އުތުރުގެ ރަށެއްގައި، ގުރޫޕަކުން ކުޑަ ފިރިހެން ކުއްޖަކަށް އަނިޔާކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، އެ މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއަކުން، ފަޅު ގެއެއްގެ ތެރޭގައި ހުރި ކުޑަ ކުއްޖަކަށް ބަޔަކު އަނިޔާކުރާ މަންޒަރު ފެނެއެވެ. އެގޮތުން ފުރަތަމަ ފިރިހެން ކުއްޖަކު ގޮށްމުށުން ކުއްޖާގެ ބޮލުގައި އެކި ފަހަރު މަތިން ޖަހާ މަންޒަރު ވީޑިއޯއިން ފެނެއެވެ.
ކުއްޖާގެ ގައިގައި ފައިން ޖަހައި، ބިންމައްޗަށް ވައްޓާލާ މަންޒަރު ވެސް ވީޑިއޯއިން ފެނެއެވެ.
އެ މައްސަލައާ ގުޅޭ ގޮތުން ފުލުހުން ބުނީ، އުތުރުގެ ރަށެއްގައި ކުޑަ ކުއްޖަކަށް ޖިސްމާނީ އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާކަން ފުލުހުންގެ ސަމާލުކަަމަށް އައިސްފައިވާ ކަމަށެވެ.
އެ މައްސަލައިގައި ބަލަން ޖެހޭ ކަންކަން ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޚިދުމަތާއި ރަށު ޕޮލިސް ސްޓޭޝަން ގުޅިގެން ބަލަމުން އަންނަ ކަމަށް އެ މުއައްސަސާއިން ބުންޏެވެ.
ކުއްޖާގެ ރައްކާތެރިކަމަށް ޓަކައި އެ ވީޑިއޯ ދައުރު ނުކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
މި މައްސަލައިގައި ޝާމިލުވާ ބަޔަކާ ގުޅޭ ގޮތުން އެއްވެސް ތަފުސީލެއް މިހާތަނަށް ލިބިފައިނުވެއެވެ. އެގޮތުން އެއީ ވެސް ކުޑަކުދިންކަން ސާފުވެފައިނުވެއެވެ.
މިދިޔަ އަހަރުގެ މެދު ތެރޭގައި އއ. އަތޮޅުގައި ވެސް އެފަދަ މައްސަލައެއް ފެންމަތިވިއެވެ. އެގޮތުން ކުއްޖަކަށް ބުލީކޮށް އަނިޔާކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވިއިރު، އެ ވީޑިއޯއިން، ކުއްޖާ ގައިގައި ތަޅައި އަނިޔާކޮށް ކުއްޖާ ހިފައިގެން ހުރި ފެންފުޅިއެއް ކުއްޖާގެ ބޮލަށް އޮއްސާލާ މަންޒަރު ފެނެއެވެ.
އެ މައްސަލަ ބަލަން ފުލުހުންގެ ޚާއްސަ ޓީމެއް ވެސް ރަސްދުއަށް ދިޔައެވެ.