ރ. އަތޮޅުގެ ހަތަރުވަނަ ބީއެމްއެލް ބްރާންޗް އަލިފުށީގައި ހުޅުވަނީ

އަލިފުށީގައި ބީއެމްއެލުން ބިނާކުރާ ބްރާންޗްގެ ބިންގާ އަޅަނީ: މި ބްރާންޗްގެ މަސައްކަތް އަންނަ އަހަރު ނިމޭނެކަމަށް ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ ޝަރީފް ވިދާޅުވި --- ފޮޓޯ: ބީއެމްއެލް

ރ. އަލިފުށީގައި ބީއެމްއެލުން ބްރާންޗެއް ހުޅުވުމަށް ޓަކައި އޮފީސް އިމާރާތުގެ ބިންގާ މިއަދު އަޅައިފިއެވެ.

ބީއެމްއެލުން ބުނީ، މިއީ މުޅި ރ. އަތޮޅަށް ދެމުންދާ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އަލަށް ގާއިމްކުރުމަށް ހަމަޖެހިފައިވާ ބްރާންޗެއް ކަމަށެވެ.

މި ބްރާންޗްގެ ބިންގާ އަޅުއްވައިދެއްވީ ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފު އުމަރާއި ބީއެމްއެލްގެ ޗެއާޕާސަން އަހްމަދު ޢަލީ ހަބީބާއި ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފާއި އަލިފުށި ދާއިރާގެ މެންބަރު އަބްދުއްލަތީފް އަބްދުއްރަހްމާނެވެ.

ޝަރީފް ވިދާޅުވީ، މި ބްރާންޗްގެ މަސައްކަތް އަންނަ އަހަރުގެ ތެރޭ ނިންމާލެވޭނެ ކަމަށާއި، އެއާއެކު އަލިފުށީގެ ރައްޔިތުންނަށް ބޭންކިން ޚިދުމަތް ފަސޭހަކަމާއެކު ލިބޭނެ ކަމަށެވެ.

މިހާރު ވެސް ރ. އަތޮޅުގެ އުނގޫފާރާއި ދުވާފަރާއި މީދޫގައި ގާއިމްކޮށްފައިވާ ބްރާންޗްތައް މެދުވެރިކޮށް ކަސްޓަމަރުންނަށް ޚިދުމަތްދެމުން އަންނަ ކަމަށް، ބީއެމްއެލުން ބުންޏެވެ.

އެހެންކަމުން މިއީ އެ އަތޮޅުގައި ގާއިމްކުރާ ބީއެމްއެލްގެ ހަތަރުވަނަ ބްރާންޗެވެ.

އެ ބޭންކުން ބުނީ، މިހާރު ވެސް އައްޑުއާއި ފުވައްމުލަކާއި އަދި 18 އަތޮޅެއްގައި 42 ބްރާންޗާއި 179 ސެލްފް ސާވިސް ސެންޓަރަކާއި 237 އޭޓީއެމަކުން ބޭންކުގެ ޚިދުމަތްތައް ލިބޭނެ ކަމަށެވެ.

ފާހަގަކުރެވޭ ގޮތުގައި މިދިޔަ ހަފުތާގައި މެދު ދެކުނުގެ ހަތަރު އަަތޮޅަކަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ގިނަ ރަށްރަށުގައި އޭޓީއެމް ހުޅުވައިދެއްވައިފައެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފެށުމަކީ ރައީސްގެ ވައުދެކެވެ. އެ ވައުދުގެ ދަށުން، ހުރިހާ ރަށެއްގައި އޭޓީއެމް ހުޅުވުމަށް ޚާއްސަ މަޝްރޫއެއް، ރަޢީސްގެ އިސްނެންގެވުމުގެ ދަށުން ބީއެމްއެލުން ފެށީ މިދިޔަ ނޮވެންބަރު މަހުގައެވެ.

comment ކޮމެންޓް