ބައެއް މީހުން ޕާސްޕޯޓު ހެއްދުމަށްފަހު އެ ނުނަގާ ގިނަދުވަސް ވާތީ މި އަހަރު ނިމުމުގެ ކުރިން ނުނަގާ ހުރި ޕާސްޕޯޓުތައް ކެންސަލްކުރާނެކަމަށް، އިމިގްރޭޝަނުން މިއަދު ބުނެފިއެވެ.
އިމިގްރޭޝަނުން ބުނީ، ޕާސްޕޯޓު ހެއްދުމަށްފަހު، ޕާސްޕޯޓުގެ ވެރިފަރާތުން ގިނަ ދުވަސްތަކެއް ވަންދެން އެއާ ހަވާލުނުވާކަން އެ ޚިދުމަތަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
އެއާއެކު، އިމިގްރޭޝަނުން ވަނީ، ޕާސްޕޯޓު ހެއްދިތާ ހަ މަހަށް ވުރެ ގިނަ ދުވަސްވީ ފަރާތްތަކުން މިއަހަރު ނިމުމުގެ ކުރިން ޕާސްޕޯޓު ނެގުމަށް އިލްތިމާސްކޮށްފައެވެ. ނޫންނަމަ އެ ޕާސްޕޯޓުތައް ކެންސަލްކުރާނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
ޕާސްޕޯޓު ހައްދަން ނުވަތަ އާކުރަން ބޭނުންނަމަ، އިމިގްރޭޝަންގެ އިމުގާ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ހުށަހެޅޭނެއެވެ.
ހަމަ އެއާއެކު އެމަޖެންސީ ހާލަތްތަކުގައާއި އުމުރުން 65 އަހަރުން މަތީގެ މީހުންނަށް، އިމިގްރޭޝަނަށް ރަސްމީ ދުވަސްތަކުގައި ހެނދުނު 9:00 އިން މެންދުރު 2:00 ޖަހަންދެން ހާޒިރުވެ، ޕާސްޕޯޓަށް އެދި ހުށަހެޅުމާއި، އެ ވަގުތުތަކުގައި ޕާސްޕޯޓާ ހަވާލުވެވޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސައިފައެވެ.
އިމިގްރޭޝަންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އޮގަސްޓް މަހު 3،721 މީހަކު ޕާސްޕޯޓު ހައްދަން ހުށަހެޅިއިރު، 3،458 މީހަކަށް ޕާސްޕޯޓު ދޫކޮށްފައިވެއެވެ.
އެގޮތުން މެލޭޝިއާއިން 24 ޕާސްޕޯޓު، މާލެ ސަރަހައްދުން 2،619 ޕާސްޕޯޓު، އަދި އަތޮޅުތަކުން 815 ޕާސްޕޯޓު މިދިޔަ މަހު ދޫކުރިއެވެ.
މިދިޔަ މަހު 14 ޕާސްޕޯޓެއް ގެއްލިގެން ރިޕޯޓުކޮށްފައިވާ ކަމަށް ވެސް، އެ ތަފާސްހިސާބުތަކުގައި ވެއެވެ.