ރ. ފައިނުގައި އިއްޔެ އޭޓީއެމްގެ ޚިދުމަތް ފަށައި، މުޅި އެ އަތޮޅުގައި ގައުމީ ބޭންކް ބީއެމްއެލްގެ އޭޓީއެމްގެ ޚިދުމަތް ފުޅާކޮށްފިއެވެ.
މިއަދު ފައިނުގައި އޭޓީއެމްގެ ޚިދުމަތް ފައްޓަވައިދެއްވީ ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފާއި ބޭންކުގެ ޗެއާޕާސަން އަހްމަދު އަލީ ހަބީބެވެ.
މިއީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބީއެމްއެލުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން އޭޓީއެމް ބަހައްޓައި ނިންމި 16 ވަނަ އަތޮޅެވެ.
ބީއެމްއެލުން ވަނީ، ފައިނުގެ އިތުރުން ރ. ވާދުއާއި ރަސްގެތީމާއި އަނގޮޅިތީމާއި ހުޅުދުއްފާރާއި މާކުރަތާއި އިންނަމާދުއާއި ރަސްމާދޫގައި ވެސް އޭޓީއެމްގެ ޚިދުމަތް އިއްޔެ ފަށައިފައެވެ.
އަދި ބީއެމްއެލުން އެ އަތޮޅުގައި ހުޅުވާ ހަތަރުވަނަ ބްރާންޗްގެ ބިންގާ، އަލިފުށީގައި ވަނީ އިއްޔެ އަޅައިފައެވެ. މި ބްރާންޗްގެ މަސައްކަތް އަންނަ އަހަރުގެ ތެރޭ ނިންމާލެވޭނެ ކަމަށް، ޝަރީފް ވިދާޅުވެފައިވެއެވެ.
އިއްޔެ ރ. އަތޮޅުގެ ރަށްރަށުގައި ހުޅުވި އޭޓީއެމްތަކާއެކު، އައްޑުއާއި ފުވައްމުލަކާއި 18 އަތޮޅެއްގައި 42 ބްރާންޗާއި 179 ސެލްފް ސާވިސް ސެންޓަރަކާއި 246 އޭޓީއެމަކުން ބީއެމްއެލްގެ ޚިދުމަތްތައް ލިބޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.
ފާހަގަކުރެވޭ ގޮތުގައި މިދިޔަ ހަފުތާގައި މެދު ދެކުނުގެ ހަތަރު އަަތޮޅަކަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ގިނަ ރަށްރަށުގައި އޭޓީއެމް ހުޅުވައިދެއްވައިފައެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފެށުމަކީ ރައީސްގެ ވައުދެކެވެ. އެ ވައުދުގެ ދަށުން، ހުރިހާ ރަށެއްގައި އޭޓީއެމް ހުޅުވުމަށް ޚާއްސަ މަޝްރޫއެއް، ރަޢީސްގެ އިސްނެންގެވުމުގެ ދަށުން ބީއެމްއެލުން ފެށީ މިދިޔަ ނޮވެންބަރު މަހުގައެވެ.