ރާއްޖޭގައި ކޮރަޕްޝަނުގެ މައްސަލަތައް ފުޅާވާ އެއް ސަބަބަކީ، އެއިރަކު އޮންނަ ސަރުކާރެއްގެ މައްސަލަތައް ނުބެލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް އާދަމް ޝާމިލް ގެންގުޅުއްވާ ސިޔާސަތުތައް ކަމަށް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެއެވެ.
ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ދައުލަތުގެ ކުންފުނި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ހުންނެވި އަހްމަދު ސައީދު މުހައްމަދުގެ މައްޗަށް ކޮރަޕްޝަނުގެ ކުށް ސާބިތުވެ، އޭނާ ހަތަރު އަހަރަށް ޖަލަށް ލާން އިއްޔެ ވަނީ ހުކުމްކޮށްފައެވެ.
އެ މައްސަލައާ ގުޅޭ ގޮތުން ޝަމީމް ލިޔުއްވި ބްލޮގް ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެއަކީ މުއްސަނދި، ތަނަވަސް، ވަސީލަތްތައް ގިނަ ގައުމެއް ކަމަށެވެ. ނަމަވެސް، ކޮރަޕްޝަނަށް ކަނޑާ ބައިގެ ސަބަބުން ފަގީރުވެފައިވާ، ނިކަމެތި ގައުމެއް ކަމަށެވެ.
އޭނާ ވިދާޅުވީ އިއްޔެ ސައީދުގެ މައްޗަށް ޖަލު ހުކުމް ކުރުމުން އެއީ ބޭރުފުށުން ބަލާއިރު، ކޮރަޕްޝަނަ ދެކޮޅަށް ކުރިއަށް އެޅުނު ފިޔަވަޅެއް ކަމަށް ފެންނަ ކަމަށެވެ. ނަމަވެސް، މައްސަލައިގެ ފުނަށް ފީނައި، އެ މައްސަލައިގައި ކަން ހިނގައިފައިވާ ގޮތަށް ބެލުމުން ފެންނަނީ އެހެން މަންޒަރެއް ކަމަށާއި އެއީ އޭސީސީގެ ނާގާބިލްކަމާއި ބަރުހެލިކަން ކަމަށް ޝަމީމް ވިދާޅުވިއެވެ.
އެއަށްފަހު ޝަމީމް ވަނީ ސައީދުގެ މައްސަލައިގެ ތަހުގީގު ކުރިއަށްގެންދިޔަ ގޮތް، ތާރީޚުތަކާއެކު ހިއްސާކުރައްވައިފައެވެ. އެއީ:
- ހާދިސާ ހިނގީ 2018 ވަނަ އަހަރާއި 2019 ވަނަ އަހަރު
- މައްސަލައިގައި ހިމެނޭ ސެޓްލްމަންޓް އެގްރީމެންޓުގައި ސޮއިކޮށްފައި އޮތީ އެޕްރިލް 25، 2019ގައި
- މައްސަލައިގައި ހިމެނޭ ކިތާބީ (ލިޔެކިޔުމުން ހުރި) ހެކިތަކުގައި ހުރީ 2017ގެ ހަތަރު އިޢުލާނަކާއި 2018ގެ ތިން ލިޔުމަކާއި 2019ގެ 10 ލިޔުމަކާއި މެއި 3، 2023 ގެ ތާރީޚެއް އޮތް ސިޓީއެއް
ޝަމީމް ވިދާޅުވީ، 2023ގެ ފަހުން ތަހުގީގަށް އެއްވެސް ލިޔުމެއް ހޯދާފައިވާކަމެއް އެނގޭކަށް ނެތް ކަމަށެވެ.
އެހެންވުމުން، 2023 ވަނަ އަހަރުގެ މެއި މަހު، ތަހުގީގަށް ބޭނުންވާ ހުރިހާ ލިޔުމެއް ހަމަވުމުންވެސް، އެމައްސަލަ ޕްރޮސިކިއުޝަނާ ހަމައަށް ފޮނުވަން އެއް އަހަރާއި ހަތް މަސްދުވަސް ނަގާފައިވާކަން އެނގެން އޮތްކަން އޭނާ ފާހަގަކުރެއްވިއެވެ.
"2023 ގައި އެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވިނަމަ، ޕީޖީ އޮފީހަށް ގާނޫނުން ލިބިދޭ 15 ދުވަސް ތެރޭގައި އެމައްސަލައިގައި ދަޢުވާ އުފުލުމުން، 2023 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އެމައްސަލަ އޮތީހީ ކޯޓަށް ހުށަހެޅިފައެވެ." ޝަމީމް ވިދާޅުވިއެވެ.

ކުރީގެ ޕީޖީ، ޝަމީމް: ކޮރަޕްޝަން ހުއްޓުވުމަށް، އޭސީސީއިން މައްސަލަ ނިންމަން މުއްދަތެއް ކަނޑައަޅަން ޖެހޭ ކަމަށް ވިދާޅުވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އެ މައްސަލައިގެ ތަހުގީގު އޭސީސީން ފެށީ އެމްޑީޕީގެ ވެރިކަމުގައި ކަމަށާއި، ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލުމުން، އެ މައްސަލައިގައި ހޯދަންޖެހޭ ހެކިންގެ ހެކިބަސްތައްވެސް އެމްޑީޕީ ވެރިކަމުގައި، އޭރުވެސް ލިބެންހުރިކަން އެނގޭކަން އޭނާ ފާހަގަކުރެއްވިއެވެ.
އެހެންނަމަވެސް، އެ މައްސަލަ ދަޢުވާކުރުމަށްޓަކައި ޕީޖީ އޮފީހަށް ފޮނުއްވުނީ، އެމްޑީޕީގެ ވެރިކަން ނިމި، މިހާރު މި އޮތް ސަރުކާރުގެ ވެރިކަމަށްވެސް އަހަރެއްހައި ދުވަސްވީ ފަހުންކަން ޝަމީމް ފާހަގަކުރެއްވިއެވެ. އެއީ މިދިޔަ އަހަރުގެ ޑިސެމްބަރު 24ގައެވެ.
"މީގެ އިތުރުން، އަހްމަދު ސަޢީދުގެ މައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލުމުން، އޭސީސީގެ ތަހްގީގުގެ މިސްރާބުގައި ނުކިއްސަރުކަމެއް ހުރިކަން ސާފުވެއެވެ. މުޅި މައްސަލައިގެ ވަށައިގެންވާ ކަންކަން ބެލުމުގެ ބަދަލުގައި އޭސީސީއިން ބެލީ އެމްޑީޕީ ވެރިކަމުގައި ހިނގި ބައި ނިންމައި، އެމްޑީޕީ ވެރިކަން ނިމުމުން، އެމައްސަލަ ދައުވާ ކުރަން ފޮނުވާށެވެ." ޝަމީމް ލިޔުއްވާފައިވެއެވެ.
"އެއްވެސް ވެރިކަމެއްގެ ތެރޭގައި، އެ ވެރިކަމެއްގައި ހިނގާ މައްސަލައެއް ނުބެލުމުގެ ސިޔާސަތަކީ، އޭސީސީގެ މިދައުރުގެ ރައީސް ޚާއްސަ ސަމާލުކަމެއް ދެއްވާ ސިޔާސަތެކެވެ."
އޭނާ ވިދާޅުވީ، ކުރީ ސަރުކާރާބެހޭ ގޮތުން ޢަމަލުކުރި ގޮތަށް، މިއަދުގެ ސަރުކާރާބެހޭ ގޮތުން ހުށަހެޅޭ މައްސަލަތަކުގައިވެސް އޭސީސީއިން ޢަމަލުކުރަނީ ހަމަ އެ އުސޫލުން ކަމަށެވެ. ނަމަވެސް އެއީއީ، އޭސީސީ މަސައްކަތްކުރަންޖެހޭކަމަށް ގާނޫނީ ނިޒާމު ތަސައްވަރުކޮށްފައިވާ ހަމައެއް ނޫން ކަމަށް ޝަމީމް ވިދާޅުވިއެވެ.
މިވަގުތު ފެންނަ މަންޒަރަކީ، ކޮރަޕްޝަންގެ މައްސަލަތައް އިތުރަށް ފުޅާވެ ކުރިއަރައިގެންދަނީ އޭސީސީގެ މަސައްކަތްތައް ބަރުހެލިކަމުންނާއި، ކޮމިޝަންގެ ރައީސް ޝާމިލްގެ ސިޔާސަތުތަކުގެ ސަބަބުން ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
އެ މައްސަލައިގެ ހައްލެއްގެ ގޮތުގައި ޝަމީމް ފާހަގަކުރެއްވީ ފުލުހުންނަށް ތަހުގީގު ނިންމަން މުއްދަތު ދީފައި އޮންނަ ގޮތަށް، އޭސީސީއަށް ވެސް މައްސަލަތައް ނިންމަން މުއްދަތެއް ގާނޫނުން ކަނޑައެޅުމެވެ.
"ކޮރަޕްޝަންގެ މައްސަލަތައް އަވަސްކުރަން ކުރަންވީ ކަމަކީ، މައްސަލަ ނިންމަންޖެހޭ މުއްދަތެއް ގާނޫނުގައި ލިޔަންވީއެވެ. އޭސީސީއަށާއި، ޕީޖީ އޮފީހަށާއި ކޯޓަށްވެސް މެއެވެ. މިއީ، މިހާރުވެސް ފުލުހުން ކާމިޔާބުކަމާއެކު ތަންފީޒުކުރަމުން އަންނަ ނިޒާމެކެވެ." އޭނާ ލިޔުއްވާފައިވެއެވެ.
އޭސީސީ ހިންގަން ދައުލަތުން ކުރަނީ ބޮޑު ހޭދައެކެވެ. އެގޮތުން 2023 ވަނަ އަހަރު އެ ކޮމިޝަނަށް 50 މިލިއަން ރުފިޔާ ހޭދަ ކުރިއެވެ. މިދިޔަ 2024 ވަނަ އަހަރު 47 މިލިއަން ޚަރަދު ކުރިއިރު މިއަހަރަށް 50 މިލިއަން ރުފިޔާގެ ބަޖެޓެއް އޮތީ ދީފައެވެ. އެ ބަޖެޓް ބޮޑުކޮށްދޭން އެދުމުން އިތުރުން 10 މިލިއަން ރުފިޔާ ދީފިއެވެ.
އޭސީސީއަކީ ނަތީޖާ ނުނެރެވޭ ތަނެއްގެ ހެއްކަކަށް ހަމަ އެންމެ މިސާލަކުން ފުދެއެވެ. އެއީ އެ މުއައްސަސާ ހިންގަން 50 މިލިއަން ރުފިޔާ ހޭދަ ކުރި 2023 ވަނަ އަހަރު ދައުލަތަށް އަނބުރާ ހޯދަން އެ ކޮމިޝަނުން އެންގި 50،370،521 މިލިއަން ރުފިޔާގެ ތެރެއިން އެ އަހަރު ހޯދުނީ އެންމެ 234,531 ރުފިޔާ ކަމަށް ހަމަ އޭސީސީން ބުނާތީއެވެ.
ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އިން 2014 ވަނަ އަހަރު ހެދި އެސެސްމަންޓެއްގައި އޭސީސީއަށް މާލީ މިނިވަންކަން ނެތްކަން ފާހަގަކޮށްފައިވާއިރު، އެ އިދާރާގެ ބަޖެޓް ކޮންޓްރޯލްކުރަނީ އެގްޒެކެޓިވް ބްރާންޗުން ކަމަށް ބުނެފައިވެއެވެ. މި ބަރޯސާވުމުގެ ސަބަބުން އޭސީސީއަށް ސިޔާސީ ނުފޫޒުފޯރުވުމުގެ ފުރުސަތު ބޮޑުވެ، އޭސީސީގެ އިންސާފުވެރިކަމަށް ބުރޫ އަރާނެ ކަމަށް އެ ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.