށް މި އަހަރުން ފެށިގެން، ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގައި ނުބަލާ ކިޔެވުމުގެ ބައިން މުޅި މުބާރާތުން އެއްވަނަ، ބަލައިގެން ކިޔެވުމުގެ ބައިން މުޅި މުބާރާތުން އެއްވަނަ، އަދި ޙާފިޒުންގެ ބައިން މުޅި މުބާރާތުން އެއްވަނަ ހޯދާ ފަރާތްތަކަށް އެ ފަރާތަކުން ތަޢުލީމް ޙާސިލްކުރަން ބޭނުން ދާއިރާއަކުން ޕީއެޗްޑީއާ ހަމައަށް، ބޭނުން ޤައުމަކުން ތަޢުލީމް ހާސިލް ކުރުމަށް ރައީސްގެ ޚާއްސަ ސްކޮލަޝިޕް ދިނުމަށް ނިންމާފައިވާ ކަމަށެވެ.
އަދި އެ ތިން ބައިން އެއްވަނަ ހޯދާ ފަރާތްތަކަށާއި، މުއައްސަސާތަކުގެ ބައިން މުޅި މުބާރާތުން އެއްވަނަ ހޯދާ ތަނަކަށް، ރައީސުލްޖުމްހޫރިއްޔާގެ އިނާމުގެ ތެރޭގައި އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމަކާއި ޝަރަފުގެ ފިލައެއް ވެސް ހިމެނޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މުބާރާތުގެ ހުރިހާ ވަނަތަކަށް އިސްލާމިކް މިނިސްޓްރީން ދޭ އިނާމުތައް ވެސް ކުރިއަށްވުރެ ގިނަވެފައި އަގުބޮޑު ވާނެ ކަމަށެވެ. އަދި އަމިއްލަ ފަރާތްތަކުން އިނާމު ހުށަހަޅަން ދޭ ފުރުސަތު ވެސް އިތުރަށް ފަހިވާނެ ކަމަށް ވިދާޅުވިއެވެ.
މިނިސްޓްރީން ބުނި ގޮތުގައި މި އަހަރު ޖުމްލަ 1023 ބައިވެރިން ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގައި ބައިވެރިވިއެވެ. އެއީ ބަލައިގެން ކިޔެވުމުން 582 ބައިވެރިން، ނުބަލާ ކިޔެވުމުން 412 ބައިވެރިން، އަދި ހާފިޒުންގެ ބައިން 29 ބައިވެރިންނެވެ.