މި އަހަރު ނިމުމުގެ ކުރިން އައްޑޫގެ ޝަންގްރިއްލާ ރިސޯޓު ހުޅުވޭނެ: ތޯރިގު

ޝައްގްރިއްލާ ރިސޯޓް: ކޮވިޑުތެރޭ ބަންދުކުރިތާ ފަސް އަހަރު ފަހުން، މިއަހަރު ނިމުމުގެ ކުރިން ރިސޯޓު ހުޅުވޭނެކަމަށް މިނިސްޓަރު ވިދާޅުވި --

އައްޑޫގެ އެންމެ ފުރަތަމަ ރިސޯޓުކަމަށްވާ ޝަންގްރިއްލާ މިއަހަރު ނިމުމުގެ ކުރިން ހުޅުވޭނެ ކަމަށް، ޓޫރިޒަމް މިނިސްޓަރު ތާރިގު އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވައި މިނިސްޓަރު ވިދާޅުވީ، މި އަހަރު ނިމުމުގެ ކުރިން ޝަންގްރިއްލާ ހުޅުވަން ނިންމީ އެ ތަނުގެ މެނޭޖްމަންޓާ ސަރުކާރުން ވާހަކަ ދެއްކުމަށްފަހު ކަމަށެވެ.

މިވަގުތު މިނިސްޓްރީގެ މުވައްޒަފުންގެ ޓީމެއް ޝަންގްރިއްލާގެ ކޮޓަރިތަކާއި ފެސިލިޓީތަކުގެ ހާލަތު ދެނެގަތުމަށް އެ ތަނަށް ގޮސް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

https://sun.mv/205466

"ވަރަށް ރަނގަޅަށް މެއިންޓެއިންކޮށްފައި އޮތީ، ވަރަށް ގިނަ ތަންތަން، އެކި ސަރަހައްދުތަކާއި ރޫމްތައް ވެސް ހުރީ ރަނގަޅަށް މެއިންޓެއިންކޮށް ހުރިހާ އެއްޗެއް ވެސް ރަނގަޅަށް ބަލަހައްޓައިފައި،" މިނިސްޓަރު ވިދާޅުވިއެވެ.

އެހެންކަމުން ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭ ނިންމަން ޖެހޭ ހުރިހާ މަސައްކަތެއް ނިންމައި، މިއަހަރު ނިމުމުގެ ކުރިން ޝަންގްރިއްލާ ހުޅުވުމުން، އައްޑޫގައި ވަޒީފާގެ ފުރުސަތުތައް އިތުރުވެ، އެ ސިޓީގެ ފަތުރުވެރިކަން ކުރިއަރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ސަރުކާރުގެ 30 ޕަސެންޓު ހިއްސާ އޮންނަ، އައްޑޫގެ ފުރަތަމަ ރިސޯޓު ކަމަށްވާ ޝަންގްރިއްލާ މަރާމާތު ކުރަން ބަންދު ކުރީ ކޮވިޑް ބަލިމަޑުކަން ފެތުރުނު ފަހުން، 2020 ވަނަ އަހަރެވެ. އެ ފަހުން އެ ރިސޯޓް ނުހުޅުވި އެތައް ދުވަހެއް ވެފައިވާއިރު، އެކަމާ އައްޑޫ ސިޓީގެ ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މިދިޔަ ސަރުކާރުގެ ފަސް އަހަރުގެ ދައުރު ނިމެން އުޅެނިކޮށް، ޝަންގްރިއްލާ ރިސޯޓުގައި އޮންނަ ސަރުކާރުގެ ހިއްސާ ދޫކޮށްލުމަށް އެ ރިސޯޓު ހިންގާ ކުންފުންޏާ ލިޔުންތައް ހަވާލުކޮށްފައިވާ ކަމަށް އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވިއެވެ.

ޝަންގްރިއްލާގެ މައްސަލައިގެ ކަންބޮޑުުވުން އޮއްވައި، މި ސަރުކާރު އައުމަށްފަހު އެތަން އަލުން ހުޅުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް މި ސަރުކާރުގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް މިދިޔަ އަހަރު ވިދާޅުވިއެވެ.

ފައިސަލަށް ފަހު އެ މިނިސްޓްރީއާ ހަވާލުވެވަޑައިގެންނެވި ތާރިގް ވަނީ، ދުބާއީގައި ކުރިއަށް ދިޔަ 'އަރަބިއަން ޓްރެވަލް މާކެޓް 2025 (އޭޓީއެމް)'ގައި ޝަންގްރިއްލާގެ ވީޕީ އިންވެސްޓްމަންޓް އެންޑް އެސެޓް މެނޭޖްމަންޓް، ސެމިއުލް ލިމް ޔޮންގް ޕެންގްއާ ބައްދަލުކުރައްވައިފައެވެ.

comment ކޮމެންޓް