އައްޑޫ މާރާމާރީ: ތުހުމަތު ކުރެވޭ މީހާ ހައްޔަރުކޮށް، 30 ދުވަހަށް ބަންދަށް

އައްޑޫ ސިޓީ ހިތަދޫގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.

މި މަހުގެ 23 ވަނަ ދުވަހުގެ ރޭ ދަންވަރު 1:17 ހާއިރު ހިންގި މި މާރާމާރީގައި ވަނީ ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު ޒަހަމް ކޮށްލައިފައެވެ.

ފުލުހުން މިއަދު ބުނިގޮތުގައި, މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ / ސަންރީފް, ޢަލީ އަސްޢަރު (30އ) އެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.

ފުލުހުން ބުނިގޮތުގައި މި މާރާމާރީގައި އަނިޔާވީ 34 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އޭނާއަށް ފަރުވާދެމުންދަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައެވެ. މީހާގެ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށް ހޮސްޕިޓަލުން ފުލުހުންނަަށް ވަނީ މައުލޫމާތު ދީފައި ކަމަށް ބުންޏެވެ.

ފުލުހުން ބުނިގޮތުގައި މި މައްސަލަ ތަހުގީގު ކުރަމުން ގެންދަނީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުންނެވެ.

comment ކޮމެންޓް