އަދީބު ޕާޓީ ހިންގެވި އޮފީހުގެ ކުލި ނުދައްކައިގެން ކޯޓަށް

އަދީބު އެމްޓީޑީއަށް ސޮއި ކުރެއްވުން: އެ ޕާޓީގެ އޮފީހުގެ ކުލި ނުދައްކައިގެން މައްސަލަ ވަނީ ކޯޓަށް ހުށަހަޅައިފައި---

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) ހިންގި އިމާރާތުގެ ކުލި ނުދައްކައިގެން އިމާރާތުގެ ވެރި ފަރާތުން ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.

މިއީ، މާލޭގައި އެމްޓީޑީގެ އޮފީސް ހިންގި އިމާރާތުގެ ކުލީގެ ގޮތުގައި އެއް އަހަރު ދުވަހަށް 380،000 ރުފިޔާއާއި، އެގްރިމެންޓްގެ މުއްދަތު ހަމަވީ ފަހުންވެސް ތަން ހަވާލުކޮށްފައިނުވާތީ އެ ފައިސާ ހޯދަން ހުށަހެޅި މައްސަލައެވެ.

ސިވިލް ކޯޓަށް މިދިޔަ މޭ މަހު މި މައްސަލަ ހުށަހަޅާފައިވަނިކޮށް އަދީބުގެ ޕާޓީ އިލެކްޝަންސްއިން ވަނީ އުވާލާފައެވެ. އަދި މި މައްސަލަވެސް ސިވިލް ކޯޓުންވަނީ ހޯމަ ދުވަހު ބާތިލުކޮށްފައެވެ.

އަދީބުގެ ޕާޓީ އޮފީސް ހުޅުވުމަށް ބޭއްވި ހަފްލާގެ ތެރެއިން-- ފޮޓޯ: އެމްޓީޑީ

ސިވިލް ކޯޓުގެ ގާޒީ އަޒްފާ އަބްދުލްގަފޫރު މި މައްސަލަ ބާތިލުކުރީ، އިޖުރާއީ ގޮތުން ބެލި ބެލުންތަކަކަށް ފަހުއެވެ. އަދީބު ޕާޓީން ދައުވާއަށް ޖަވާބުނުދީ އޮތުމުން، މައްސަލަ ހުށަހެޅި ފަރާތުން ގައިރު ހާޒިރުގައި ހުކުމްކޮށްދިނުމަށް އެދިފައި އޮތްނަމަވެސް މައްސަލަ ބާތިލުކުރީ ނުބައި ފޯމަކުން މައްސަލަ ހުށަހަޅާފައިވާ ކަމަށް ބުނެއެވެ.

"މަދަނީ އިޖުރާއަތުގެ ގާނޫނުގެ ދަށުން، އަދި ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވައިދުގެ ދަށުން، ކޮންމެ މަރުހަލާއަކަށް އަދި ކޮންމެ ކަމަކަށް ވަކި ހާއްސަ ފޯމްތަކެއް އެކަށައަޅާފައިވީ ހިނދު، މައްސަލަތަކާއި ގުޅިގެން ހުށަހަޅަން ޖެހެނީ ކޮން ފޯމެއްކަން ކިޔައިދިނުމަކީ ކޯޓުގެ ޝަރިއަތް ކުރާ ސެކްޝަންގައި ތިބޭ މުވައްޒަފުން އަދި މައްސަލަ ބަލާ ގާޒީ ކުރަން ޖެހޭ ކަމެއް ނޫނެވެ" މައްސަލަ ބާތިލު ކުރި ރިޕޯޓުގައި އަޒްފާ ލިޔުއްވާފައިވެއެވެ.

އަދީބު އިސްވެ 2018 ގައި އުފެއްދި އެމްޓީޑީ, އުވާލަން އިލެކްޝަން ކޮމިޝަނުން ނިންމީ މިދިޔަ މަހު ފަހުކޮޅުއެވެ. އިލެކްޝަން ކޮމިޝަނުން އެމްޓީޑީ އުވާލަން ނިންމީ ގާނޫނުގައި ބުނާ އަދަދަށް މެންބަރުން ހަމަނުކުރެވުމުގެ ސަބަބުންނެވެ. ގާނޫނު ބުނާ ގޮތުން ސިޔާސީ ޕާޓީއެއްގައި އެންމެ މަދުވެގެން 3،000 މެންބަރުން ތިބެން ޖެހޭނެ އެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ހިންގެވި ކަމަށް އަމިއްލަފުޅަށް އިއުތިރާފުވެވަޑައިގެންފައިވާ, އަދީބު މިނިވަން ކުރެއްވީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދައުރު ހަމަވާ ދެތިން ދުވަހަށް ވެދައި ވަނިކޮށެވެ. އޭގެ ފަހުން އަދީބު މިހާރު ދިރިއުޅުއްވަނީ ރާއްޖޭން ބޭރުގައެވެ.

comment ކޮމެންޓް