ހުޅުމާލެއަށް އާންމުން ގެންނަން ބޭނުންވާ ބަދަލުތައް ހުށަހަޅަން އެދެފި

ހުޅުމާލެ ދެވަނަ ފިޔަވަހި ގުޅުވައިދޭ ބްރިޖު ދަށުގައި އޮންނަ ޗެނަލް: ހުޅުމާލޭގެ މާސްޓާޕްލޭން އެކުލަވާލުމަށް އެޗްޑީސީން އާންމުންގެ ޚިޔާލު ހޯދުމަށް ފޯރަމެއް ބާއްވަން މަސައްކަތްކުރަނީ -- ފޮޓޯ: އެޗްޑީސީ

ހުޅުމާލެއަށް ގެންނަން ބޭނުންވާ ބަދަލުތައް ހިއްސާކޮށް، ހުޅުމާލޭގެ މާސްޓާޕްލޭނަށް އާންމުންގެ ޚިޔާލު ހޯދުމަށް ފޯރަމެއް ބާއްވަން، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ނިންމައިފިއެވެ.

ހުޅުމާލޭގެ ކަންކަން ބަލަހައްޓާ އެޗްޑީސީން ބުނީ، ހުޅުމާލޭގެ އިޖުތިމާއީ ކަންކަމާއި ދަތުރުފަތުރުގެ ކަންކަން ބައްޓަންކުރާނެ ގޮތާއި ހުޅުމާލެ ފެހިކުރުމާ ގުޅޭ މާސްޓާޕްލޭނަށް އާންމުންގެ ޚިޔާލު ހޯދުމަށްޓަކައި "ޚިޔާލުން ހުޅުމާލެ"ގެ ނަމުގައި ފޯރަމެއް ބާއްވަން ނިންމާފައިވާ ކަމަށެވެ.

އެޗްޑީސީން ބުނިގޮތުގައި، މި ފޯރަމްގެ މަގްސަދަކީ ހުޅުމާލޭގެ ތަރައްގީގައި ހުޅުމާލޭގައި ދިރިއުޅޭ މީހުންގެ ބައިވެރިވުން އިތުރުކޮށް، އާންމުންގެ ޚިޔާލާ އެއްގޮތަށް މާސްޓާޕްލޭން ބައްޓަންކުރުމެވެ.

މި ފޯރަމް އޮންނާނީ މި ފެށޭ އޮކްޓޯބަރު މަހުގެ 13ވަނަ ދުވަހުން ފެށިގެން 15ވަނަ ދުވަހުގެ ނިޔަލަށް ކަމަށް އެ ކޯޕަރޭޝަނުން މައުލޫމާތުދެއެވެ.

އޮންލައިންކޮށް ރަޖިސްޓްރީވުމަށް މިހާރު ހުޅުވާލާފައިވާ ކަމަށާއި، ރަޖިސްޓްރީވުމުގެ ސުންގަޑިއަކީ އަންނަ މަހުގެ ހަތްވަނަ ދުވަސް ކަމަށް، އެޗްޑީސީން ބުންޏެވެ.

މިއީ މިދިޔަ މޭ މަހުގެ 27ވަނަ ދުވަހު އެޗްޑީސީން އިފްތިތާހުކުރި މާސްޓާޕްލޭނެވެ. މީގެ ކުރިން ވެސް މި މާސްޓާޕްލޭނަށް އާންމުންގެ ޚިޔާލު ހޯދަން، މޭ މަހުގެ 28އިން ޖޫން މަހުގެ 16އަށް އެޗްޑީސީން ހުޅުވާލިއެވެ.

https://sun.mv/206616

އެކަމާ ގުޅިގެން އެޗްޑީސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މައުރޫފް ޖަމީލް ވިދާޅުވީ، އެ ޕްލޭނަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ގިނަ ފަސޭހަތައް ހޯދައިދިނުމަށް އިތުރު ވަސީލަތްތަކާ އެކު ހުޅުމާލެ ތަރައްގީކުރުމަށް ކުރެވޭ މަސައްކަތުގެ މުހިންމު ބައެއް ކަމަށެވެ.

މި މާސްޓާޕްލޭންގައި ހުޅުމާލޭގެ ބަނދަރުގެ ގޮތުގައި މިހާރު ބޭނުންކުރާ 36 ހެކްޓަރުން 53 ހެކްޓަރަށް ބޮޑުކުރުމަށް ކަނޑައަޅާފައިވެއެވެ. އަދި ބަނދަރު ބޮޑުކުރާއިރު އެތަނުގައި ޒަމާނީ، ބޮޑު ފެރީ ޓާމިނަލެއް ގާއިމުކުރުމަށް ވެސް ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން، ސްކޫލްތަކާއި، މިސްކިތްތަކާއި، އޮފީސް އިމާރާތްތަކާއި، އެ ނޫން ވެސް ޚިދުމަތްތަކަށް ޚާއްސަ ބިންތައް ވަނީ ކަނޑައަޅާފައެވެ.

އެޗްޑީސީން ބުނި ގޮތުގައި ހުޅުމާލޭގެ ކުރީގެ މާސްޓާޕްލޭންގައި އިނީ 131،000 ވަޒީފާ ހިމަނައިފައެވެ. ނަމަވެސް، މިހާރު ގެނެވުނު ބަދަލާ އެކު 93،000 ވަޒީފާ އިތުރުކޮށް ވަޒީފާގެ ފުރުސަތުތައް ވަނީ 224،000 އަށް އިތުރުކޮށްފައި ކަމަށް އެޗްޑީސީން ބުންޏެވެ.

comment ކޮމެންޓް