އެކުއަތުލޯން މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި، ބައިވެރިންނަށް ކާނި ހޮޓެލްސްއިން އަގުހެޔޮ ޕެކޭޖުތަކެއް

އަންނަ މަހު ކ. މާފުށީގައި ބާއްވާ މޯލްޑިވްސް އެކުއަތުލޯން ޗެމްޕިއަންޝިޕް 2025 ގައި ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފިއެވެ.

ސްވިމް މޯލްޑިވްސްއިން އިންތިޒާމުކުރާ މި މުބާރާތް ކުރިއަށްދާނީ އަންނަ މަހުގެ 31އާއި ނޮވެމްބަރުގެ އެއް ވަނަ ދުވަހެވެ.

މި މުބާރާތުގެ އޮފިޝަލް ހޮޓެލަކީ ކާނި ހޮޓެލްސް ކަމަށްވާއިރު، މުބާރާތުގެ މެއިން ސްޕޮންސަރަކީ މޯލްޑިވްސް އިސްލާމިކް ބޭންކެވެ.

އެކުއަތުލޯންގައި ފެތުމާއި ދުވުމުގެ ބައެއް ފުރިހަމަ ކުރާނެއެވެ. އެގޮތުން ފުރަތަމަ ފެތުމަށް ފަހު، ދުވާ ބޫޓަކަށް އަރައިގެން ވަގުތުން ދުވާނީއެވެ. ވަނަވަނައަށް ދާނީ ދުވުމުގެ އިވެންޓު ނިމޭއިރު އެންމެ ފުރަތަމަ ނިންމާ އެތުލީޓެވެ.

އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ މި މުބާރާތުގައި ޖުމުލަ ތިން ކެޓަގަރީއެއް ކުރިއަށްދާނެއެވެ.

"އެލީޓު" ކެޓަގަރީ

މި ކެޓަގަރީގައި ހިމެނެނީ އެއް ކިލޯމީޓަރު ފެތުމާއި 5 ކިލޯމީޓަރުގެ ދުވުމެވެ.

"ސްޕްރިންޓް" ކެޓަގަރީ

މި ކެޓަގަރީގައި ކުރިއަށްދާނީ 500 މީޓަރު ފެތުމަކާއި 2.5 ކިލޯމީޓަރުގެ ދުވުމެކެވެ.

"ޑިސްކަވާ އެކުއަތުލޯން" ކެޓަގަރީ

ވާދަވެރިނުވާ ގޮތަކަށް ބާއްވާ "ޑިސްކަވާ އެކުއަތުލޯން" ކެޓަގަރީގައި ހިމެނެނީ 200 މީޓަރު ފެތުމާއި 500 މީޓަރުގެ ދުވުމެކެވެ.

ފެތުމުގެ ބައި ކުރިއަށްދާނީ މާފުށީ ބިކިނީ ބީޗުން ބޭރަށް ގޮސް، ތިނެސްކަން 500 މީޓަރުގެ ރޫޓެއް ފުރިހަމަ ކުރާ ގޮތަށެވެ. އެއަށްފަހު، ދުވުމުގެ ބައިގައި އޮންނާނީ މާފުށީ ވަށައިގެން، 2.5 ކިލޯ މީޓަރުގެ ރޫޓެއްގައެވެ. މީގެ ތެރޭގައި ބީޗުގައި ދުވާ ބައެއްވެސް ހިމެނޭނެއެވެ.

އެލީޓު ކެޓަގަރީއަކީ، އަންހެން، އަދި ފިރިހެން ބައިން، 15 އަހަރުން މަތީގެ މީހުންނަށް ހުޅުވާލެވިފައިވާ ވާދަވެރި ބައެވެ. ފަނަރަ އަހަރުން ދަށުގެ ކުދިންގެ ކެޓަގަރީއަކީ "ސްޕްރިންޓް" ކެޓަގަރީއެވެ. 15 އަހަރުން ދަށުގެ ކުއްޖަކުވެސް، އެލީޓް ކެޓަގަރީގައި ވާދަކުރަން ބޭނުންނަމަ، އެ ފުރުޞަތު އޮންނާނެއެވެ. އަދި ވަނަވެސް ލިބޭނެއެވެ. ނަމަވެސް، 15 އަހަރުން މަތީގެ މީހުން "ސްޕްރިންޓް" ކެޓަގަރީގައި ބައިވެރިވިޔަސް، އެ ކެޓަގަރީގެ ވަނަވަނަ ހޮވާނީ 15 އަހަރުން ދަށުގެ ކުދިންގެ ތެރެއިންނެވެ.

ޑިސްކަވަރ އެކުއަތުލޯން ކެޓަގަރީއަކީ ކުޑަކުދިންނަށާއި މުޅިން އަލަށް މިކަހަލަ އިވެންޓުތަކުގައި ބައިވެރިވާ މީހުންނަށް ތަޖުރިބާކުރުމަށް ހުޅުވާލެވިފައިވާ، ވާދަވެރި ނޫން ބައެކެވެ. ޑިސްކަވާ އެކުއަތުލޯންގެ ފެތުމުގެ ބައި އޮންނާނީ މާފުށީ ބިކިނީ ބީޗުގެ ފަޅުތެރޭގައި، ޢާންމުކޮށް އިސްކޮޅު ޖެހޭ ހިސާބުގައެވެ.

ދެ ގޮތަކަށް މި މުބާރާތުގައި ބައިވެރިވެވޭނެއެވެ. އެއީ އިންޑިވިޖުއަލް އާއި ޓީމު އިވެންޓެވެ.

އިންޑިވިޖުއަލް ކެޓަގަރީ (އެއް އެތުލީޓަކު އެކަނި ފެތުމާއި ދުވުން ފުރިހަމަކުރާ ބައި) އޮންނާނީ އަންނަ މަހުގެ 31ވާ ހުކުރު ދުވަހެވެ.

ޖެހިގެން އަންނަ ދުވަހު އޮންނާނީ ޓީމު އިވެންޓުތަކެވެ. މިއީ ދެ އެތުލީޓުން އެކަކު ފަތާފައި އަނެކަކު ދުވާގޮތަށް އިންތިޒާމުކޮށްފައިވާ ބައެކެވެ. އިންޑިވިޖުއަލް ބައިގައި ބައިވެރިވާ އެތުލީޓަށްވެސް، ޓީމެއް ހަދައިގެން ޖެހިގެން އަންނަ ދުވަހު ޓީމް އިވެންޓުތަކުގައި ބައިވެރިވެވިދާނެއެވެ.

މިއިވެންޓުތަކުގައި، ފިންސާއި ޕޫލް ނޫޑްލްސް، ކިކްބޯޑު ފަދަ އެސިސްޓަޑް ޑިވައިސް ބޭނުންކޮށްގެން ބައިވެރިވެވިދާނެއެވެ. ނަމަވެސް، މިއިން ޑިވައިސެއްގެ ބޭނުން ހިފާ މީހަކަށް، ވަނަވަނައަށްދާ މީހުންގެ ތެރެއަކު ނުހިމެނޭނެއެވެ. ވަނަވަނައަށް ދާނީ އެއްވެސް ޑިވައިސްއަކާ ނުލައި ބައިވެރިވާ މީހުންނެވެ.

މި މުބާރާތުގައި ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ކޮންމެ ފެތުންތެރިއަކު ވެސް ޕާސަނަލް ސްވިމް ބޯއީއެއް އަޅަންޖެހޭނެއެވެ. މި ސްވިމް ބޯއީ ސްވިމް މޯލްޑިވްސްއިން ލިބެން ހުންނާނެއެވެ.

މުބާރާތުގައި ބައިވެރިވެވޭނީ އޮންލައިންކޮށް ރަޖިސްޓަރީކޮށްގެންނެވެ.

މުބާރާތުގެ އަންހެން، ފިރިހެން ވަނަވަނައަށް އަންނަ މީހުންނަށް ފައިސާގެ އިނާމުތައް ހަމަޖެހިފައިވެއެވެ.

މުބާރާތް އޮތީ ކ. މާފުށީގައި ހަފުތާ ބަންދުގައި ކަމަށްވާތީ، މުބާރާތުގައި ބައިވެރިވާ އެތުލީޓުންނާއި ބެލެނިވެރިންނަށް ޚާއްޞަކޮށް، ކާނި ޕާމް ބީޗް ހޮޓަލާއި ކާނި ގްރޭންޑުން އަގު ހެޔޮ ކޮޓަރި ޕެކޭޖުތަކެއްވެސް އިޢުލާންކޮށްފައިވެއެވެ. މި ޕެކޭޖުތައް ނަގާ މީހުންނަށް، ކާނި ހޮޓެލްސްގެ ސަމްޕާ ސްޕާއިން ހޯދާ ސްޕާގެ ޚިދުމަތްތަކުން 20 އިންސައްތައިގެ ޑިސްކައުންޓެއްވެސް ހަމަޖެހިފައިވެއެވެ.

މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 15އެވެ، މި މުބާރާތާބެހޭ އިތުރު މަޢުލޫމާތު، ސްވިމް މޯލްޑިވްސްގެ ވެބްސައިޓާއި، އިންސްޓްގްރާމް އާއި ފޭސްބުކް އެކައުންޓުން ލިބެން ހުންނާނެ ކަމަށް ސްވިމް މޯލްޑިވްސް އިން މައުލޫމާތުދެއެވެ.

comment ކޮމެންޓް