ތިނަދޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި، ދެ އަންހެނުންނަށް އަނިޔާވެ، އެކަކަށް އައިސީޔޫގައި ފަރުވާ ދޭން ފަށައިފިއެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ، އެ ސިޓީގެ ގާޒީ މަގާއި ރަންނަބަނޑޭރި މަގު ގުޅޭ ކަންމަތިން ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓުވި މައްސަލައެއް މިއަދު 07:44 ހާއިރު ރިޕޯޓުކުރި ކަމަށެވެ.
މި އެކްސިޑެންޓުގައި އަނިޔާވީ ސައިކަލުގައި ތިބި ދެ އަންހެނުން ކަމަށް ފުލުހުން ބުނެއެވެ. އަދި، ސައިކަލު ދުއްވި މީހާއަށް ފަރުވާ ދެނީ އައިސީޔޫގައި ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
މީގެކުރިން ވެސް އެ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓުތައް ހިނގާފައި އެބަހުއްޓެވެ. އެގޮތުން، ސައިކަލަކާއި ކާރެއް ޖެހި މިދިޔަ އެޕްރީލް މަހު ގެ 27ގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި 31 އަހަރުގެ އަންހެނަކު ވަނީ މަރުވެފައެވެ.