ރާއްޖޭގައި މިވަގުތު ތިބި ހާފިޒުންގެ އަދަދު 284 އަކަށް

ރައީސް ޑރ. މުޙައްމަދު މުއިއްޒާއި، މިނިސްޓަރު ޝަހީމް ހާފިޒު ކަމުގެ ސަނަދު ހާސިލުކުރި ދަރިވަރުންތަކަކާ އެއްކޮށް: ރާއްޖޭގެ މިވަގުތު ތިބި ހާފިޒުންގެ އަދަދު 284އަކަށް ވަނީ އަރާފައި ---- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

ރާއްޖޭގައި ހާފިޒުކަމުގެ ސަނަދު ހާސިލުކުރި މީހުންގެ އަދަދު 284އަކަށް އަރާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ރޭ ވިދާޅުވެއްޖެއެވެ.

މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި މިނިސްޓަރު ވިދާޅުވީ، މިވަގުތާ ހަމައަށް ހާފިޒު ކަމުގެ ސަނަދު ހާސިލުކުރި މީހުންގެ އަދަދު 284އަށް އަރާފައިވާ ކަމަށާއި މި ފަސް އަހަރުގެ ތެރޭގައި އެ އަދަދު 500އަށް އަރާނެ ކަމަށެވެ.

ގުރުއާން ހިތުދަސް ކުރުމުގެ ކުލާސްތަކުގައި 1،500 މީހުން ދަސް ކުރަމުން އަންނަ ކަމަށާއި އޭގެތެރޭގައި ގިނައީ ޒުވާނުންނާއި ކުޑަކުދިން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަދި އެންމެ ގިނަ މީހުން ގުރުއާން ހިތުދަސް ކުރުމަށް ކިޔަވަމުން އަންނަނީ ގުރުއާނާ ބެހޭ މަރުކަޒުގައި ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ޒުވާން 24 ހާފިޒުންނާއެކު، ފުރަތަމަ ފަހަރަށް ހާފިޒުންގެ ދަސްވެނިވުން ކުލަގަދަކޮށް ފާހަގަކުރި ރަސްމިއްޔާތުގެ ތެރެއިން: ރާއްޖޭގައި މިވަގުތު ތިބި ހާފިޒުން އަދަދު ވަނީ 284އަކަށް އަރާފައި --- ފޮޓޯ/ ރައީސް އޮފީސް

އޭގެއިތުރުން، އަންނަ ރޯދަ މަހު 27 ވިލޭރޭ ފަންސާހެއްހައި ހާފިޒުން ދަސްވެނިވާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މީގެ ދެމަހެއް ކުރިން އޮގަސްޓު ހަތަރެއްގައި ވަނީ، ހާފިޒުންގެ އެލަވަންސް 2،000 ރުފިޔާއިން 4،000 ރުފިޔާއަށް ބޮޑުކޮށްފައެވެ.

ދީނީ އިލްމު އުނގެނުމާއި، ގުރުއާން ހިތުދަސްކޮށްދިނުމަށް ސަރުކާރުގެ ފަރާތުން ކޮށްދޭންޖެހޭ ކަންކަން މި ދައުރުގައި ވަރަށް ބާރަށް ކުރިއަށްގެންދަވާނެ ކަމަށް މިނިސްޓަރު ޝަހީމް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

https://sun.mv/209450

ގުރުއާން ހިތުދަސްކުރުމަކީ ރާއްޖޭގައި ވަރަށް ގިނަ ދަރިވަރުންނާއި، ބޮޑެތި މީހުން ވެސް ޚާއްސަ ސަމާލުކަމެއް ދޭ ކަމެކެވެ.

comment ކޮމެންޓް