ކުޅިވަރު ވުޒާރާގެ ޚަރަދުތައް ކުޑަކުރުމުގެ ސިޔާސަތުގެ ތެރެއިން އެންމެ ބޮޑު އިސްކަމެއްދީގެން ކުރިއަށްގެންދަނީ ކުޅިވަރު ވަސީލަތްތައް މަރާމާތުކުރުމަށް ކުރަންޖެހޭ ހަރަދުތައް ކުޑަކުރުންކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ޚަރަދުކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ކުޅިވަރު ވުޒާރާއިން ވެސް އަންނަނީ ރަނގަޅު ސިޔާސަތުތަކެއް އެކުލަވާލައި މަސައްކަތްކުރަމުންނެވެ. މިގޮތުން ޕޮލިސީތަކާއި ޓެކްނިކަލް ކަންކަމުގައި ވެސް ވުޒާރާއިން އަންނަނީ ބޭނުންވާ ބަދަލުތައް ގެންނަމުންނެވެ.
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވީ އެންމެ ފުރަތަމަ ކުރެއްވި މަސައްކަތަކީ ކުޅިވަރު ވުޒާގެ އޮޓިޑެއް ކުރުންކަމަށާއި، އޮޑިޓަށްފަހު އެ ރިޕޯޓުގައި ފާހަގަކޮށްފައި ހުރި ކަންކަމަށް ރިއާޔަތްކޮށް ހިންގުން ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ.
ވަޒީރު ވިދާޅުވީ ކުޅިވަރު ވުޒާރާއަކި ގިނަ ކުޅިވަރު ވަސީލަތްތަކެއް ހުރި މިނިސްޓްރީއެއްކަމަށާއި، އެތަންތަން މަރާމާތުކުރުމަށް ވެސް ގިނަ ހަރަދުތަކެއް ކުރަން ޖެހިފައިވާކަމަށެވެ. ވަސީލަތްތައް މަރާމަތުކުރުމަށް ކުރާ ހޭދަ ކުޑަކުރުމަކީ ބޮޑު އިސްމަކެއްދެއްވާ ކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ. މިގޮތުން މި ސަރުކާރުން ޤާއިމްކުރާ ކޮންމެ ފެސިލިޓީއަކީ ވެސް ރާއްޖޭގެ މާހައުލާ ގުޅުންހުރި އަދި ގިނަ ދުވަހު ބޭނުންކުރެވޭނެ ފެސިލިޓީތަކަކަށް ހެދުމަށް މަސައްކަތްކުރައްވާކަމަށް ވިދާޅުވިއެވެ.
"ސްޕޯޓްސް މިނިސްޓްރީއަކީ ވަރަށް ބައިވަރު ފެސިލިޓީސް ހުރި މިނިސްޓްރީއެއް. މަރާމާތަށް މާ ބޮޑު ބަޖެޓެއް ނޯވޭ. ދެން އަޅުގަނޑުމެން ބެލީ ކިހިނެއްތޯ ޚަދަރުތައް ކުޑަކުރެވޭނީ. ގިނަ ފަހަަރު ބިޑިން ޕްރޮސެސްގައި ހުންނަ ކޮލިޓީގެ ޚިދުމަތެއް ނޫން، ނުވަތަ ފެސިލިޓީއަށް ގެންނަ ސާމާނެއް ނޫން ގެނެވެނީ. ގިނަ ދުވަހު ބޭނުންކުރެވޭ ގޮތަށްތޯ ހުރީ ތައްޔާރުކުރެވިފައި. އެކަން ބެލޭނެ ނިޒާމެއް ނެތް. މިސާލަކަށް މޫދުގެ ލޮނުގެ އަސަރުކުރާ ހިސާބެއްގައި ހުރި ފެސިލިޓީއެއްވިއްޔާ، އެކަމަށް ހާއްސަ ކުލައެއް ލާފައި، ނުވަތަ ކޯޓިންއެއް ލާފައި ހުރި ފެސިލިޓީއެއްތޯ ބަލަން އެބަޖެހޭ،" ވަޒީރު ރާފިޢު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ބައެއް ފަހަރު އެއްބަސްވުންތަކުގައި ހުންނަ ގޮތަށްވުރެ ފަރުވާކުޑަކޮށް ކުޅިވަރު ވަސީލަތްތައް ޤާއިމްކޮށްފައި އެބަހުރިކަމަށާއި، އެކަމުގެ ސަބަބުން ގިނަ ގެއްލުންތަކެއް ލިބޭކަމަށެވެ.
"މިސާލަކަށް 2 އެމްއެމްގެ ހޮޅިއެއްގެ ބަދަލުގައި 1.5 އެމްއެމްއެމްގެ ހޮޅިއެއް މި ގެންނަނީ. ދެންވާ ގޮތަކީ ދެ އަހަރު ދޮޅު އަހަރު ތެރޭގައި އެ ފެންސްގައި ދަބަރު ޖަހައިގެން ވެއްޓިފައި މި އޮންނަނީ. ދެން މަރާމާތެއް ނުކުރެވޭނެތާ. އޭގެ ކުރުމުގެ ބަދަލުގައި މުޅިން އާ ފެންސެއް ޖަހަން."
ވަޒީރު ވިދާޅުވީ މިކަންކަމަށް ވިސްނައިގެން ޕޮލިސީތަކާއި ޓެކްނިކަލް ކަންކަން ވެސް ބައްލަވަމުން ގެންދެވާ ކަމަށާއި، މަރާމާތުތަކަށް ދާ ޚަރަދުތައް ބޮޑުވާ މައިގަނޑު ސަބަބުތައް ދެނެގަނެ އެކަންކަމަށް މަސައްކަތްކުރައްވަމުން އަންނަކަމަށެވެ.