ސެމްސަންގް ގެލެކްސީ އެސް 26 އަލްޓްރާގެ މައުލޫމާތުތަކެއް ލީކުވެއްޖެ

ސެމްސަން ގެލެކްސީ އެސް 26 އަލްޓްރާ ---

ސެމްސަންގެ ކުރިއަށް އޮތް ފްލެގްޝިޕް ފޯނު، ގެލެކްސީ އެސް 26 އަލްޓްރާ އާ ބެހޭ މުހިންމު މައުލޫމާތުތަކެއް އާންމުވެއްޖެއެވެ.

މި ފޯނު އަންނަ އަހަރުގެ ޖެނުއަރީ މަހު ދުނިޔޭގެ ބާޒާރަށް ނެރެން ތައްޔާރުވަމުންދާ ކަމަށް ލަފާކުރެވެއެވެ.

ލީކުވެފައިވާ މައުލޫމާތުތަކަށް ބަލާއިރު، ގެލެކްސީ އެސް 26 އަލްޓްރާގައި 6.9-އިންޗީގެ ޑައިނަމިކް އެމޯލެޑް ޑިސްޕްލޭއެއް ހުންނާނެއެވެ. މި ޑިސްޕްލޭ ކުރީގެ މޮޑެލްތަކަށްވުރެ އަލިވެފައި، ހަކަތަ ބޭނުންކުރުމުގައި ޚަރަދު ކުޑަވާނެ ކަމަށް ވެއެވެ.

ފޯނުގެ ޕްރޮސެސަރަކަށް ސްނެޕްޑްރެގަން 8 އެލައިޓް ޖެން 5 ޗިޕްސެޓް ބޭނުންކުރާނެ ކަމަށް ބެލެވޭއިރު، ބައެއް ސަރަހައްދުތަކަށް އެކްސިނޯސް 2600 އެސް.އޯ.ސީއެއް ހިމެނޭނެއެވެ.

ސޮފްޓްވެއާގެ ގޮތުން ބަލާއިރު، ގެލެކްސީ އެސް 26 އަލްޓްރާގައި އެންޑްރޮއިޑް 16 އަށް ބިނާކޮށްފައިވާ ވަން ޔޫއައި 8.5 ހުންނާނެ ކަމަށް ލަފާކުރެވެއެވެ.

އަދި ސެމްސަންގުން މި ފޯނަށް ހަތް އަހަރު ދުވަހުގެ ސޮފްޓްވެއާ އަޕްގްރޭޑް ދިނުމުގެ ފުރުސަތު އެބައޮތެވެ. ރެމްގެ ސައިޒަށް ބަލާއިރު 16ޖީބީ އަދި ސްޓޯރޭޖްގެ ގޮތުގައި 1ޓީބީއާ ހަމައަށް ހިމެނޭނެ ކަމަށް ވެއެވެ.

ކެމެރާ ސިސްޓަމަށް ބަލާއިރު، މި ފޯނުގައި 200-މެގާޕިކްސަލްގެ މައި ކެމެރާއެއް ހުންނާނެ ކަމަށް ބެލެވެއެވެ. މީގެ އިތުރުން 50-މެގާޕިކްސަލްގެ 5އެކްސް ޓެލެފޮޓޯ ލެންސަކާއި 50-މެގާޕިކްސަލްގެ އަލްޓްރާވައިޑް-އެންގަލް ސެންސަރެއް ވެސް ހިމެނޭނެއެވެ.

ބެޓެރީއަށް ބަލާއިރު، 5,000މިލީއެމްޕަޔަރުގެ ބެޓެރީއެއް ހުންނާނެ ކަމަށް ލަފާކުރެވެއެވެ. އަދި 60ވޯޓް ވައިޑް ފާސްޓް ޗާޖިން އާއި 15ވޯޓް ވަޔާލެސް ފާސްޓް ޗާޖިން (ކިއުއައި 2 ސްޓޭންޑަރޑް) ސަޕޯޓްކުރާނެއެވެ.

ފޯނުގެ ބޯމިނަކީ 7.9މިލިމީޓަރަށް ވާނެ ކަމަށް ވެއެވެ. އަދި ކުރީގެ މޮޑެލްތަކަށްވުރެ ލުއިކޮށް، ތާމަލް މެނޭޖްމަންޓް ރަނގަޅުކޮށް، ފްރޭމް އިތުރަށް ވަރުގަދަ ކުރެވިފައިވާނެ ކަމަށް ވެއެވެ.

މި ފޯނުގައި “ޕްރައިވެޓް ޑިސްޕްލޭ” އަދި “ޕްރައިވެސީ ޑިސްޕްލޭ” ފަދަ ފީޗާސްތަކެއް ހިމެނިދާނެ ކަމަށް ވެސް ލީކްވެފައިވާ މައުލޫމާތު ތަކުގައި ވެއެވެ. ސެމްސަންގުން އަދި މި ފޯނު ނެރޭނެ ތާރީޚެއް ރަސްމީކޮށް އިއުލާނުކޮށްފައެއް ނުވެއެވެ.

ސެމްސަންގް ގެލެކްސީ އަލްޓްރާ ސީރީޒަކީ ކޮންމެ އަހަރަކުވެސް އެ ކުންފުނީގެ އެންމެ ކުރިއަރާފައިވާ ފޯނުތައް ހިމެނޭ ސީރީޒެވެ. މި ފޯނުތަކަކީ އެންމެ ފަހުގެ ޓެކްނޮލޮޖީއާއި، އެންމެ ބޮޑެތި ސްކްރީންތަކާއި، އެންމެ ބާރުގަދަ ކެމެރާ ސިސްޓަމްތައް ހިމެނޭ ފޯނުތަކެކެވެ.

އާންމުކޮށް މި ސީރީޒުގެ ފޯނުތައް ނެރެނީ ކޮންމެ އަހަރެއްގެވެސް ކުރީކޮޅުގައެވެ. ފޯނު ރަސްމީކޮށް ނެރުމުގެ ކުރިން މިފަދަ މައުލޫމާތުތައް ލީކުވުމަކީ ޓެކްނޮލޮޖީ ދުނިޔޭގައި އާންމު ކަމެކެވެ. މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް އާ ފޯނުތަކާ ބެހޭގޮތުން ކުރިންވެސް މައުލޫމާތު ލިބި، އެ ފޯނުތަކަށް އޮންނަ އިންތިޒާރު އިތުރުވެގެންދެއެވެ.

ގެލެކްސީ އެސް26 އަލްޓްރާ އަކީވެސް މި ސީރީޒުގެ ކުރިއެރުންތަކަށް އިންތިޒާރު ކުރެވޭ ފޯނެކެވެ، އަދި ލީކުވެފައިވާ މައުލޫމާތުތަކުން މި ފޯނު ވެގެންދާނީ ވަރަށް ބޮޑެތި ބަދަލުތަކަކާއެކު އަންނަ ފޯނަކަށް ކަމަށް ލަފާކުރެވެއެވެ.

comment ކޮމެންޓް