ދުނޔޭގެ ނިމުން ކައިރިވަމުން އަންނަ ކަމުގެ ޢަލާމާތްތައް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މީގެ ސާދަސަތޭކަ އަހަރު ކުރީން އުއްމަތަށް ބަޔާން ކޮށްދެއްވާފައި ވެއެވެ. މީގެ ތެރެއިން ވަރަށް ގިނަ ޢަލާމާތްތައް، ސިޔާސީ މައިދާނާއި، ޓެކްނޮލޮޖީ އާއި، ދިރިއުޅުމުގެ ތަފާތު މައިދާންތަކުން މިހާރު ވެސް އަހަރެމެންގެ ލޯ މަތީން ފެންނަމުން އެބަ ދެއެވެ. އެންމެ އުސް އިމާރާތްތައް ބިނާ ކުރުމުގެ ވާދަ އިން ފެށިގެން، ފާޙިޝް ޢަމަލުތައް އިންތިހާ އަށް އިތުރު ވުމާއި، އާއިލީ ގުޅުންތައް ކެނޑުމާއި، ނާޤާބިލު ވެރީން ކަންކަމަށް ޢައްޔަނު ކުރެވެމުން ދިއުމަކީ މި ދުނިޔޭގެ ނިމުން ކައިވެއްޖެ ކަމާއި މިއީ ވަގުތީ ތަނެއް ކަން ކަށަވަރު ކޮށްދޭ ނިޝާން ތަކެވެ.
ޤިޔާމަތުގެ ޢަލާމާތްތަކުގެ ތެރޭގައި ހިމެނޭ ބައެއް ކަންކަމަކީ އޭގެ ޒާތުގައި ގޯސް ކަންކަމެއް ނޫނެވެ. މިސާލަކަށް އުސް އިމާރާތްތައް ހެދުމާއި، ތަނަވަސްކަން އިތުރުވުން ފަދަ ޢަލާމާތްތަކެވެ. ނަމަވެސް އަހަރެމެންނަށް އޮތީ މި ޢަލާމާތްތަކާ މެދު ވިސްނައި، ޤިޔާމަތް ކައިރި ވެއްޖެ ކަމާ މެދު ބިރުވެތި ވެ، އީމާންކަން ވަރުގަދަ ކުރުމެވެ. ފާފަތަކާ ދުރަށް ގޮސް، ހެޔޮ ޢަމަލުތައް ކުރުމުގައި ހީވާގި ވުމެވެ. ޤިޔާމަތުގެ ޢަލާމާތްތަކުގެ ތެރެއިން، ޞައްޙަ މަގުން ވާރިދުވެގެން ވާ ބައެއް ކަންކަން މި ލިޔުމުގައި ހިމަނައިލަމެވެ.
އަމާނާތްތެރިކަން ނެތިގެން ދިއުމާއި، ކަމުގެ އަހުލުވެރި ނޫން މީހުން އަމުރުވެރި މަގާމުތަކަށް ޢައްޔަނު ކުރުން
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. إذا ضُيِّعَتِ الأمانَةُ فانْتَظِرِ السَّاعَةَ قالَ: كيفَ إضاعَتُها يا رَسولَ اللَّهِ؟ قالَ: إذا أُسْنِدَ الأمْرُ إلى غيرِ أهْلِهِ فانْتَظِرِ السَّاعَةَ (ބުޚާރީ، 6496). "އަމާނާތްތެރިކަން ގެއްލިއްޖެ ނަމަ ޤިޔާމަތަށް އިންތިޒާރު ކުރާ ހުށި ކަމެވެ. ދެންނެވުނެވެ. އެ ކަން ގެއްލޭނީ ކިހިނަކުންތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. ކަމުގެ އަހުލުވެރީން ނޫން މީހުންނާ އަމުރުވެރި މަގާމުތައް ހަވާލު ވެއްޖެ ނަމަ ފަހެ، ޤިޔާމަތަށް އިންތިޒާރު ކުރާ ހުށިކަމެވެ".

ކަރަޕްޝަނާއި ޚިޔާނާތާއި، ކަމުގެ އަހުލުވެރި ނޫން މީހުން އަމުރުވެރި މަގާމުތަކަށް ޢައްޔަނު ކުރުން ރާއްޖޭގައި ވެސް ވަރަށް ބޮޑަށް އާއްމު -- ފޮޓޯ / ޝަޓަރސްޓޮކް.ކޮމް
އިމާރާތްތައް އުސްވުން
ޤިޔާމަތް ވުމާ ބެހޭ ގޮތުން ޖިބުރީލު ޢަލައިހިއްސަލާމު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާ ސުވާލު ކުރެއްވުމުން ޙަދީޘް ކުރެއްވިއެވެ. وَأَنْ تَرَى الْحُفَاةَ الْعُرَاةَ الْعَالَةَ رِعَاءَ الشَّاءِ يَتَطَاوَلُونَ فِي الْبُنْيَان (މުސްލިމު، 9). "އަރާނެ ފައިވާނެއް އަދި ޢައުރަ ނިވައި ކުރާނެހައި ފެންވަރު ވެސް ނެތް (ރަށްފުށުގެ ފަގީރު) ނިކަމެތީންގެ ގެދޮރު އުސްވެއްޖެ ތަން ފެނުމުންނެވެ". އެބަހީ: ކުރީން ނިކަމެތީންގެ ގޮތުގައި އުޅުނު މީހުން ތަނަވަސް ވެ އެ މީހުންގެ ގެ ދޮރު އުސްކޮށް ހަދައި، އެ އިމާރާތްތަކުގެ އުސްކަމާއި ބިޔަ ކަމަށް ޓަކައި އެއްބަޔަކު އަނެއް ބަޔަކާ ވާދަ ކޮށް ފަޚުރުވެރި ވާ ދުވަސް އައުމަކީ ޤިޔާމަތް ކައިރި ވެއްޖެ ކަމުގެ ޢަލާމާތެކެވެ. ދުނިޔޭގެ ކަންކޮޅުތަކުން، ޚާއްސަ ކޮށް ޢަރަބި ޤައުމުތަކުން މި މަންޒަރު ވަރަށް ސާފުކޮށް އެބަ ފެނެއެވެ.

ވިލާތަކަށް ވުރެ ވެސް މައްޗަށް އުފުލިފައި ވާ، ދުބާއީގެ އިމާރާތްތަކެއް ---- ފޮޓޯ / ހާޕަސްބަޒާރުއެރެބިއާ.ކޮމް
ހައްގަކާ ނުލައި މީހުން މެރުން ގިނަވުން
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. والَّذي نَفْسِي بيَدِهِ، لا تَذْهَبُ الدُّنْيا حتَّى يَأْتِيَ علَى النَّاسِ يَوْمٌ لا يَدْرِي القاتِلُ فِيمَ قَتَلَ، ولا المَقْتُولُ فِيمَ قُتِلَ (މުސްލިމް، 2908) "ތިމަންކަލޭގެފާނުގެ ފުރާނަފުޅު އެފަރާތެއްގެ ޔަދުޤުދުރަތުގައި ވާ ފަރާތް ގަންދެއްވައި ވިދާޅު ވަމެވެ. ގަތުލު ކުރާ މީހާ އަށް އޭނާ އެ ގަތުލު ކުރަނީ ކީއްވެކަން އަދި ގަތުލު ކުރެވޭ މީހާ އަށް އޭނާ އެ ގަތުލު ކުރެވެނީ ކޮން ކަމަކާ ގުޅިގެން ކަން އެނގިގެން ނުވާ ދުވަސްތަކެއް އައިސްފުމަށް ދާންދެން ދުނިޔެ ފަނާވެގެން ނުދާ ހުއްޓެވެ". ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ބަޔާން ކޮށްދެއްވާފައި ވާ ގޮތުގައި، ގަތުލު ކުރުން ގިނަ ވުން މިއީ މުސްލިމުން ހައްގުގެ މަގުގައި ޖިހާދު ކޮށް، މުޝްރިކުން މެރުމެއް ނޫނެވެ. އެހެނަސް އެއީ މުސްލިމުން އެއްބަޔަކު އަނެއް ބަޔަކު މެރުމެވެ (އިބުނު މާޖާ، 3959).

ހައްގަކާ ނުލައި މީހެއްގެ ފުރާނަ ދުއްވައިލުމަކީ އިސްލާމްދީނުގައި ހަރާން ކުރައްވާފައި ވާ ކަމެއް --- ފޮޓޯ / އަލްބިލާދުޕްރެސް.ކޮމް
ކަންކަމުގެ ހަގީގަތް އޮޅުމާއި ރުވައިބިޟާއިން ފާޅުވުން
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. سيَأتي علَى النَّاسِ سنواتٌ خدَّاعاتُ يصدَّقُ فيها الكاذِبُ ويُكَذَّبُ فيها الصَّادِقُ ويُؤتَمنُ فيها الخائنُ ويُخوَّنُ فيها الأمينُ وينطِقُ فيها الرُّوَيْبضةُ قيلَ وما الرُّوَيْبضةُ قالَ الرَّجلُ التَّافِهُ في أمرِ العامَّةِ (އިބުނު މާޖާ، 4036). "ހަމަކަށަވަރުން، އޮޅުވައިލުން ބޮޑު ދުވަސްވަރެއް މީސްތަކުންނަށް އަންނާނެއެވެ. އެ ދުވަސްތަކުގައި ދޮގުވެރިޔާގެ ބަސް ތެދު ކުރެވި، ތެދުވެރިޔާގެ ބަސް ދޮގު ކުރެވޭނެއެވެ. އަދި ޚިޔާނާތްތެރިޔާ އަކީ އަމާނާތްތެރިއެއް ކަމުގައި ބަލައި، އަމާނާތްތެރިޔާ އަކީ ޚިޔާނާތްތެރިއެއް ކަމުގައި ބަލާނެއެވެ. އެ ދުވަސްތަކުގައި ބަސް ކިޔާނީ ރުވައިބިޟާއިންނެވެ". ދެންނެވުނެވެ. އޭ ﷲ ގެ ރަސޫލާއެވެ! ރުވައިބިޟާއިންނަކީ ކޮންބައެއްތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. "އެއީ އާއްމުންގެ ކަންކަމުގައި ވާހަކަ ދައްކާ ތަންދޮރު ނުފިލާ މީހާއެވެ".

ފޮޓޯ / ކަލްޓެކް.އެޑިއު
ފާޙިޝް ޢަމަލުތައް ގިނަ ވެ، ރަޙިމުގެ ގުޅުންތައް ކަނޑައި އަވަށްޓެރީންނަށް އިހާނެތިކޮށް ހިތުން އާއްމު ވުން
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. لَا تَقُومُ السَّاعَةُ حَتَّى يَظْهَرَ الْفُحْشُ، وَالتَّفَاحُشُ، وَقَطِيعَةُ الرَّحِمِ، وَسُوءُ الْمُجَاوَرَةِ (އަޙްމަދު، 10/26-31). "ހަޑި ހުތުރު ފާފަތަކާއި ފާޙިޝް ކަންކަން ކުރުން އިތުރުވެ ރަޙިމުގެ ގުޅުން ކަނޑައި، އަވަށްޓެރީންނަށް އިހާނެތި ވުން އާއްމު ވެއްޖައުމަށް ދާންދެން ޤިޔާމަތް ގާއިމު ނުވާ ހުއްޓެވެ".

ދެ ޖިންސުގެ މީހުން މަސްހުނި ވެ، ފާޙިޝް ޢަމަލުތަކާ އެކު ބާއްވާ ޕާޓީތަކާއި ހަރަކާތްތައް ރާއްޖޭގައި ވެސް ވަރަށް ބޮޑަށް އާއްމު ވަމުން އެބަ ދޭ --- ފޮޓޯ / އެންޑީޓީވީ.ކޮމް