ރާއްޖޭގެ ބެޑްމިންޓަން ކުޅުންތެރިންނަށް ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކުރުމުގެ ހުއްދަ މި އަހަރުގެ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ދިނުމަށް ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް)އިން ނިންމައިފިއެވެ.
ބީޑަބްލިއުއެފްގެ މި ނިންމުމަކީ އަންނަ މަހު ބަހްރެއިންގައި ބާއްވާ އޭޝިއަން ޔޫތު ގޭމްސްއަށް ހޮވޭ ގައުމީ ކުޅުންތެރިން ހިމެނޭގޮތަށް، ގައުމީ ކުޅުންތެރިންނަށް އެންމެ މަތީ ފެންވަރުގައި ވާދަކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ނިންމި ނިންމުމެކެވެ.
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)އާ ހަވާލާދީ ހުކުރު ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި މިއީ އިސްލާހުކޮށްފައިވާ އަސާސީ ގަވާއިދެއް އެކުލަވާލުމާއި އެކްސްޓްރާއޮޑިނަރީ ޖެނެރަލް ކޮންގްރެސްއާއި އިލެކްޓޯރަލް ކޮންގްރެސް ވެސް ޝެޑިއުލްކުރުން ހިމެނޭ ގޮތަށް ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެތެރޭގެ ހާލަތު ރަނގަޅުކުރަން އިސްލާހުކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން ނިންމި ނިންމުމެކެވެ.
"ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަނުން މި ނިންމުމަކީ ބައިނަލްއަގުވާމީ މައިދާނުގައި ފަޚުރުވެރިކަމާ އެކު ރާއްޖެ ތަމުސީލުކުރުމަށް ވަރުބަލިކަމެއް ނެތި މަސައްކަތްކުރި އަޅުގަނޑުމެންގެ އެތުލީޓުންނަށް ލިބުނު މުހިންމު ފިޔަވަޅެއް،" އެމްއޯސީގެ ބަޔާނުގައިވެއެވެ.
ދުނިޔޭގެ ބެޑްމިންޓަނުގެ މައި އިދާރާ ކަމަށްވާ ބީޑަބްލިއުއެފްއިން ރާއްޖެ ސަސްޕެންޑުކުރީ މެއި 20، 2025 ގައެވެ.
އޭގެ ފަހުން އެސޯސިއޭޝަން އިސްލާހުކުރުމަށް ވޯކިން ގްރޫޕެއް ވަނީ އުފައްދާފައެވެ. ކުރީގެ އެގްޒެކެޓިވް ދައުރު 11 މާރިޗު 2024 އަށް ހަމަވިއިރު، ސްޕޯޓްސް ކޮމިޝަނަރާއި އެންޓި ކޮރަޕްޝަން ކޮމިޝަންގެ އަމުރަށް އިންތިޚާބުތައް ހުއްޓާލިއެވެ. އެ ޖަމިއްޔާއިން މިހާރު ތައްޔާރުވަމުން އަންނަނީ އޮކްޓޯބަރު މަހު ކޮންގްރެސްއެއް ބާއްވައި، އެ ޖަމިއްޔާގެ އަސާސީ ގަވާއިދަށް އިސްލާހު ގެނައުމަށް ފަހު ނޮވެންބަރު މަހު އާންމު އިންތިޚާބެއް ބޭއްވުމަށެވެ.
މި އިސްތިސްނާގެ ސަބަބުން މި އިންޓަރިމް މުއްދަތުގައި ބައިނަލްއަގުވާމީ ފެންވަރުގެ އިވެންޓްތަކުގައި ވާދަކުރުމުގައި ދިވެހި އެތުލީޓުންނަށް އެއްވެސް ހުރަހެއް ކުރިމަތިނުވާނެއެވެ.