މަސް ގަންނަ އަގު ބޮޑުކުރެވޭނީ މަސްކިރާތާ 48 ގަޑިއިރު ތެރޭ މަސްވެރިންނަށް ފައިސާ ދިނުމުގެ ކަންކަން މެދުނުކެނޑި ކުރެވޭނެކަން ޔަގީންވުމުން ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ހެނދުނު ރައީސް އޮފީހުގައި ރައީސް ވަނީ ކެޔޮޅުންނާ ބައްދަކުރައްވައިފައެވެ.
އެ ބައްދަލުވުމުގައި ކެޔޮޅުންވަނީ މަސްވެރިކަމުގެ ސިނާއަތް ރަނގަޅު ކުރުމަށް ބޭނުންވާ ކަންކަން އެ މަނިކުފާނާ ހިއްސާކޮށްފައެވެ.
ރައީސް އޮފީހުން ބުނީ، މަސްވެރިން އެންމެ ބޮޑަށް ބޭނުންވާ ކަމެއްގެ ގޮތުގައި ފާހަގަކުރީ މަސް ކިލޯއެއް ގަންނަ އަގު ވިހި ރުފިޔާއަށް ބޮޑު ކުރާނެ ތާރީޚެއް އޮޅުން ފިލުވުމެވެ.

ރައީސް މުއިއްޒު ކެޔޮޅުންނާއި ބައްދަލުކުރެއްވުން --- ފޮޓޯ/ ރައީސް އޮފީސް
އެކަމާ ގުޅިގެން ރައީސް ވިދާޅުވީ، މަސް ގަންނަ އަގު ބޮޑުކުރެވޭނީ މަސްކިރާތާ 48 ގަޑިއިރު ތެރޭގައި ފައިސާ ދެވޭނެކަން ޔަގީންވުމުން ކަމަށެވެ. ނަމަވެސް، މަސް އަގު ބޮޑުކުރައްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.
އެ ބައްދަލުވުމުގައި މަސްވެރިން ވަނީ އިތުރު ކަންބޮޑުވުންތައް ރައީސާ ހިއްސާކޮށްފައެވެ. އެގޮތުން، ރާއްޖޭގެ އެންވެރިކަން ދަށްވުމާއި މަސްވެރިންނަށް ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ލޯނަށް އެދުމުގައި ހުރި ދަތިތައް ފާހަގަކުރި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ ކެޔޮޅުން ވަނީ، މިފްކޯގައި މަސްކިރުމަށް ހުންނަ ކައްޓާތައް ޑިޖިޓަލް ކޮށްދިނުމަށް އެދި، ރާއްޖޭގެ ވަކިވަކި ސަރަހައްދުތަކުގައި މަސްވެރިކަމާއި މަސްކިރުވުމުގައި ހުރި ދަތިތަކުގެ މައުލޫމާތު ވެސް ރައީސްއާ ހިއްސާކޮށްފައެވެ.

ރައީސް މުއިއްޒު ކެޔޮޅުންނާ ބައްދަލުކުރެއްވުން ---- ފޮޓޯ/ ރައީސް އޮފީސް
އެ ބައްދަލުވުމުގައި ރައީސް ވަނީ، ސަރުކާރުން މަސްވެރިންނާއި ކެޔޮޅުންގެ ކަންބޮޑުވުންތަކަށް ޙައްލު ލިބޭނެގޮތަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ސަރުކާރުގެ ސިޔާސަތުގެ ތެރެއިން މަސްވެރިންނަށް ބޭންކުން ދޫކުރާ ލޯނަށް އެދޭގޮތް ފަސޭހަކޮށްދިނުމަށާއި ހުށަހަޅަންޖެހޭ ލިޔެކިޔުން މަދުކުރެވޭނެގޮތަކަށް އެކަން ކުރެވޭނެތޯ ބޭންކަށް އަންގަވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އޭގެއިތުރަށް، ވ. އަތޮޅުގައި ހިންގާ ބިންހިއްކުމުގެ މަޝްރޫޢުތައް ކުރިއަށް ގެންދާނީ މަސްވެރިންނާއި މަޝްވަރާކޮށް، މަސްވެރިންގެ ޚިޔާލާ އެއްކޮށް ކަމަށް ރައީސް ވިދާޅުވިއެވެ.
ހަމައެއާއެކު، އެސްޓީއޯއިން ތެޔޮވިއްކާ އަގުގައި ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ތެޔޮވިއްކުމަށް ކުރަމުންދާ މަސައްކަތް ކުރިއަށްދާގޮތުގެ ތަފްޞީލު އެމަނިކުފާނު ވަނީ ކެޔޮޅުންނާ ހިއްސާކުރައްވާފައެވެ.
އެ މަސައްކަތް އަންނަ އަހަރުގެ މާރިޗް މަހަށް ނިންމުމަށް މަސައްކަތް ކުރައްވާ ކަން ފާހަގަކުރައްވައި، ރައީސް ވަނީ މިފްކޯއިން ތެޔޮވިއްކަން ފަށަން ކުރަމުންދާ މަސައްކަތުގެ ތަފުސީލު އެމަނިކުފާނު ހިއްސާކުރެއްވިއެވެ.
ހަމައެހެންމެ، މަސްވެރިންނާއި ކެޔޮޅުންގެ ކަންބޮޑުވުންތަކަށް ޙައްލު ލިބޭނެގޮތަށް އަވަހަށް ކަންކަން ކުރައްވައި، އެމީހުންގެ ކަންކަން ވަރަށް ގާތުން ބައްލަވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.
މި މަހު 22ގައި ރައީސް ވަނީ، ރިޔާސީ އިންތިޚާބުގައި ވައުދުވެވަޑައިގެންނެވި ގޮތަށް މަސް ކިލޯއެއް 20 ރުފިޔާއަށް ގަންނަ ގޮތަށް ބަދަލުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އޭގެފަހުން، މަސްވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ އަމިއްލަ ކުންފުނިތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.