ގޯތީގެ ފަހަތުގައި, ސިޔާސީ ހަފްލާތަކުގަޔާއި, ކޮފީ ބޯލަންދާ ކަޑަ ތަކުން ފެށިގެން މަގުމަތީގައި ޑިއުޓީގަ އިންނަ ސެކިއުރިޓީ އޮފިސަރުވެސް އިންނަނީ މީގެ ގޮނޑިއެއްގައެވެ.
މީގެ ކުރީ އަހަރުތަކުގައި އުފަންދުވަހުގެ ހަފްލާއެއް ބޭއްވިއަސް ބޭނުންކުރަނީ ހަމަ މި ގޮނޑިތަކެވެ. މި ކަހަލަ ގޮނޑިއަށް އަހަރެމެން ކިޔާ އުޅެނީ ޕްލާސްޓިކް ގޮނޑިއެވެ. އަދި މީގެ އަސްލު ނަމަކީ ’މޮނޮބްލޮކް‘ އެވެ. މީ ދުނިޔޭގެ އެންމެ އާންމު ފަރުނީޗަރެއެވެ.

އެންމެ ޕްލާސްޓިކް ގަނޑަކުން ހަދާލާފާ
މޮނޮބްލޮކް މި ލަފްޒުގެ މާނައަކީ އެއް ބްލޮކްއެވެ. ގިނަ ބައިތަކެއް ހުންނަ ލަކުނޑި ނުވަތަ ދަގަނޑު ގޮނޑިތަކާ ޚިލާފަށް މިއީ އިންޖެކްޝަން މޯލްޑިން ކިޔާ ޕްރޮސެސްއެއް ބޭނުންކޮށްގެން އެއް ޕްލާސްޓިކް ގަނޑަކުން ހަދާފާ ހުންނަ ގޮނޑިއެކެވެ.
އެންމެ ފުރަތަމަ 1960 އާއި 1970ގެ އަހަރުތަކުގައި އުފެއްދި މި ގޮނޑި 1980ގެ އަހަރުތަކުގައި މުޅި ދުނިޔެއަށް ފެތުރިގެން ދިޔައެވެ. ސަބަބަކަށްވީ މި ގޮނޑީގެ އަގުހެޔޮ ކަމުންނާއި އަވަހަށް އުފައްދާލެވޭ ޑިޒައިނަކަށް ވީތީއެވެ.
މިއަދާ ހަމައަށް މުޅި ދުނިޔޭގައި ބިލިއަނަކަށް ވުރެއް ގިނަ މޮނޮބްލޮކް ގޮނޑި ހުންނާނެކަމަށް ބެލެވޭ އިރު މީ ދުނިޔޭގެ ތާރިހުގައި ވެސް އެންމެ މަގުބޫލު ނުވަތަ ’ބެސްޓް ސެލިންގް‘ ފަރުނީޗަރެވެ. އެއީ އުފުލާލައިގެން އުޅެލެވޭވަަރަށް ލުއި, ސާފުކުުރަން ފަސޭހަ އަދި ބޭނުންނުކުރާނަމަ މަތިމައްޗަށް ޖަހާލާފާ ރައްކާކުރަން ފަސޭހަވެފައި ގެއިން ބޭރުގައި ކޮންމެ މޫސުމެއްގައި ވެސް ބޭނުންކޮށްލެވޭ އެއްޗަކަށް ވާތީއެވެ. މިކަމުގެ ސަބަބުން ގިނަ ކޮމިއުނިޓީ ސަަރަހައްދުތަކުގަޔާއި ސްކޫލް އަދި ކެފޭތަކުގައި މި ގޮނޑި ބޭނުންކުރެއެވެ.

މީހުންގެ ލޯބި ލިިބި އެވަރަށް ފާޑުކިއުން ވެސް އަމާޒުވި
ބައެއް މީހުންނަށް މި ގޮނޑި އަކީ ހަމަހަމަ ކަމުގެ ރަމްޒެކެވެ. އެއީ ވަކި ދަރަޖައެއް ނެތި އެކި ފެންވަރުގައި ބޭނުންކުރާ ހުރިހާ ވައްތަރެއްގެ ހަފްލާތަކުގަޔާއި ގޭގޭގައި މި ގޮނޑި ފެންނަން ހުންނާތީއެވެ. އަނެއް ބަޔަކު މީ ޕްލާސްޓިކުން އުފައްދާ އެއްޗަކަށް ވެފައި މީގެން އުފެދޭ ޕްލާސްޓިކް ކުނިތަކާ މެދު ކަންބޮޑުވާތީ ހިތްހަމަނުޖެހެއެވެ.
ފާޑުކިއުންތައް އަމާޒުވީ ނަމަވެސް ޑިޒައިން ކަންކަމުގެ މާހިރުން ދެކެނީ މޮނޮބްލޮކް އަކީ ކާމިޔާބު އުފެއްދުމެއްގެ ގޮތުގައެވެ. އެއީ ގޮނޑިއެއްގެ މަގްސަދަށް އެހާ ފުރިހަމައަށް ހިދުމަތް ކުރާ ޑިޒައިނެއްގެ ގޮތުގައެވެ.

މީ ’އައިކޮން‘ އެއް
މޮނޮބްލޮކް ގޮނޑިއަކީ ސްޓައިލް އަދި ސްޓޭޓަސްއާއި އެއްވެސް ވަަރަކަށް ގުޅުން ހުރި ކަމެއް ނޫނެވެ. މީ އާންމު ދިރިއުޅުމުުގައި ބޭނުންތެރި, އަމަލީ އަދި ދުވަހުގެ ކޮންމެ ކަމެއްގައި ވެސް ބައިވެރި ކޮށްލެވޭނެ އެއްޗަކަށް ވަނީ ވެފައެވެ. ރަށުތެރޭގެ އެއްވުންތަކުން ފެށިގެން ގޭތެރޭގެ އެކި ކަންކަމުގައި ޒަމާނުއްސުރެ ބައިވެރިވެ އަހަރުމެން ހިއްސާކުރާ ދުނިޔޭގެ ބަޔަކަށް މި ޕްލާސްޓިކް ގޮނޑި ވެއްޖެއެވެ.