މީގެ ހަތަރު އަހަރު ކުރިން، ގއ. މާމެންދޫގައި ގްރޫޕަކުން ހަމަލާދީ އުމުރުން އެންމެ 17 އަހަރުގެ އަހުމަދު އުދައްޔު މަރާލިކަން ސާބިތުވީ ދެ މީހަކު މަރަން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
ފެބްރުއަރީ އަށެއް، 2021ގައި ހިނގި އެ މާރާމާރީގައި އުދައްޔުގެ ބޭބެ، ފިރުޝާން ޒާހިރު ވެސް ޒަޚަމުކޮށްފައިވެއެވެ. އެގޮތުން އޭނާގެ ބުރަކައްޓަށް ތޫނު އެއްޗަކުން ހަމަލާދީފައިވެއެވެ.
ފިރުޝާނަށް ގއ. އަތޮޅު ހޮސްޕިޓަލާއި ގދ. ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ފަރުވާ ދިނެވެ. އުދައްޔުއަށް ފަރުވާ ދެމުން ދަނިކޮށް އޭނާ މަރުވީއެވެ.
އުދައްޔު މަރާލި މައްސަލައިގައި، ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށް ސާބިތުވެ މަރަން ހުކުމްކޮށްފައިވަނީ މާމެންދޫ ރިހިފަރުދާގޭ އަހުމަދު ޝަމީމާއި އެރަށު ގުލްފާމްގޭ މުހައްމަދު މާޒިން އެވެ.
މި ދެ މީހުން މަރަން ހުކުމް ކުރީ، މަރަށް މަރު ހިފުމަށް އުދައްޔުގެ ވާރިސުން އެދިފައިވާތީއެވެ.
މި މައްސަލައިގައި ކުށް ސާބިތުވީ މީހުންގެ މައްޗަށް އަދަބު ކަނޑައެޅުމުގެ ކުރިން، އުދައްޔުގެ ވާރިސުންގެ ބަސް ހޯދުމަށް ބޭއްވި އަޑުއެހުމުގައި އުދައްޔުގެ މަންމައާއި ބައްޕަ ބުނީ އެ މީހުންނަށް ދޭން ބޭނުންވަނީ މަރަށް މަރު ކަމަށެވެ.
"ހަމަ މަރަށް މަރު މަ ބޭނުމީ، ނަފްސަކަށް ނަފްސެއް މަ ބޭނުމީ." އުދައްޔުގެ މަންމަ ޝަރީއަތުގައި ބުންޏެވެ.
އެ މައްސަލައިގައި ދެން ދައުވާ ލިބުނު އެ ރަށު ބިލަތްމާގޭ ޝަރަފް ރަޝީދުގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާކުރި ނަމަވެސް އެ ދައުވާ ސާބިތުނުވާ ކަމަށް ކޯޓުން ކުރިން އޮތީ ނިންމައިފައެވެ. ނަމަވެސް ތޫނު އެއްޗެއް ބޭނުންކޮށްގެން އެހެން މީހަކާ މެދު މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށް ޝަރަފްގެ މައްޗަށް ވަނީ ސާބިތުވެފައެވެ. އެކަމާ ގުޅިގެން ޝަރަފުގެ މައްޗަށް އިއްވީ ހަތް އަހަރުގެ ޖަލު ހުކުމެކެވެ.
އެ ދައުވާ މާޒިންގެ މައްޗަށް ވެސް ސާބިތުވިއެވެ. އެ ކުށަށް އޭނާއަށް އިއްވީ 10 އަހަރުގެ ޖަލު ހުކުމެކެވެ.
އުދައްޔުގެ މަރާ ގުޅިގެން 17 އަހަރުގެ ކުއްޖެއްގެ މައްޗަށް ވެސް ޖުވެނައިލް ކޯޓުގައި ވަނީ ކުރިން ކުށް ސާބިތުވެފައެވެ. އެ ކުއްޖާ 25 އަހަރަށް ޖަލަށްލާން ކުރިން އޮތީ ހުކުމްކޮށްފައެވެ.