އޭޝިއާ ކަޕުގެ ޗެމްޕިއަންކަން ހޯދި އިންޑިއާ ޓީމުން ތަށި އުފުލަން ދެކޮޅު ހަދައި، އެ ބޮޑާކަންމަތީގައި މެންދަން ވަންދެން އުޅުމަށްފަހު އެނބުރި ގައުމަށް ދިއުމުން އެ ގައުމަށް ފާޑުކިޔުން އަމާޒުވެއްޖެއެވެ.
ފައިނަލުގައި ޕާކިސްތާނާ ވާދަކޮށް ފަސް ވިކެޓުން އިންޑިއާ މި މެޗު ކާމިޔާބުކުރުމަށްފަހު، އެ ގައުމުން މި ތަށި އުފުލާލަން ދެކޮޅު ހެދީ ޕާކިސްތާނަށް ނިސްބަތްވާ އޭޝިއަން ކްރިކެޓް ކައުންސިލްގެ ރައީސްގެ އަތްޕުޅުން އޭޝިޔާ ކަޕުގެ ތަށި އެ ގައުމަށް ދޭތީއެވެ. އޭނާއަކީ ޕާކިސްތާނުގެ އިންޓީރިއާ މިނިސްޓަރު ވެސް މެއެވެ.
މިކަމާ ގުޅޭގޮތުން މީޑިއާގައި ވާހަކަދައްކަމުން އިންޑިޔާގެ ކްރިކެޓް ބޯޑުގެ ސެކްރެޓަރީ ޑެވަޖިތު ސައިކިއާ ވަނީ އެކަން ދިފާއުކޮށްފައެވެ. އަދި އެއީ ކުޅުންތެރިންގެ އަމިއްލަ ނިންމުމެއްގެ ގޮތުގައި އޭނާ ސިފަކުރިއެވެ.
"ވަކިވަކި ކުޅުންތެރިންނަށް އެވޯޑު ލިބިގަތުމަށް ހުރަހެއް ނެތް، ނަމަވެސް އޭޝިއާ ކްރިކެޓް ކައުންސިލް ރައީސަކީ ޕާކިސްތާނުގެ ސިޔާސީ ލީޑަރެއް، އުންމީދަކީ ވީ އެންމެ އަވަހަކަށް ތަައްޓާއި މެޑަލް ޓީމަށް ލިބުން" ޑެވަޖިތު ވިދާޅުވިއެވެ.
އިންޑިއާއިން ތަށި އުފުލަން ބޮޑާހޭކުމާއެކު ރޭ ދުބާއި ގަޑިން 10:30 ހާއިރު ނިމުނު މެޗުގެ ރަސްމިއްޔާތު ބާއްވަން 12 ޖެހުމާ ހަމަޔަށް ދިގުލައިގެންދިޔަ އެވެ. އެންމެ ފަހުން ޖެހުނީ ޕާކިސްތާނަށް ރަނަރަޕް އިނާމާއި ވަކިވަކި ކުޅުންތެރިންނަށް އިނާމުދިނުމަށްފަހު ރަސްމިއްޔާތު ނިންމާލާށެވެ.

ޕާކިސްތާނަށް ރަނަރަޕްކަން ދެނީ، އިނާމުދިނީ ނަގްވީ---
އިންޑިޔާގެ ކެޕްޓަން ސުރްޔަކުމާރު ޔަދާވް ވަނީ މި ނޫން ގޮތެއް އޭނާގެ ޓީމަށް ހައްގު ކަމަށް ބުނެފައެވެ. އަދި އެއީ ކުޅުންތެރިންގެ ނިންމުމެއްކަމަށް ބުނެ އެކަން އޭނާވެސް ދިފާއުކުރިއެވެ.
މިއީ އިންޑިޔާއިން މި ތަށި ހޯދި ނުވަ ވަނަ ފަހަރެވެ. ނަމަވެސް މި ރަސްމިއްޔާތުގައި އިންޑިއާގެ ބޮޑާކަން ދެއްކުމާއި ގުޅިގެން ގިނަބަޔަކު ދަނީ އެ ގައުމަށް ފާޑުކިޔަމުންނެވެ. ގިނަ މީހުން ބުނާގޮތުން ވަކި ގައުމަކަށް ވަކި ގޮތެއް އޮންނާކަށް ނުޖެހެއެވެ.