ކައްދޫގައި މީހަކު މަރުވި އެކްސިޑެންޓާ ގުޅިގެން ދައުވާ ކުރަން ފޮނުވައިފި

ލ. ކައްދޫގައި ހިނގި އެކްސިޑެންޓްގައި އުމުރުން ދުވަސްވީ މީހާ މަރުވި މައްސަލައިގައި ހައްޔަރުކޮށް ބަންދުކުރި މުހައްމަދު ލައުސާން: އޭނާގެ މައްޗަށް ދައުވާކުރަން ވަނީ ފޮނުވައިފަ --- ފޮޓޯ: ފުލުހުން

ލ. ކައްދޫގައި ކަފިހިހުރަސް މަތިން ހުރަސްކުރަނިކޮށް ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވުމާ ގުޅިގެން ހައްޔަރުކުރި, މުހައްމަދު ނައުސާންގެ މައްޗަށް ދައުވާކުރަން ފުލުހުން ފޮނުވައިފިއެވެ.

ފުލުހުން ބުނީ، މި މައްސަލައިގެ ތަހްގީގު ނިންމައި ނައުސާންގެ މައްޗަށް ދައުވާކުރުމަށް އެދި ޕްރޮސެކިއުޓަރު ޖެނެރަލް އޮފީހަށް ފޮނުވީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށާއި، އެ އިދާރާއިން އިއްޔެ އެ މައްސަލަ ބަލައިގެންފައިވާ ކަމަށެވެ.

މި ހާދިސާ ހިނގީ މިދިޔަ އޮގަސްޓް މަހުގެ 15ވަނަ ދުވަހުގެރޭ ފޮނަދޫން ގަމަށް ދަތުރުކުރި ސައިކަލެއް ކައްދޫ އެއަޕޯޓަށް ދާން މަގު ހުރަސްކުރި ދެ މީހެއްގެ ގައިގައި ޖެހިގެންނެވެ. އެ ހާދިސާގައި ނައުސާނަށާއި އޭނާގެ ފަހަތުގައި އިން މީހާގެ އިތުރުން، މަގު ހުރަސްކުރި އުމުރުން 64 އަހަރުގެ އަންހެނަކާއި އޭނާގެ މާމަ ދަރިފުޅަށް ވަނީ އަނިޔާވެފައެވެ.

މި އެކްސިޑެންޓުގައި އަނިޔާވި 64 އަހަރުގެ މީހާއަށް ފަރުވާދެމުން ދަނިކޮށް ވަނީ މަރުވެފައެވެ.

މި މައްސަލައިގައި ނައުސާން ފުރަތަމަ ބަންދުކުރީ 15 ދުވަހުގެ މުއްދަތަކަށެވެ. ނަމަވެސް ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ހާޒިރުކުރުމުން، ފަހުން ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

ފުލުހުން ބުނީ، ޓްރެފިކްގެ ގަވައިދާ ޚިލާފުވެގެން ނައުސާން އެކިފަހަރުމަތިން ޖޫރިމަނާކުރި ކަމަށާއި، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޭނާގެ އަތުގައި ނޯންނަ ކަމަށެވެ.

comment ކޮމެންޓް