މި މަހުގެ ކުރީކޮޅު ހަމާސްގެ ލީޑަރުންނަށް އަމާޒުކޮށް އިސްރާއީލުން ގަތަރުގެ ދޯހާއަށް ދިން ހަމަލާގައި، ގަތަރަށް ނިސްބަތްވާ ރައްޔިތަކު މަރުވުމާ ގުޅިގެން، ބޮޑުވަޒީރުން ބެންޖަމިން ނަތަންޔާހޫ ގަތަރުގެ ކިބައިން މައާފަށް އެދިވަޑައިގެންފިއެވެ.
ގަތަރުގެ ބޮޑުވަޒީރު ޝެއިޚް މުހައްމަދު ބިން އަބްދުއްރަހްމާން ބިން ޖާސިމް އަލް ޘާނީގެ ކިބައިން ނަތަންޔާހޫ މައާފަށް އެދިވަޑައިގަތީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއެކު އިއްޔެ ބޭއްވެވި ބައްދަލުވުމެއްގައެވެ.
ފޯނުން ގުޅުއްވައި ނަތަންޔާހޫގެ މައާފަށް އެދިވަޑައިގެންކަން ގަތަރުގެ ޚާރިޖީ ވުޒާރާއިން ވަނީ ކަށަވަރުކޮށްދީފައެވެ.
"ކޯލް ފެށުނުއިރު، ގަތަރަށް އަނިޔާވެރިނުވާނެ ކަމުގެ ޔަގީންކަން ތަކުރާރުކޮށް ދެއްވުމާއި، ގަތަރާ އެކު ޑިފެންސް ޕާޓްނަޝިޕް ހެދުމަށް އެމެރިކާ ވައުދުވުން ހިމެނޭ ގޮތަށް ސަރަހައްދުގައި ސުލްހަ ގާއިމް ކުރުމަށް އެމެރިކާގެ ރައީސް ކުރެއްވި މަސައްކަތްތަކަށް ޝުކުރު އަދާކުރެއްވި،" ޚާރިޖީ ވުޒާރާއިން ބުންޏެވެ.
"ފުރަތަމަ ފިޔަވަޅެއްގެ ގޮތުން ބޮޑުވަޒީރު ނަތަންޔާހޫ ވަނީ ގަތަރުގައި ހަމާސްގެ އަމާޒުތަކަށް އިސްރާއީލުން ދިން މިސައިލްގެ ހަމަލާގެ ސަބަބުން ގަތަރުގެ ރައްޔިތަކު މަރުވުމުން ހިތާމަ ފާޅުކުރައްވާފައި،" ވައިޓް ހައުސްގެ ބަޔާނެއްގައިވެއެވެ.

އިސްރާއީލުން ގަތަރުގެ ދޯހާއަށް ދިން ހަމަލާގައި އެ ސަރަހައްދުން ދުން އަރަނީ. ފޮޓޯ/ރޮއިޓާސް
"އެމަނިކުފާނު އިތުރަށް ހިތާމަ ފާޅުކުރެއްވީ، ރަހީނުކުރުމުގެ މަޝްވަރާތަކުގައި ހަމާސްގެ ލީޑަޝިޕަށް އަމާޒުކޮށްގެން އިސްރާއީލުން ގަތަރުގެ އިސްތިގުލާލާ ހިލާފުވެފައިވާތީ. ކުރިއަށް އޮތްތަނުގައި އިސްރާއީލުން ދެން އެފަދަ ހަމަލާއެއް ނުދޭނެކަން ކަށަވަރުކޮށްދެއްވި،" އެ ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ.
ނަތަންޔާހޫގެ ރަސްމީ އެކްސް އެކައުންޓުގައި ވެސް ވަނީ އެކަން ހިއްސާކޮށްފައެވެ.
އެގޮތުން އިސްރާއީލުގެ ފޯކަސް އަކީ ހަމާސް ކަމަށާއި ގަތަރު ނޫން ކަމަށް އެ އެ ކައުންޓުން ކުރި ޕޯސްޓުގައި ލިޔެފައިވެއެވެ.
ވައިޓް ހައުސްއިން ބުނީ ގަތަރަށް ހަމަލާދިނުމާ ގުޅިގެން ނަތަންޔާހޫ މައާފަށް އެދިވަޑައިގަތުމުން ގަތަރުގެ ބޮޑުވަޒީރު އެކަމަށް މަރުހަބާ ވިދާޅުވެފައިވާ ކަމަށާއި، ސަރަހައްދީ ސަލާމަތާއި ހަމަޖެހުމަށް ގަތަރުން ތައްޔާރަށް އޮތް ކަމަށެވެ.
އެމެރިކާގެ ތާއީދު އޮތް ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުމެއްގެ މަޝްވަރާތަކުގައި ބައިވެރިވި ހަމާސްގެ އިސް ލީޑަރުންނަށް އަމާޒުކޮށް އިސްރާއީލުން ހަމަލާ ދިނީ މި މަހުގެ ނުވަ ވަނަ ދުވަހެވެ.
އެ ހަމަލާގައި ހަމާސްގެ ފަސް މެމްބަރުންނާއި ގަތަރުގެ ސަލާމަތީ އޮފިޝަލަކު ވަނީ ޝަހީދުވެފައެވެ.
އެއީ ހަނގުރާމަ ހުއްޓާލުމުގެ މަސައްކަތްތަކުގެ މުހިއްމު މެދުވެރިއެއް އަދި މެދުއިރުމަތީގައި އެމެރިކާ އަސްކަރިއްޔާގެ އެންމެ ބޮޑު މަރުކަޒު ކަމަށްވާ އަލް އުދައިދުގެ ހޯސްޓް ގަތަރަށް އިސްރާއީލުން ދިން ފުރަތަމަ ހަމަލާއެވެ.