ކައުންސިލް އިންތިޚާބަށް ސައިބާ ސެކިއުރިޓީ ކޮންސަލްޓަންޓެއް ހޯދަނީ، މަހަކަށް 35،000ރ.

"ލޯކަލް ކައުންސިލް އިންތިހާބު 2020"ގެ ވޯޓުލުމުގެ ތެރެއިން: ކުރިއަށް އޮތް ކައުންސިލް އިންތިޚާބަށް ސައިބާ ސެކިއުރިޓީ ކޮންސަލްޓަންޓެއް ހޯދަން ވަނީ އިއުލާންކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބަށް ސައިބާ ސެކިއުރިޓީ ކޮންސަލްޓަންޓެއް ހޯދުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން މިއަދު އިއުލާނުކޮށްފިއެވެ.

އީސީން ބުނީ، އެ މަގާމަށް ޝަރުތު ހަމަވެ، ޝައުގުވެރިވާ މީހުންނަށް ޕޯޓްސް ކޮމްޕްލެކްސް ބިލްޑިންގެ ފަސް ވަނަ ފަންގިފިލާގެ ރިސެޕްޝަނަށް ނުވަތަ މެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށެވެ. އީސީން އެ ފުރުސަތު ހުޅުވާލާފައި ވަނީ، އަންނަ މަހުގެ އަށްވަނަ ދުވަހުގެ 15:00ގެ ނިޔަލަށެވެ.

ވަޒީފާއަށް އެދޭ ފޯމާ އެއްކޮށް އެ މަގާމަށް ކުރިމަތިލާއިރު ހުށަހަޅަން ޖެހެނީ، ތައުލީމީ ސެޓްފިކެޓުތަކުގެ އެކްރެޑިޓުކޮށްފައިވާ ކޮޕީއާއި ހުނަރާއި ގާބިލުކަން ސާބިތުކޮށްދޭ ވަނަވަރާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީގެ އިތުރަށް މަސައްކަތު ތަޖުރިބާގެ ލިޔުންތަކެވެ.

އެމަގާމުގެ ޓާމްސް އޮފް ރިފަރެންސްގައިވާ ގޮތުގައި، ސައިބާ ސެކިއުރިޓީ ކޮންސަލްޓަންޓެއް އީސީން ހޯދަނީ މަހަކު 35،000 ރުފިޔާގެ ލިބޭ ގޮތަށް، އަންނަ އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ކަމަށް ބުނެފައިވެއެވެ.

އެ މަގާމަށް ކުރިމަތިލާ މީހަކީ ސައިބާ ސެކިއުރިޓީ ނުވަތަ ގުޅުންހުރި ދާއިރާއަކުން މާސްޓާސް ފެންވަރުގެ ސަނަދެއް ހޯދުމާއެކު ދެ އަހަރުގެ ތަޖުރިބާ ހުރި މީހަކަށް ވާން ޖެހެއެވެ. އަދި ހޯދައިފައިވަނީ ޑިގްރީއެއް ނަމަ، ފަސް އަހަރުގެ ތަޖުރިބާ ހުންނަން ޖެހޭނެއެވެ.

އެމްކިއުއޭ ލެވެލް ފަހެއްގެ ސެޓްފިކެޓަކާއެކު މަގާމަށް ކުރިމަތިލާނަމަ، ދިހަ އަހަރުގެ ތަޖުރިބާ ހުންނަން ޖެހޭނެއެވެ.

https://sun.mv/210641

ފާހަގަކުރެވޭ ގޮތުގައި، މިދިޔަ މަހުގެ ފަހުކޮޅު އީސީން ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މަސައްކަތަށް 260އަށް ވުރެ ގިނަ މުވައްޒަފުން ހޯދަން އިއުލާނުކުރިއެވެ.

comment ކޮމެންޓް