ހުޅުމާލޭގެ އައު ސްޕީޑު ބްރޭކަރުތަކަށް ފާޑުކިޔުން: ''މަޑުން ދުއްވިޔަސް، މުޅި އުޅަނދަށް ލޮޅުންއަރާ''

ހުޅުމާލޭގައި ހަދާ އައު ސްޕީޑު ބްރޭކަރުތައް: އެ ބްރޭކަރުތައް ކަމުނުދާ ކަމަށް ބުނެ އަންނަނީ ފާޑުކިޔަމުން ---- ފޮޓޯ/ އެޗްޑީސީ

ހުޅުމާލޭގެ މަގުތަކުގައި ދުއްވާ އުޅަނދުތަކުގެ ސްޕީޑް ކޮންޓްރޯލް ކުރުމަށް ޓަކައި، އެ ސިޓީ ބަލަހައްޓާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން މިހާރު ހަރުކުރަމުން އަންނަ ކުދި ސްޕީޑް ބްރޭކަރުތަކަށް ފާޑުކިޔުން އަމާޒުވެއްޖެއެވެ.

އެޗްޑީސީން އެކްސްގައި ހިއްސާކުރި ޕޯސްޓްތަކެއްގައިވަނީ، ހުޅުމާލޭގެ މަގުތަކަކީ ރައްކާތެރި ތަނަކަށް ހެދުމަށް ޓަކައި ކުރަމުންދާ އެކި މަސައްކަތްތަކުގެ ތެރެއިން, އެކި ސަރަހައްދުތަކުގައި ސްޕީޑް ބްރޭކަރު ހަރުކުރަމުން އަންނަ ކަމަށެވެ.

އެ ކޯޕަރޭޝަނުން މިއަދު ބުނި ގޮތުގައި، އެހާތަނަށް އެކި ސަރަހައްދުތަކުގައި 36 ސްޕީޑް ބްރޭކަރު ހަރުކޮށްފައިވެއެވެ.

އެއީ މީހުންގެ ރައްކާތެރިކަމަށް އަޅާ ފިޔަވަޅެއް ކަމަށް އެޗްޑީސީން ބުނި ނަމަވެސް، އެ ކޯޕަރޭޝަންގެ ޕޯސްޓުތަކަށް ކޮމެންޓް ކުރި ގިނަ ބަޔަކު ވަނީ ބްރޭކަރުތަކާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށްފައެވެ.

ހުޅުމާލޭގެ މަގެއްގައި ސްޕީޑު ބްރޭކަރު ހަރުކުރަނީ: އެބްރޭކަރުތައް ކަމުނުދާ ކަމަށް ބުނެ ސޯޝަލްމީޑިއާގައި އަންނަނީ ފާޑުކިޔަމުން ---- ފޮޓޯ/ އެޗްޑީސީ

ކޮމެންޓް ކުރި މީހަކު ލިޔެފައިވާ ގޮތުގައި، އެ ސްޕީޑު ބްރޭކަރަށް އަރަން 'ހެޔޮނުވާނެ'އެވެ. އެއީ ބްރޭކަރުން ކޮންމެ ފަހަރަކު ވެސް އަރާފައިބާއިރު ކިތަންމެ މަޑުން ދުއްވިޔަސް، ބްރޭކަރު ހުންނަ ގޮތުން އުނަގަނޑުގައި ރިއްސާތީ ކަމަށް އޭނާ ބުނެފައިވެއެވެ.

އިތުރު މީހަކު ބުނީ، ކާރާއި ސައިކަލުގައި ދުއްވާ މީހުންގެ ނިސްބަތަށް ބަލާއިރު، ބާރު ސްޕީޑުގައި ދުއްވާ މީހުންގެ އަދަދު މަދު ކަމަށެވެ. އެ ބްރޭކަރުތައް ހަރުކުރުމަކީ ރައްޔިތުންނާއި އަގުބޮޑުކޮށް ގަނެފައި ހުންނަ ވެހިކަލްތަކަށް ދެވޭ ގެއްލުމެއް ކަމަށް އޭނާ ބުންޏެވެ.

"މީހުންގެ އަގު ބޮޑެތި ވެހިކަލްތައް ހަލާކު ކުރަން ކުރާ ކަމެއް ތިއީ. ތި ޖަހާފައި ހުންނަ އިރު ވެސް ބާރަށް ދުއްވާ މީހުން ހުސްކޮށް އޮންނަ ދޭތެރެއިން ދަނީ ދެމިގަނެގެން،" ހުސައިން ނިޔާޒް ކިޔާ މީހަކު ބުނެފައިވެއެވެ.

ކިތަންމެ މަޑުން އެ ބްރޭކަރަށް އެރިއަސް 'އުނަގަނޑު ގުޑޭ' ކަމަށް ބުނެ، މިއީ ބްރޭކަރު ހަރުކުރަން އެންމެ ރަނގަޅު ގޮތްތޯ އިތުރު މީހަކު ވަނީ ފޭސްބުކް ޕޯސްޓެއްގައި އަހާފައެވެ.

https://sun.mv/210718

ހުޅުމާލޭގެ މަގުތަކުގައި ނުރައްކާތެރި އެކްސިޑެންޓުތަކެއް ހިނގައި، ބައެއް މީހުންގެ ފުރާނަ ގެއްލިފައިވެއެވެ. އެފަދަ އެކްސިޑެންޓުތައް މަދުކުރުމަށް ޓަކައި އެޗްޑީސީން މިދިޔަ އަހަރު ހުޅުމާލޭގެ މަގުތަކަށް ބަދަލުތައް ގެނެސް، ވަށްބުރުތަކާއި ސައިން ބޯޑުތައް އިތުރުކޮށްފައިވެއެވެ.

ފާހަގަކުރެވޭ ގޮތުގައި، މީގެކުރިން އަމީނީމަގު ބޭނުންކުރާ މީހުންނަށް އަނިޔާއެއް ލިބުމުގެ ފުރުސަތު އޮތް ގޮތަކަށް އެމަގުގެ ތާރުގަނޑުގައި 'މުލިހިތަކެއް' ފަދަ, ތަންގަނޑުގަނޑު އުފެދިފައި ހުއްޓެވެ. އެކަން 'ސަން'އިން ރިޕޯޓުކުރި ފަހުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އިން ވަނީ އެތަންތަން ރަނގަޅު ކުރުމުގެ މަސައްކަތް ކޮށްފައެވެ.

comment ކޮމެންޓް