ސަރުކާރުން އިސްލާހުތައް ގެނައުމަށް ގޮވާލައި މޮރޮކޯގެ ޖެންޒީން މުޒާހަރާ ކުރަނީ

ކޮރަޕްޝަން ނިމުމަކަށް ގެނެސް ސަރުކާރުން ދޭ ޚިދުމަތްތައް ރަނގަޅު ކުރުމަށް ގޮވާލައި މޮރޮކޯގެ އެތައް ޒުވާނުން މަގުތަކަށް ނިކުމެ މުޒާހާރާ ކުރަން ފަށައިފިއެވެ.

މިއީ އަހަރުތަކަކަށްފަހު އެ ގައުމުގެ ސަރުކާރާ ދެކޮޅަށް އަޑުފުލާ އެންމެ ބޮޑު އެއް މުޒާހަރާ ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

މުޒާހަރާގެ ބައިވެރިން ވަނީ އާންމު ސިއްޙަތާއި ތައުލީމު ރަނގަޅު ކުރުމަށް ބޮޑު ހޭދައެއްކުރުމަށް ޑިމާންޑްކޮށް، ސަރުކާރުން އިސްކަންދޭ ކަންކަން ރަނގަޅު ނޫން ކަމަށް ގޮވާލާފައެވެ.

'ޖެން ޒީ 212 ގެ ނަމުގައި ގްރާސްރޫޓް ހަރަކާތަކުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ މި މުޒާހަރާތައް ގާތްގަޑަކަށް 11 ސިޓީއެއްގައި ކުރަމުން ދާއިރު އޭގެ ތެރޭގައި ކަޒާބްލަންކާ، ރަބަޓް، މަރަކޭޝް އަދި އަގަދީރު ހިމެނެއެވެ.

މުޒާހަރާތައް ރޫޅާލުމަށް ކަމާބެހޭ ފަރާތްތަކުން މަސައްކަތްކުރަމުންދާއިރު، ހޮނިހިރު ދުވަހުން ފެށިގެން މިހާތަނަށް ގާތްގަނޑަކަށް 200 މީހުން ވަނީ ހައްޔަރުކޮށްފައެވެ.

"ޖެން ޒީ 212' ފޭސްބުކް އެކައުންޓުގައި ހިއްސާކޮށްފައިވާ ފޫޓޭޖުތަކުން ފެންނަ ގޮތުގައި ފުލުހުން ވަނީ އެއްވެ ތިބި މީހުންގެ ތެރެއަށް ވަދެ، މުޒާހަރާގެ ބައިވެރިން އަތުލައިގެންފައެވެ.

"ސުލްހަވެރިކަމާއެކު މުޒާހަރާ ކުރަމުން ދިޔަ ޒުވާނުންގެ ގްރޫޕަކާ ދެކޮޅަށް ވަނީ ބާރުގެ ބޭނުންކޮށްފައި." މޮރޮކޯގެ އެސޯސިއޭޝަން ފޯ ހިއުމަން ރައިޓްސްގެ ހަކިމް ސިކޯކް އޭއެފްޕީ ނިއުސް އެޖެންސީއަށް ބުންޏެވެ.

"ސަލާމަތީ ބާރުތަކުން ރައްދު ދިނީ އަނިޔާވެރިކަމާއެކު. އަޅުގަނޑުމެން އެކަން ކުށްވެރިކޮށް، ޒުވާނުންގެ ގްރޫޕެއްގެ އިޖުތިމާއީ ޑިމާންޑްތަކަށް ސަލާމަތީ ބާރުތައް ފޮރުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން."

މުޒާރާގެ ބައިވެރިން. ބައިވެރިން ވަނީ ސަރުކާރުން އާންމުންނަށް ފޯރުކޮށްދޭ ޙިދުމަތްތައް ރަނގަޅު ކުރުމަށް ގޮވާލާފައި. ފޮޓޯ/އޭޕީ

ވަޒީފާގެ ފުރުސަތުތަކާއި ސިއްޙީ ޚިދުމަތްތައް ރަނގަޅުކުރުމާއި ސްކޫލްތައް ރަނގަޅު ކުރުމަށް ޑިމާންޑް ކުރަމުންދާ މުޒާހަރާގެ ބައިވެރިންނާ މަޝްވަރާ ކުރުމަށް އިދިކޮޅު ޕާޓީތަކުން ވަނީ ސަރުކާރަށް އިލްތިމާސްކޮށްފައެވެ.

މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި މި މުޒާހަރާތަކަކީ އާންމު ޚިދުމަތްތައް ދިނުމުގައި އަހަރުތަކެއް ވަންދެން އިހުމާލުވެފައި އޮތް އޮތުމަށް ހައްލެއް ގެނެސް ތައުލީމާއި ސިއްޙީ ދާއިރާއަށް އަވަސް އިސްލާހުތަކެއް ގެނައުމަށް ޑިމާންޑު ކުރުމުގެ ގޮތުން ކުރިއަށް ގެންދާ މުޒާހަރާތަކެކެވެ.

އަންނަ އަހަރު ބާއްވަ އެފްރިކާ ކަޕް އޮފް ނޭޝަންސް އާއި 2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކޯ ހޯސްޓް ކުރުމަށް މޮރޮކޯ ތައްޔާރުވަމުންދާއިރު، ފުޓްބޯޅައިގެ އިންފްރާސްޓްރަކްޗާއަށް ސަރުކާރުން ކުރި ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓަށް ވެސް މުޒާހަރާގެ ބައިވެރިން ވަނީ ފާޑުކިޔާފައެވެ.

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބުނާ ގޮތުގައި މޮރޮކޯގައި ކޮންމެ 10،000 މީހަކަށް އަށް ޑޮކްޓަރުންވެސް ނުތިބެއެވެ. ކޮންމެ 10،000 މީހަކަށް 25 ޑޮކްޓަރުން ތިބެންޖެހޭނެ ކަމަށް ޑަބްލިޔުއެޗްއޯއިން ވަނީ ލަފާދީފައެވެ.

ކޮރަޕްޝަން ނައްތާލައި އާންމު ޚިދުމަތްތައް ރަނގަޅު ކުރުމަށް ގޮވާލައި ދެކުނު އޭޝިއާގެ ގައުމުތަކުގައިވެސް ޒުވާނުން އިސް ނަގައިގެން ވަނީ މުޒާހަރާތައް ކޮށްފައެވެ. އެގޮތުން ބަންގްލަދޭޝް، އިންޑޮނޭޝިއާއިން އަދި ނޭޕާލްގައި ވެސް މުޒާހަރާތައް ކުރިއަށް ގެންދިޔައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް