ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝުކޫރުގެ މައްޗަށް ކުރާ ދައުވާތަކުގެ އަޑު އެހުމެއް މިއަދު ކުރިއަށް ގެންދިޔުމަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.
ކޯޓުގައި މިހާރު ހަ އަހަރުވެފައިވާ މި މައްސަލަތަކަކީ ދައުލަތުގެ މުއައްސަސާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާއާއި މަނީ ލޯންޑަރިންނަށް މަގުފަހި ކޮށްދިނުމުގެ ދައުވާއެކެވެ. ދެހާސް ނަވާރަ ވަނަ އަހަރު ހުށަހެޅުނު މި ދެ މައްސަލައަކީ، ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް މަނީ ލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތުވި މައްސަލައާ ގުޅިގެންނެވެ. ނަމަވެސް ދަށު ކޯޓުން ޔާމީނަށް ކުރި ހުކުމް ސުޕްރީމް ކޯޓުން ވަނީ ބާތިލްކޮށްފައެވެ.
އާޒިމާގެ މައްސަލަ ސެޑިއުލް ކޮށްފައި ވަނީ މިއަދު ހެނދުނު 9:00 ޖަހާއިރަށެވެ.
އާޒިމާގެ މައްޗަށް އުފުލާފައިވާ މި ދައުވާތައް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށް އެދި އޭނާ ހައިކޯޓަށާއި ސުޕްރީމް ކޯޓަށް ކުރިން މައްސަލަ ހުށަހެޅިއެވެ. ނަމަވެސް ދެ ކޯޓުންވެސް ނިންމާފައިވަނީ އެ ދައުވާތައް ބާތިލް ކުރަން ޖެހޭ ގާނޫނީ އަސާސެއް ނެތް ކަމަށެވެ.
އާޒިމާގެ މައްޗަށް ދައުލަތުގެ މުއައްސަސާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ ކުރަނީ ރައީސް ޔާމީންގެ މައްޗަށް ކުރި މަނީލޯޑަރިންގެ ދައުވާ އާ ގުޅިގެން، އެންޓި ކޮރަޕްޝަންސް ކޮމިޝަން (އޭސީސީ) އަށް ދޮގު މައުލޫމަތު ދިން ކަމަށް ބުނެއެވެ.
މަނީ ލޯންޑްރިންއަށް މަގުފަހިކޮށް ދިނުމުގެ ދައުވާ އާޒިމާގެ މައްޗަށް ދައުލަތުން އުފުލީ އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ ރައީސް ޔާމީންގެ އެކައުންޓަށް އެސްއޯއެފުން ޖަމާކުރި އެއް މިލިއަން ޑޮލަރު އެސްކްރޯ އެކައުންޓެއްގައި ބަހައްޓަން އޭސީސީއާ އެކު އެއްބަސްވެވަޑައިގަތުމަށްފަހު އެއާ ޚިލާފަށް އަމަލުކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައެވެ.
އާޒިމާގެ މައްޗަށް ދައުލަތުން ދައުވާ އުފުލައިފައި ވަނީ 2019 ވަނަ އަހަރުގެ ފެބްރުއަރީ 17 ވަނަ ދުވަހުއެވެ.