ސައީދު ގާނޫނީ ލަފާ ހޯދި، އަމަލުކުރީ ގާނޫނާ އެއްގޮތަށް: އެމްޑީޕީ

ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ސައީދު: ކޮރަޕްޝަންގެ ދައުވާ ސާބިތުވެ، ސައީދު ވަނީ ހަތަރު އަހަރަށް ޖަލަށްލާފައި، ނަމަވެސް އެމްޑީޕީން ބުނަނީ ސައީދު އަމަލުކުރީ ގާނޫނާ އެއްގޮތަށް ކަމަށް --

ކޮރަޕްޝަންގެ ކުށް ސާބިތުވެ، ހަތަރު އަހަރަށް އިއްޔެ ޖަލަށް ލާފައިވާ ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދު އަމަލުކުރީ ގާނޫނާ އެއްގޮތަށް ކަމަށް، އިދިކޮޅު މައި ޕާޓީ އެމްޑީޕީން މިއަދު ބުނެފިއެވެ.

މިދިޔަ ސަރުކާރުގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި ސައީދުގެ މައްޗަށް އިއްޔެ ހުކުމް އިއްވީ، އެއްވެސް މަސައްކަތެއް ނުކުރަނީސް، ބްލޭޒަން އިންކް ނަމަކަށް ކިޔާ ކުންފުންޏަކާ އެކު ސެޓްލްމަންޓް އެއްބަސްވުމެއް ހަދައި ފައިސާ ދޫކުރި މައްސަލައިގައެވެ. މި މައްސަލައިގައި ސައީދަށް ކުރީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ.

https://sun.mv/211939

ސައީދުގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެފައިވަނީ އޮޑިޓާ ޖެނެރަލްގެ އޮފީހުން ފެނަކައާ ގުޅޭ ގޮތުން އެކުލަވައިލި ޚާއްސަ އޮޑިޓް ރިޕޯޓާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުމާއި ނުރުހުން އޭނާއަށް އަމާޒުވެފައި އޮއްވައެވެ.

އެހެންވެ, މިއަދު އެމްޑީޕީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ގާނޫނީ ޓީމުގެ ފަރާތުން މައުލޫމާތު ދެއްވަމުން ވަކީލު އަހްމަދު މައުރޫފް ވިދާޅުވީ، މި ފެށޭ އޮކްޓޫބަރު މަހުގެ ތިންވަނަ ދުވަހު އެ ޕާޓީގެ ފަރާތުން "ލޫޓުވައިފި"ގެ ނަމުގައި އެއްވުމެއް ބާއްވާނެކަން އިއުލާނުކުރި ހިސާބުން ފެށިގެން، އެ އެއްވުމަށް ސަރުކާރުގެ ފަރާތުން ހުރަސް އަޅަމުންދާ ކަމަށެވެ.

ރައީސް އޮފީހުގެ ލީގަލް ޑިޕާޓްމަންޓްގައި މިދިޔަ ސަރުކާރުގައި މަސައްކަތްކުރެއްވި މައުރޫފް ވިދާޅުވީ، ސައީދުގެ މައްސަލައިގެ ޝަރީއަތް ދިޔައީ ދެ ދުވަހުން އެއް ދުވަހު ކަހަލަ ގޮތަކަށް ކަމަށާއި، އެ ޝަރީއަތް ކުރިއަށް ގެންދިޔައިރު ކްރިމިނަލް ކޯޓުގައި ބައިވަރު މައްސަލަ ފުނިޖެހިފައި އެބައޮތް ކަމަށެވެ. މިފަދަ އެތައް މައްސަލައެއްގައި ދައުވާކުރަން ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހަށް ފޮނުވާފައި އޮތްއިރު، ކުރިއަށް ނުދާ އެތައް މައްސަލައެއް އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

"މުޅި މައްސަލައަކީ ސެޓްލްމެންޓް އެގްރީމެންޓެއްގައި ސައީދު މެނޭޖިން ޑިރެކްޓަރު ކަމުގައި ހުންނަވައިގެން ސޮއިކުރިކުރުމަކީ ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ނިޔަތުގަ ކުރެއްވި ކަމެއް ކަމަށް ބުނެ ދައުލަތުން ކުރި ދައުވާއެއް. މި މައްސަލައިގައި އެކަމުގައި ކަން ހިނގާފައިވާ ގޮތަކީ ސައީދު އެ މަގާމާ ހަވާލުވުމުގެ މާ ކުރިން ސޮއިކޮށްފައި އޮތް އެއްބަސްވުމެއް ބަޔަކާ ރިޓެއިނާ ބޭސިސްގައި މަސައްކަތް ހަވާލުކުރަންދެން،" އޭނާ ވިދާޅުވިއެވެ.

އެގޮތުން ސައީދު މަގާމާ ހަވާލުވި ފަހުން ވެސް ބްލޭޒަން ކުންފުނިން ދިޔައީ އެ ކުންފުންޏަށް ފައިސާ ނުދޭ މައްސަލައިގައި ޝަކުވާކުރަމުން ކަމަށް މައުރޫފް ވިދާޅުވިއެވެ.

އެމްޑީޕީގެ ލީގަލް ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަކީލު މައުރޫފް މައުލޫމާތު ދެއްވަނީ --- ސަން ފޮޓޯ: މާނިއު މުހައްމަދު

ރިޓެއިނާ ބޭސިސްގައި ހަވާލުކުރާ މަސައްކަތްތަކަކީ އެ މަސައްކަތެއް ހަވާލުކުރެވޭ ކުންފުންޏަކުން މަސައްކަތް ކުރިއަސް ނުކުރިއަސް މަހުން މަހަށް އަގު ދޭން ޖެހޭ ގޮތަށް ވެވޭ އެއްބަސްވުމެއްގެ ގޮތުގައި ފާހަގަކުރައްވައި މައުރޫފް ވިދާޅުވި ގޮތުގައި ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކުރީ އެފަދަ މައްސަލައެއްގައެވެ.

"ދެން މިހެން ހިނގާފައި އޮތް ކަމެއްގައި ސައީދު މި މަގާމާ ހަވާލުވުމަށް ފަހުގައި އަޅުގަނޑުމެންނަށް މި މައުލޫމާތު ލިބެނީ އެގޮތަށް ވަކި ގޮތެއް ނުނިމި ހުރި ގިނަ މައްސަލަތަކުގައި ގޮތެއް ނިންމައި އެކަންކަން ނިމުމަކަށް ގެނައުމަށްޓަކައި މަޝްވަރާކުރެވުނު ކުންފުނީގެ އެކިއެކި ޑިޕާޓްމަންޓްތަކުގެ ލެވެލްގައި. ޚާއްސަކޮށް ލީގަލް ޑިޕާޓްމަންޓްގެ ލަފާވެސް ހޯދައިގެން،" އޭނާ ވިދާޅުވިއެވެ.

ދެން އެގޮތަށް ހިނގާފައި އޮތް ކަމެއްގައި އެ ފަރާތުން ގެއްލުމުގެ ބަދަލު ހޯދުމަށްޓަކައި ނުވަތަ ބޮޑު ކްލެއިމެއް ކުރާނެކަން ކުންފުންޏަށް އަންގާފައި އޮތުމުން އެކަމާމެދު ގޮތެއް ނިންމުމަށްޓަކައި އަޅުގަނޑުމެންނަށް މި ފާހަގަކުރެވެނީ ސައީދު އަމަލުކުރައްވާފައި މި އޮތީ ގާނޫނާ އެއްގޮތަށް. އަދި ޒިންމާދާރުކަމާއެކު އެ މަގާމުގައި ހުންނަވާ ބޭފުޅަކު އެ ވަގުތު އަމަލުކުރައްވަން ޖެހިވަޑައިގަންނަވާ ގޮތަށް ކަމަށް އަޅުގަނޑުމެންނަށް މި ފާހަގަކުރެވެނީ،އަހްމަދު މައުރޫފް، އެމްޑީޕީގެ ގާނޫނީ ޓީމުގެ މެންބަރު

މައުރޫފް ވިދާޅުވީ، މި މައްސަލައިގައި އިތުރަށް ކުރިއަށް ދިއުމުގެ ކުރިން ފެނަކައިގެ ލީގަލް ޑިޕާޓްމަންޓުން ސައީދު ލަފައެއް ހޯއްދެވި ކަމަށާއި އެ ލަފާގައި ބްލޭޒަން ކުންފުނިން ގެއްލުމުގެ ބަދަލު ހޯދަން ދައުވާކޮށްފިއްޔާ ފެނަކައިން ބޮޑު އަދަދެއް ދައްކަން ޖެހޭނެ ކަމަށް ފެނަކައިގެ ލީގަލް ޑިޕާޓްމަންޓުން ބުނި ކަމަށެވެ.

އެހެންކަމުން ފެނަކައަށް ފައިދާވާނީ ސެޓްލްމަންޓް އެގްރީމެންޓަކާ އެކީ ކުރިއަށް ދިއުމުން ކަމަށް އެ ކުންފުނީގެ ލީގަލް ޑިޕާޓްމަންޓުން ލަފާދިން ކަމަށް ވެސް މައުރޫފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ބްލޭޒަން ކުންފުނިން ފެނަކައާ އެކީ ސެޓްލްމަންޓް އެގްރީމެންޓެއްގައި ސޮއިކުރީ އެ ކުންފުނިން ފެނަކައަށް ދައުވާކުރާނެ ކަމަށް ބުނި އަދަދު ކުޑަކުރުމަށް ފަހު، އިތުރު 17 މަސް ދުވަހު އެ ކުންފުނިން ފެނަކައަށް މަސައްކަތްކޮށްދޭ ގޮތަށެވެ.

އެހެންވެ، މައުރޫފް ވިދާޅުވީ މި މައްސަލައިގައި ކަން ހިނގިގޮތަށް ބަލާއިރު މިއީ ސައީދުގެ ސީދާ ނިންމެވުމެއް ނޫންކަން ސާފުވާން އެބައޮތް ކަމަށެވެ.

އެމްޑީޕީން ގަބޫލުކޮށްގެން ތިބީ، ކަން ހިނގިގޮތަށް ބަލާއިރު މި މައްސަލައަކީ މާ ބޮޑު ބުރަދަނެއް ނެތް މައްސަލައެއް ކަމަށް ދެކި، ސައީދުގެ މައްޗަށް ކޮށްފައިވާ ދައުވާ ސާބިތުނުވާނެ ކަން ދެކިގެން ކަމަށާއި، ނަމަވެސް ފެނުނީ ކްރިމިނަލް ކޯޓުން އެއަށްވުރެ ބޮޑު ހުކުމެއް ކުރި މަންޒަރު ކަމަށް މައުރޫފް ވިދާޅުވިއެވެ.

comment ކޮމެންޓް