އާއިލީ ވުޒާރާއިން ބޭއްވި ހަރަކާތެއްގައި ބާކީކޮށްލި، ނުކުޅެންދުތެރިކަން ހުންނަ ކުއްޖާގެ ގެއަށް ވަޒީރު

މިނިސްޓަރު ޝިހާމް ސައުޝަންގެ ދަރިފުޅާ އެއްކޮށް ----- ފޮޓޯ/ ސައުޝަން އަލީ، ފޭސްބުކް

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނާ މެދު ތަފާތު ކުރުންތައް މުޖުތަމައުގެ ތެރޭގައި އޮވެއެވެ. އެފަދަ ޝަކުވާތައް ފެންމަތިވާވަރުވެސް ނިސްބަތުން މަދެއް ނޫނެވެ. މުޖުތަމައުގެ ތެރޭގައި އެފަދަ ކުދިން ބައިބައި ކުރުން ވެސް އޮވެއެވެ. މިފަދަ ތަޖުރިބާއެއް ބަރުދާސްތު ކުރަން ޖެހުނު ކުއްޖެއްގެ މަންމަ، މީގެ ދެ ދުވަހެއް ކުރިން ވަނީ ސޯޝަލްމީޑިއާއަށް އެ ވާހަކަ ތިލަކޮށްފައެވެ.

ސައުޝަން އަލީގެ ދަރިފުޅަކީ ވާހަކަ ނުދެއްކޭ ކުއްޖެކެވެ. އުމުރުން އަދި ދެ އަހަރު ނުވާ އެ ދަރިފުޅު ގޮވައިގެން މިދިޔަ ހޮނިހިރު ދުވަހު ކުއްޖާގެ މާމަ ދިޔައީ ހިޔާ ފުލެޓު ސަރަހައްދުގައި އޮތް ކުޑަކުދިންގެ ހަވީރަކަށެވެ. އޭރު އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާގެ މުވައްޒަފުން ތިބި ޓެންޓަކުން ކުދިންނަށް ހަދިޔާ ބަހަމުން ދިޔައެވެ.

އެކި އުމުރު ފުރާގެ ކުޑަކުދީންގެ މޫނު މަތިން ފެންނަމުން ދިޔައީ އުފާވެރިކަމާއި ހިނިތުންވުމެވެ. ޖޯޝާއި ފޯރިއެވެ. އެކުދިންނަށް އާއިލީ ވުޒާރާއިން ހަދިޔާ ބަހަމުން ދިޔައީ އެއްވެސް ހަރަކާތެއް ކުޅުމުން ނޫން ކަމަށް ސައުޝަން ބުންޏެވެ.

އެ ޓެންޓަށް ސައުޝަންގެ ދަރިފުޅު ގޮވައިގެން އޭނާގެ މަންމަ ވެސް ދިޔައެވެ. އެތަނަށް ގޮސް، ވުޒާރާގެ މުވައްޒަފެއް ކައިރީ ހަދިޔާއެއް ލިބިދާނެތޯ ސައުޝަންގެ މަންމަ އެހިއެވެ.

"ނަމަވެސް އެނާގެ ޖަވާބަކީ ހަދިޔާ ބެހުން ނިމުނީ ކަމަށެވެ. އޯކޭ ބުނުމަށް ފަހުގައި މަންމަ ދަރިފުޅު ގޮވައިގެން އެތާ ކައިރީ ބެންޗެއްގައި އިނެވެ" ސައުޝަން ބުންޏެވެ.

އެކަމަކު އިރުކޮޅެއް ނުވަނީސް ސައުޝަންގެ މަންމައަށް ފެނުނީ ހިތްދަތި މަންޒަރެކެވެ. އެއީ، ވުޒާރާގެ މުވައްޒަފު އެހެން ކުދިންނަށް ހަދިޔާ ބަހާ ތަނެވެ. އެ ސަރަހައްދުގައި ދަރިފުޅާއި މަންމަ ތިބި ތަން އެ މުވައްޒަފަށް ފެނުނު ކަމަށް ސައުޝަން ބުންޏެވެ.

ކުޑަ އަންހެން ކުއްޖެއް ފެއާއެއްގައި -- ސަން ފޮޓޯ/ އަމަން ލަތީފް

"އެ އަންހެން މީހާ ކަންތައް ކުރި ގޮތުން މަންމަ ވެސް ވަރަށް ދެރަވިއެވެ. އަދި އެ ވާހަކަ ގެއަށް އައިސްފައި ބުނުމުން އަޅުގަނޑުމެން ވަރަށް ދެރަވިއެވެ." ސައުޝަން ލިޔެފައިވެއެވެ.

ސައުޝަންގެ ދަރިފުޅަށް ވާހަކަ ނުދެއްކުނަސް އެ ކުއްޖާގެ ވެސް އިހުސާސްތަކެއް ހުންނާނެއެވެ. އެހެން މީހުންގެ ލޯތްބާއި އަޅާލުމަށް ވެސް ހިތް އެދޭނެއެވެ. ދުލުން ނުބުނެވުނަސްމެއެވެ. ސައުޝަން ބުނީ، މީހަކު އެއްޗެއް ދިނުމުން ނުވަތަ ލޯބިން ބަހެއްބުނެލުމުން ދަރިފުޅު ހިނިތުންވާނެ ކަމަށެވެ.

"މައްސަލައަކީ ހަދިޔާ އެއް ދަރިފުޅަށް ނުލިބުމެއް ނޫނެވެ. އެ އަންހެން މީހާ ކަންތައް ކުރި ގޮތެވެ. ނުކުޅެދުންތެރިކަން ހުރި ކުއްޖަކަށްވުމުން ތަފާތު ކުރުމުންނެވެ. ދަރިފުޅަށް ހަދިޔާއެއް ދޭން ބޭނުން ނުވުމުން ދޮގު ހެދުމުންނެވެ. އަދި ފަހުން ފެނުމުން ވެސް މޫނު އަބުރާލީމައެވެ." ސައުޝަން ބުންޏެވެ.

ކުޑަ އަންހެން ކުއްޖަކު ގުޑިއަރުވަނީ: ސައުޝަންގެ ދަރިފުޅު ބާކީ ކުރުމުން އޭނާ ހުރީ ދެރަވެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސައުޝަން ބުނީ، ނުކުޅެދުންތެރިކަން ހުއްޓަސް އެހެން ކުދިންނެކޭ އެއްގޮތަށް އުފަލުގައި އެކި ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު އެކުދިންނަށް ވެސް ލިބިގެންވާ ކަމަށެވެ. އެކަމަކު، ހިތާމައަކީ އެކަން އާއިލީ ވުޒާރާގެ މުވައްޒަފަށް އިހުސާސްނުވީތީ ކަމަށް އޭނާ އަސަރާއެކު ބުންޏެވެ.

"ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ހައްގުތައް ރައްކާތެރިކުރާ އެފަދަ ވުޒާރާއެއްގައި އެފަދަ މުވައްޒަފުން މަސައްކަތްކުރާތީ،" ސައުޝަން އޭނާގެ ޝުއޫރު ފާޅުކުރިއެވެ.

އެ ހިތާމައިގައި ސައުޝަންގެ އާއިލާ ތިއްބައި، އެ އާއިލާއަށް ހިނިތުންވުމެއް ގެނެސްދެއްވީ ސޯޝަލް އެންޑް ފެމިލިީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އާއިޝަތު ޝިހާމެވެ. މިނިސްޓަރު ވަޑައިގެން ދަރިފުޅާއެކު ވަގުތު ހޭދަކުރެއްވިއެވެ.

އެ އުފާވެރިކަމުގެ އިހުސާސްތައް ބަންޑުންކޮށް، ސައުޝަން ވަނީ މިނިސްޓަރު ޝިހާމް ބެހެއްޓެވި ގާތްކަމަށް ޝުކުރު އަދާކޮށްފައެވެ.

ސައުޝަންއަށް މި ދިމާވި ފަދަ ކަމެއް އެއްވެސް މަންމައަކު ތަހަންމަލު ކުރާކަށް ބޭނުމެއް ނުވާނެއެވެ. އެމީހެއްގެ ދަރިފުޅަކު ބާކީކޮށްލާ ތަން ބަލާކަށް އެއްވެސް މަޔަކަށް ކެތެއް ނުވާނެއެވެ.

comment ކޮމެންޓް